މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ތަރުޖަމާނުގެ މަގާމަށް ޝިދާތާ ޝަރީފް އައްޔަންކޮށްފި އެވެ.
އެމްއެންޕީގެ ތަރުޖަމާނުގެ މަގާމް ހުސްވެފައިވަނީ ކުރިން އެމަގާމުގައި ހުންނެވިއަސްރާ އަހުމަދު އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ.
މިއަދު ހަވީރު އެމްއެންޕީގެ ސްޕޯކްސްޕަރސަން ތަޢާރަފްކުރުމަށް ހަރަކާތެއްވެސް އެޕާޓީގެ ފަރާތުން ވަނީ ބާއްވާފައެވެ.
މިހަރަކާތުގައި ވާހަކަފުޅުދައްކަވަމުން ޕާޓީގެ ރައީސް ކާނަލް (ރޓޑ) މުޙައްމަދު ނާޒިމް ވިދާޅުވީ އެމްއެންޕީ އުފެދުނީ ޤައުމީ ފިކުރުގެ ގޮތުގައި ކަމަށާއި ފާއިތުވި ކުރު މުއްދަތުގެ ތެރޭގައި ރާއްޖޭގެ އެއްވެސް ސިޔާސީ ޕާޓީއަކަށް ގިރާ ކުރެވިފައިނުވާ، ވަރަށް ކާމިޔާބު ހަރުފަތްތަކެއް އެމްއެންޕީން ގިރާކޮށްފިކަމަށެވެ. އަދި ކުރިޔަށް އޮތް ތަނުގައި ޕާޓީން ކުރަންހުރި ބޮޑެތި މަސައްކަތްތަކުގައި ޕާޓީގެ އައު ސްޕޯކްސްޕަރސަން ޝިދާތާގެ ޚިއްޞާ ބޮޑު ކަމަށެވެ.
މިއަދުގެ ބޭއްވުނު ހަރަކާތުގައި ޝިދާތާ ވިދާޅުވީ ރާއްޖޭގެ ސިޔާސީ ގޮތުން ނެގި ބޮޑެތި ބިޔަ ރާޅުތަކުގެ ތެރޭގައި އަޅުގަނޑުމެން ފަތައިފިން ކަމަށާއި، ބިރުވެރިކަމާއި ނާމާންކަމުގެ ތެރޭގައިވެސް ޤާނޫނު ނަގަހައްޓާ، ރައްޔިތުންގެ ޙައްޤުގައި އަޑު އުފުލި ކަމަށެވެ. އަދި މިއަދު އަަޅުގަނޑުމެން ކުރިޔަށް ފިޔަވަޅު އަޅަމުން މިދަނީ އެތަޖުރިބާތަކުގެ އަލީގައި ކަމަށެވެ.
ޕާޓީގެ އައު ސްޕޯކްސްޕަރސަންއާއެކު ޕާޓީގެ އަޑު ސިޔާސީ ގޮތުން އިތުރަށް ވަރުގަދަވެގެންދާނެކަން ޔަޤީން ކުރާކަމަށް އެޕާޓީން ބުނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!