ދިވެހި ރާއްޖެއިން އުމްރާއަށް މީހުން ގެންދިއުމަށް ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު އިސްލާމިކް މިނިސްޓްރީން ހުޅުވާލައިފި އެވެެ.

އިސްލާމިކް މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ، ދިވެހިރާއްޖެއިން އުމްރާއަށް މީހުން ގެންދިއުމަށް އެކުލަވާލާފައިވާ އުސޫލު ގައިވާގޮތުގެ މަތިން އެކަމަށް އެދި ޕްރޮޕޯސަލް ހުށަހެޅޭނީ އެ އުސޫލުގައި ކަނޑައަޅާފައިވާ ޝަރުތުތައް ފުރިހަމަވާ ކުންފުނިތަކަށް އެކަނި ކަމަށެވެ.

Ad
rt

ޕްރޮޕޯސަލް ހުށަހަޅާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަތުރުތަކުގެ ތެރޭގައި ކުންފުންޏަކީ އުމްރާއަށް މީހުން ގެންދިއުމުގެ ހިދުމަތް ދިނުން ހިމެނޭ ކުންފުންޏަކަށް ވާންޖެހެ އެވެ. މީގެ އިތުރުން 100 ޕަސެންޓް ދިވެހިންގެ ހިއްސާ އޮންނަ ކުންފުންޏަކަށް ވުމާއި ހައްޖަށް ނުވަތަ އުމްރާއަށް ގެންދިއުމުގައި އެއްވެސް ފަރުދެއްގެ އަތުން ދިވެހިރާއްޖެއިން އުމްރާއަށް މީހުން ގެންދިއުމާބެހޭ އުސޫލާ ހިލާފަށް ފައިސާ ނަގާފައިވާނަމަ ނުވަތަ އުމްރާއަށް ދާން އެދޭ ފަރާތްތަކުން ފައިސާ ނަގައި އެ ފައިސާއަށް ހިޔާނާތްތެރިވެފައިވާކަން ސާބިތުވެފައިނުވާ ކުންފުންޏަކަށް ވާންޖެހޭނެ ކަމަށް ބަޔާންކޮށްފައިވެ އެވެ.

އުމްރާއަށް ހުށަހަޅަން ބޭނުންވާ ކޮންމެ ކުންފުންޏަކުންވެސް އެކަމުގެ ހުއްދައަށް އެދުމުގެ ފުރުސަތު ހުޅުވާލާފައިވާ އިރު ކުންފުނީގެ މައުލޫމާތާއި އުމްރާއަށް މީހުން ގެންދިއުމަށް އެދޭ އަދަދާއި އުމްރާއަށް މީހުން ގެންދިއުމުގައި ކުންފުނިން އަމަލު ކުރާނެ ގޮތުގެ ނުކުތާތައް އެކުލެވޭ، ޕްރޮޕޯސަލެއް ހުށަހަޅަންޖެހޭނެކަން ވެސް އިސްލާމިކް މިނިސްޓްރީން ބުނެ އެވެ.

އިސްލާމިކް މިނިސްޓްރީން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ އުމުރާއަށް މީހުން ގެންދިއުމަށް ޝައުގުވެރިވާ ފަރާތްތަކަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުސަތު 16 އޮގަސްޓް 2022 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ.

އިސްލާމިކް މިނިސްޓްރީން ބުނެފައިވަނީ ޕްރޮޕޯޒަލް ފޮތް މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެކަމަށެވެ. އަދި ޕްރޮޕޯޒަލް ހުށަހަޅާނީ ސިޓީއުރައެއްގައި ބަންދުކޮށް، ސިޓީއުރައިގެ ބޭރުގައި "ދިވެހިރާއްޖެއިން އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދައަށް އެދި" މިހެން ލިޔެފައިކަމަށެވެެ.

ޕްރޮޕޯޒަލް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 9 އޮގަސްޓް 2022 ވަނަ ދުވަހުން ފެށިގެން 16 އޮގަސްޓް 2022 ގެ ނިޔަލަށް ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހަކު 09:00 އިން 13:30 އަށް އިސްލާމިކް މިނިސްޓްރީގެ ކައުންޓަރުންނެވެ.