ދެވަނަ ފިޔަވަހީގައި ތަރައްގީކުރި ސްޓެލްކޯގެ ފްލެޓްތައް، މުވައްޒަފުންނާ ހަވާލުކޮށްފިއެވެ.
ސްޓެލްކޯގެ ފްލެޓްތަކުގެ ތަޅުދަނޑި ހަވާލުކޮށްފައި ވަނީ މިއަދު ހެނދުނު، ސްޓެލްކޯ ފްލެޓް ޓަވަރު ކައިރީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.
މި ރަސްމިއްޔާތުގައި ފްލެޓްގެ ރަމްޒީ ތަޅުދަނޑި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ޝަރީފަށް އެރުވުމުން ޝަރީފް ވަނީ އެ ތަޅުދަނޑި ސްޓެލްކޯގެ ހައުސިން ޕްރޮޖެކްޓް ކޯޑިނޭޓިން ކޮމިޓީއާ ހަވާލުކޮށްފައެވެ.
މިއަދުގެ ރަސްމިއްޔާތުގައި ޝަރީފް ވިދާޅުވީ ސްޓެލްކޯގެ ހައުސިން ޕްރޮޖެކްޓް ކޯޑިނޭޓިން ކޮމިޓީން، ފްލެޓްތަކަށް ނަން ކިޔުން އޭނާއާ ހަވާލުކޮށްފައިވާ ކަމަށެވެ. އެހެން ކަމުން ފްލެޓަށް ނަން ކިޔާފައި ވަނީ ސްޓެލްކޯއާ ގުޅޭނެހެން ވަރަށް ވިސްނުމަށްފަހު ކަމަށެވެ.
އެގޮތުން މި ފްލެޓުތަކަށް ޝަރީފު ދީފައިވާ ނަމަކީ "ބްލޫ ރިޖް"އެވެ. ނަމުގެ ބްލޫ ރަމްޒު ކޮށްދެނީ ސްޓެލްކޯ ކަމަށާއި ރިޗް އަކީ ފްލެޓުތައް ކަމަށް ޝަރީފް ވިދާޅުވިއެވެ.
@STELCOMALDIVES handovers staff housing apartments at a ceremony held today. #MyHulhumalé pic.twitter.com/39uTqNuY8q
— HDC (@hdcmaldives) August 6, 2022
ޝަރީފް ވިދާޅުވީ، ފްލެޓްތައް އެޅުމަށް 692 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށެވެ. ނަމަވެސް ނެގޯޝިއޭޝަންތަކަށްފަހު މުވައްޒަފުން އަތުން ނަގަން ނިންމީ 623 މިލިއަން ރުފިޔާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ބާކީބައި ދެއްކުމަށް ހަމަޖެހިފައި ސްޓެލްކޯއިން ކަމަށް އޭނާ ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ ފްލެޓުގެ އަގުގެ ގޮތުގައި ނަގަން ހަމަޖެހިފައިވާ 623 މިލިއަނުގެ ތެރެއިން 20 އިންސައްތަގެ ގޮތުގައި 114 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށެވެ.
ޝަރީފް ވިދާޅުވީ ސްޓެލްކޯގެ ފްލެޓު ލިބުނު 360 މުވައްޒަފުންގެެ ތެރެއިން 203 މުވައްޒަފުންނަށް ސްޓެލްކޯއިން ލޯނު ދޭން ނިންމާފައިވާ ކަމަށެވެ. އަދި އެހެން އެކަން ކުރުމުން މުވައްޒަފުން އަތުން 3.7 މިލިއަން ރައްކާ ކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ހިޔާ މަޝްރޫއުގެ ދަށުން ސްޓެލްކޯއިން ވަނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ދެ ޓަވަރެއްގެ މަސައްކަތް ނިންމާފައެވެ. މީގެ ތެރޭގައި ހިމެނެނީ އެއް ކޮޓަރީގެ 72 އެޕާޓްމަންޓާއި ދެ ކޮޓަރި އާއި މެއިޑް ރޫމާއެކު ތިން ކޮޓަރި ހިމެނޭ 288 އެޕާޓްމަންޓު ހިމެނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!