އިނގިރޭސި ޕްރިމިއާ ލީގުގެ އައު (2022/23) ސީޒަންގައި ލިވަޕޫލް ކުޅުނު ފުރަތަމަ މެޗު އެއްވަރު ވެއްޖެއެވެ.

މިރޭ ފުލަމްގެ ދަނޑުގައި ލިވަޕޫލާއި ފުލަމް ބައްދަލުކުރި މެޗު ނިމިފައި ވަނީ 2-2 ގެ ނަތީޖާއަކުން ދެ ޓީމް އެއްވަރު ވެގެންނެވެ.

Ad
rt

ހީކުރެވުނު ގޮތާއި ޚިލާފަށް މެޗުގައި ދެ ފަހަރު ވެސް ލަނޑުޖަހައި ލީޑު ނަގާފައި ވަނީ ފުލަމުންނެވެ. މެޗުގެ ފުރަތަމަ ލަނޑު 32 ވަނަ މިނެޓުގައި ލިވަޕޫލްގެ އޭރިއާތެރެއަށް ފުލަމްގެ ކެނީ ޓެޓޭ ހުރަސްކޮށްދިން ބޯޅަ ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން ކާމިޔާބު ކޮށްދީފައި ވަނީ އަލެކްސެންޑާ މިޓްރޮވިޗެވެ. މެޗުގެ ފުރަތަމަ ހާފު ނިމިފައި ވަނީ ފުލަމް ކުރީގައި އޮވެގެންނެވެ.

ލިވަޕޫލުން މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައި ވަނީ 64 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދީފައި ވަނީ ބެންފީކާ އިން އަގުބޮޑު ޓްރާންސްފާ ފީއެއްގައި ލިވަޕޫލަށް ބަދަލުވި ނޫނޭޒްއެވެ. އޭނާ ކުޅެން ނުކުމެފައި ވަނީ ވެސް ދެވަނަ ހާފުގެ ކުރީކޮޅު ބަދަލު ކުޅުންތެރިއެއްގެ ގޮތުގައެވެ.

ފުލަމުން މެޗުގައި ދެވަނަ ފަހަރަށް ލީޑު ނަގާފައި ވަނީ 72 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުންނެވެ. މި ޕެނަލްޓީ ކާމިޔާބު ކޮށްދީފައި ވަނީ އެ ޓީމަށް ފުރަތަމަ ލަނޑު ޖަހައިދިން މިޓްރޮވިޗެވެ.

ލިވަޕޫލުން ދެވަނަ ފަހަރަށް ނަތީޖާ ހަމަހަމަ ކޮށްފައި ވަނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ދިހަ މިނެޓަށް ވެފައި ވަނިކޮށެވެ. މި ލަނޑު ނުނޭޒް ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ ސަލާހެވެ.