މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ޤައުމީ ހިންގާ ކައުންސިލްގެ އިންތިޚާބު ފެށިގެން ކުރިއަށްދާ ކަމަށް އެޕާޓީން ބުނެފިއެވެ.

މި އިންތިޚާބުގެ ވޯޓުލުން ފެށުނީ މިއަދު ހެނދުނު 8:00 ގައެވެ. މި އިންތިޚާބުގެ ވޯޓުލުން މިއަދު ހަވީރު 16:00 އާއި ހަމައަށް ކުރިއަށް ދާނެއެވެ.

Ad
rt

އެމްއެންޕީން ބުނެފައިވާ ގޮތުގައި، އެ ޕާޓީގެ އެތެރޭގެ އިންތިޚާބުގައި 185 މަޤާމަކަށް 196 ފަރާތަކުން ކުރިމަތިލިއެވެ. އަދި އޭގެ ތެރެއިން 180 މަޤާމަކަށް ކުރިމަތިލާފައިވަނީ ކޮންމެ މަޤާމަކަށް 1 މެންބަރު ކަމަށެވެ.

އެމްއެންޕީގެ އިންތިޚާބީ ޤަވާއިދުގައި އެ ޕާޓީގެ ޤައުމީ ހިންގާ ކައުންސިލްގެ އެއް މަޤާމަކަށް އެންމެ ކެނޑިޑޭޓެއް ކުރިމަތިލާފައިވާނަމަ، އެމެންބަރަކު އެމަޤާމަކަށް ހޮވުނީ ކަމަށް ބަޔާންކޮށްފައިވުމާއެކު، މި އިންތިޚާބުގައި 180 މަގާމަށް ކުރިމަތިލީ އެއިން ކޮންމެ މަގާމަކަށް އެއް ކެންޑިޑޭޓުކަމުން އެ 180 މަޤާމަށް ކުރިމަތިލީ މެންބަރުން އިންތިޚާބަކާއިނުލައި އެމަޤާމުތަކަށް ވަނީ ހޮވިފައެވެ.

އެހެންކަމުން އެމްއެންޕީގެ ޤައުމީ ހިންގާ ކައުންސިލްގެ މަޤާމުތަކުގެ ތެރެއިން މިއަދު ވޯޓުލަނީ ފަސް މަޤާމަކަށް މެންބަރުން ހޮވުމަށެވެ. އެ މަޤާމުތަކަކީ،

  • ވިމެންސް ވިންގގެ ލީޑަރ،
  • ޔޫތު ވިންގގެ ލީޑަރ،
  • ނޮޅިވަރަމް ދާއިރާ (އަޕަރ ނޯތު ރީޖަން) (ހދ) ރައީސް،
  • ހޮޅުދޫ ދާއިރާ (ނޯތު ރީޖަން) (ނ) ނާއިބު ރައީސް
  • ތުޅާދޫ ދާއިރާ (ނޯތު ރީޖަން) (ބ) ރައީސް އެވެ.

މި މަގާމުތަކަށް މެންބަރުން ހޮވުމަށް 54 ރަށެއްގައި ވޯޓުލުން ކުރިއަށްދާކަމަށް އެ ޕާޓީން ބުނެއެވެ.

އެމްއެންޕީގެ އެދުމަކީ މި އިންތިޚާބު ވީހާ ވެސް ހަމަހަމަކަމާއި އިންސާފުވެރިކަމާއެކީ ކުރިއަށް ގެންގޮސް ނިންމާލުން ކަމަށް ވެސް އެ ޕާޓީން ބުނެފަވެއެވެ.