ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ފޯނު ފޭރިގަނެގެން މީހަކު ދުވެ ފިލިއިރު އެމަނިކުފާނުގެ ސެކިއުރިޓީ އާއި ގުޅޭގޮތުން މިވަގުތު ކޮމެންޓްއެއް ނެތްކަމަށް އެމްއެންޑީއެފް އިން ވިދާޅުވެއްޖެ އެވެ.

މޭ 6 ވަނަ ދުވަހު މަޖީދީމަގުގައި ދިން ބޮމުގެ ހަމަލާއަށްފަހު ރައީސް ނަޝީދު އަށް އެމްއެންޑީއެފް އިން އަންނަނީ ވަރުގަދަ ސެކިއުރިޓީއެއް ފޯރުކޮށްދެމުންނެވެ. އަދި ތިން ބާރުގެ ވެރިންގެ ތެރެއިން މަޖިލީހުގެ ރައީސާއި އުއްތަމަފަނޑިޔާރަށް ރަސްމީ ގޭގެ ހަމަޖައްސާ ގޮތަށް ގާނޫނަށް ބަދަލު ގެނައީ ރައީސް ނަޝީދު އަވަހާރަކޮށްލުމަށް ޓެރަރިސްޓް ހަމަލާއެއް ދިނުމާ ގުޅިގެން ސެކިއުރިޓީ ހާލަތު ވަރުގަދަ ކުރުމަށެވެ.

Ad
rt

މިވަރުކަމެއް ހިނގައިގެން ދިޔަ އިރު ރައީސް ނަޝީދުގެ ސެކިއުރިޓީއާއި ގުޅޭގޮތުން ގިނަބަޔަކު އަންނަނީ ސުވާލުކޮށް ކަނބޮޑުވުން ފާޅުކުރަމުންނެވެ، މިކަން ސާފުކުރުމަށް އެމްއެންޑީއެފްގެ މީޑިޔާއާއި "ތިލަދުން" އިން ސުވާލު ކުރުމުން ވިދާޅުވީ މިވަގުތު ކޮމެންޓްއެއް ނެތް ކަމަށެވެ. އަދި ރައީސް ނަޝީދު ޔޫކޭއަށް ވަޑައިގެންނެވި އިރު އަރިހުގައި ސެކިއުރިޓީ ދިޔަތޯ ސުވާލުކުރުމުން އެއަށްވެސް ވަކި ޖަވާބެއް ނުދެއްވަ އެވެ.

ފޯނު ޖަހައިގަނެގެން މީހަކު ދުވެ ފިލާފައިވާކަން ކަށަވަރު ކޮށްދެއްވީ ރައްޔިތުން މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އެވެ. ރައްޔިތުން މަޖިލީހުގެ ރަސްމީ ވަޓްސްއެޕް ގުރޫޕަށް މެސެޖު ކުރައްވަމުން އީވާ ވިދާޅުވީ، ރައީސް ނަޝީދުގެ ދަރިކަނބަލުން، އީވާ އަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ ރެސްޓޯރެންޓެއްގައި ކޭންބައްލަވަން ތިއްބާ ނަޝީދުގެ ފޯނު ފޭރިގަނެގެން މީހަކު ދުވެ ފިލާފައިވާ ކަމަށެވެ. އަދި ނަޝީދުގެ ނަމްބަރު ބްލޮކްކޮށްދެއްވުމަށް ވެސް ދަރިކަނބަލުން އެދިފައިވެ އެވެ.

މިއާއި އެކު މަޖިލީހުގެ ރަސްމީ ގުރޫޕުން ނަޝީދުގެ ނަންބަރު ވަނީ ބޭރުކޮށްފަ އެވެ.

ނަޝީދުގެ ފޯނު ފޭރިގަތް އިރު އެމަނިކުފާނުގެ ސެކިއުރިޓީ ކޮބައިތޯއޭ ވިދާޅުވެ ޕީއެންސީގެ ނާއިބް ރައީސް އަދި މަޑުއްވަރީ މެމްބަރު އާދަމް ޝަރީފްވެސް ވަނީ ސުވާލު އުފައްދަވާފަ އެވެ.

ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ، އެ ހާދިސާ ހިނގިއިރު ރައީސް ނަޝީދުގެ ސެކިއުރިޓީ ގާޑުން ކޮބައިތޯ އާއި އެމަނިކުފާނުގެ ސެކިއުރިޓީ އަށް މިވަނީ ކިހިނެތްތޯ ސުވާލު ކުރަށްވާފައެވެ.

ސީޝެލްސް އަށް ކުރެއްވި ރަސްމީ ދަތުރުފުޅަކަށްފަހު ނަޝީދު މިވަގުތު ހުންނެވީ އިނގިރޭސިވިލާތުގަ އެވެ. ނަޝީދުގެ އާއިލާ ދިރިއުޅުއްވަނީ އެގައުމުގަ އެވެ.

މަޖިލިސް މިވަގުތު ޗުއްޓީގައި އޮތްއިރު މި މަހުގެ 18 ވަނަ ދުވަހު މަޖިލީހުގެ ޖަލްސާތައް އަލުން ފެށުމަށް ވަނީ ހަމަޖެހިފަ އެވެ.

ރައީސް ނަޝީދުގެ ފޯނު ފޭރިގެންފައި މި ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހިލޭ އަންހެނަކާއި އެކު ޖިންސީ ގުޅުން ހިންގަވަނިކޮން ނަގާފައިވާ 4 ގަނޑު ފޮޓޯ އެމަނިކުފާނަށް މީހަކު ފޮނުވިކަމަށް ވިދާޅުވެފައިވަނިކޮންނެވެ.

ނަޝީދު އެހެން ވިދާޅުވެފައިވަނީ ލިވާތުކުރި ކަމުގެ ތުހުމަތުގައި ނަޝީދުގެ ކޮއްކޯފުޅު ނާޒިމް ސައްތާރު ހައްޔަރުކުރުމާ ވިދިގެން ކޯފާ އިސްކުރައްވާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ގުރޫޕަށް ކުރެއްވި މެސެޖެއްގައެވެ.

މަޖިލިހުގެ ރައީސްކަމުގެ މަގާމުން އެމަނިކުފާނު ވަކިކުރުމަށް ރައީސް ސާލިޙް ފެކްޝަންއަށް ނިސްބަތްވާ އެމްޑީޕީގެ ބައެއް މެމްބަރުން ގެންދަވަނީ ސޮއިކުރައްވަމުންނެވެ. މަޖިލިސް ހުޅުވުމާ އެކު އެ މައްސަލަ ވައްދާނެ ކަަމަށް މަޢުލޫމާތު ލިބެ އެވެ.