މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން މާލޭގައި އަލަށް ފަށަން ތައްޔާރުވަމުން އަންނަ މިނީބަހުގެ ހިދުމަތް ފުރަތަމަ ދެ ހަފްތާގައި ހިލޭ ލިބޭނެ ކަމަށް އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

އާޒިމް މިހެން ވިދާޅުވީ ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި ވާހަކަދައްކަމުންނެވެ. އޭނާ ވިދާޅުވީ މާލޭގައި މިނީބަހުގެ ހިދުމަތް ފެށުމަށްވާންޖެހޭ ތައްޔާރީތައް ނިމިފައިވާ ކަަމަށެވެ. އެގޮތުން ދަތުރުތައް ފަށައިގެން ފުރަތަމަ ދެ ހަފްތާ ރޫޓުތައް ދިރާސާ ކުރާނެ ކަމަށާއި އެ ދެ ހަފްތާ ދަތުރުތައް ކުރާނީ ހިލޭ ކަމަށް އޭނާ ވިދާޅުވިއެވެ.

Ad
rt

ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް) ގެ ދަށުން އައްޑޫ ސިޓީ އާއި ފުވައްމުލައް ސިޓީ އާއި ލ. އަތޮޅުގައިވެސް މިނީ ބަހުގެ ޙިދުމަތް ފަށާފައިވާއިރު އެތަންތަނުގައިވެސް ފުރަތަމަ ދެ ހަފްތާ އަމަލު ކުރާނީ އެގޮތަށް ކަމަށް އާޒިމް ވިދާޅުވިއެވެ.

ސްކޫލް ކުދިންނާއި އުމުރުން ތިން އަހަރުން ދަށުގެ ކުދިންނާއި ހާއްސަ އެހީއަށް ބޭނުންވާ މީހުން އަދި އުމުރުން 65 އަހަރުން މަތީގެ މީހުންނަށް އަބަދުވެސް ބަހުގެ ހިދުމަތް ހިލޭ ލިބޭނެއެވެ.

އެމްޓީސީސީން ވަނީ މާލޭ އާއި ތިން އަތޮޅެއްގައި މިނީ ބަހުގެ ހިދުމަތް ފެށުމަށްޓަކައި މިދިޔަ މަހު 36 ބަސް ރާއްޖެ ގެނެސްފައެވެ. އަދި މި މަހުގެ ފަހުކޮޅު އިތުރު ފަސް ބަސް ރާއްޖެ ގެނައުމަށް ވަނީ ހަމަޖެހިފައެވެ.

އަތޮޅޮތަކުގައި މިނީ ބަހުގެ ހިދުމަތް ފަށާފައިވާއިރު މާލޭގައި ބަހުގެ ހިދުމަތް ފެށުމަށްޓަކައި ކުރަންޖެހޭ މަސައްކަތް އަންނަނީ ކުރަމުންނެވެ. އެމްޓީސީސީ އާއި މާލެ ސިޓީ ކައުންސިލުން މިހާރު އަންނަނީ ބަސް ސްޓޮޕްތައް ހެދުމަށް މަގުތަކުގެ ޕާކިންތައް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންނެވެ.