ހިދާޔަތަކީ ވަރަށްވެސް ބޮޑު ނިޢުމަތެކެވެ. ޙިދާޔަތް ދެއްކެވުމުގެ “ޞަލާޙިއްޔަތު” އެމީހެއްގެ ކިބައިގައި ވާކަން މާތް ﷲ މޮޅަށް ދެނެވޮޑިގެންވާ ފަރާތްތަކަށް އެއިލާހު ހިދާޔަތް ދައްކަވައެވެ. އަޅުގަނޑުމެން ދިވެހިންނަކީ އިސްލާމް ދީނުގެ ހިދާޔަތުގެ މަތިވެރި ނިޢުމަތް އެންމެ ކުޑައިރުއްސުރެ ވެސް ތަޖުރިބާ ކުރަމުންދާ ބައެކެވެ.
ފިޠުރަތުގެ ސާފުކަން މަތީގައި އުފަންވުމާއެކު ފިޠުރަތުގެ ދީނުގެ މަތިވެރި ތަރުބިއްޔަތުގެ މަތީގައި ބޮޑުވުމުގެ ނަސީބު އަޅުގަނޑުމެން ދިވެހިންނަށް ލިބިފައި ވުމަކީ އަޅުގަނޑުމެން އަބަދުވެސް އެ ނިޢުމަތަކަށް ޝުކުރު ވެރިވާން ޖެހޭ ނިޢުމަތެކެވެ. ނަމަވެސް އިސްލާމް ދީނުގެ ނިޢުމަތް ލިބިފައި ވުމާއެކުވެސް، އަޅުގަނޑުމެން އެންމެގެ ވެސް އުޅުންތަކާއި ގުޅުންތައް ތަފާތެވެ. ދިރިއުޅުމުގެ ޙާލަތު ތަފާތެވެ. އަދި އީމާންކަން އެކި ދުވަސްވަރުގައި އެކި ޙާލަތްތަކުގައި އެކި މިންވަރަށް ބަދަލުވެ ބަދަލުވެ ހުރެއެވެ.
ޙަޤީޤަތުގައި އެއީ މައްސަލައެއް ވެސް ނޫނެވެ. އެހެނީ އީމާން ކަމަކީ އަޅުގަނޑުމެންގެ މާތް ނަބިއްޔާވެސް ޙަދީޘް ކުރައްވާފައިވާ ފަދައިން އެތައް ބަޔަކަށް ބެހިގެންވާ އެއްޗެކެވެ. އީމާންކަން މަތިވާ ޙާލަތްތަކާއި ދަށްވާ ޙާލަތްތައް ވެސް އަންނާނެއެވެ. އެއީ އެކަން ހިނގާ ގޮތެވެ. ނަމަވެސް އަޅުގަނޑުމެންގެ އީމާންކަން ވީހާ ވެސް މަތީ ހަރުފަތެއްގައި ބެހެއްޓުމަށް އަބަދުވެސް މަސައްކަތް ކުރަންވާނެއެވެ.
ކޮންމެއަކަސް ވަރަށް ގިނަ ފަރާތްތަކަށް، އެފަރާތްތަކުގެ ޙަޔާތުގެ ކުރީބައި އެކިއެކި ސަބަބުތަކާހުރެ ހޭދަކުރެވެނީ އެހާ ފަޚުރުވެރިވާ ފަދަ ކޮތަކަށެއް ނޫނެވެ. ދަންނަވަން މިއުޅޭ ވާހަކައަކީ، ދީނާއި ދީނީ ވިސްނުމާއި ދީނީ އަޅުކަންތަކާމެދު ޣާފިލުވެފައިވާ ފަދަ ޙާލަތެއްގައި ޙަޔާތުގެ ކުރީގެ ދުވަސްތަކެއް ހޭދަ ކުރުމަކީ ވަރަށް ގިނަ ފަރާތްތަކެއް ތަޖުރިބާ ކޮށްފައިވާ ކަމެކެވެ.
އެއްބަޔަކަށް ސިޔާސީ ކަންކަމުގެ ތެރެއަށް ޣަރަޤުވެ ތިމާ ނިސްބަތްވާ ޕާޓީއަކީ ތިމާގެ ދީނަށް ވެފައި ޕާޓީގެ އިސް ލީޑަރަކީ އިލާހު ކަމުގައި މަޢުނަވީ ގޮތެއްގައި ނަމަވެސް ބެލެވިފައިވެއެވެ. އަނެއް ބަޔަކު، މަސްތުވާ ތަކެތީގެ އަވައިގައި ޖެހި، އެކަމުގެ ތެރޭގައި ޙަޔާތުގެ ރަން ޒަމާން ކަމަށްވާ ޒުވާން ދުވަސްވަރު ވިއްސިވިހާލި ކޮށްލައެވެ. އަނެއްބަޔަކު، ގޭންގުތައް ހަދައިގެން މާރާމާރީ ތަކާއި ވައްކަމާއި ފޭރުމާއި މިނޫންވެސް ކަންކަމުގެ ތެރޭގައި އެބައިމީހުންގެ ނަފްސުތަކުން އިސްރާފު ކުރަމުން ދެއެވެ. އަނެއް ބަޔަކު ލަވަޔާއި މިއުޒިކާއި ފާޙިޝް ޢަމަލު ތަކުގެ މަސްތީ ދުނިޔެއެއްގައި ޣާފިލުވެފައި ތިބެއެވެ. ނަމަވެސް، މިފަދަ ޙާލަތްތަކުގައި ވާ މީހުން އެގޯސް އުޅުންތައް ދޫކޮށް އިސްލާޙުވާ ކަމަކީ ވަރަށް ގިނައިން ފެންނަ ކަމެކެވެ.
އޭގެތެރެއިން ވަރަށް ގިނަ މީހުން ޙައްޤުގެ މަގަށް ރުޖޫޢަވެ، ޢަމަލުތައް އިސްލާޙު ކުރުމަށް މެދުވެރިވަނީ ތޮށަލި ދުޅައެއް ފަދައިން ދާ ދުނިޔޭގެ ޙަޔާތުގައި ދިމާވާ ބައެއް ކަންކަމެވެ. އެއީ މީހަކު ހިތް ހުޅުވިފައި ވާ ގަޑިއެއްގައި ފޭސްބުކް ގެ ދީނީ ނަޞޭޙަތް ފަތުރާ ޕޭޖަކުން ފެނުނު ނަޞޭޙަތުގެ ޕޯސްޓަކަށްވެސް ވެދާނެއެވެ. ނުވަތަ ރައްޓެއްސަކު އަޑު އަހާލާށޭ ކިޔާފައި ދިން ދަރުހަކަށްވެސް ވެދާނެއެވެ. ނުވަތަ ޙަޔާތުގައި މެދުވެރިވި ބޮޑު މުޞީބާތަކަށް ވެސް ވެދާނެއެވެ.
އެ މުޞީބާތެއް އައިސް ޖެހުމާއެކު ތިމާއަކީ އެއްވެސް މީހެއް ނޫންކަމާއި ތިމާ އެފަރާތަކަށް ޙާޖަތް ޖެހިފައިވާ އިލާހެއް ވާކަން ހަނދާންވެ، އެފަރާތަކަށް ރުޖޫޢަވުމަށް އަވަސްވެގަނެވެއެވެ. މިހެންގޮސް ސަބަބުތައް ކިޔަން ފަށައިފި ނަމަ ކޮޅުން ނުލާނެއެވެ. ކޮންމެއަކަށް އިޞްލާޙުވެ، ޙައްޤުގެ މަގަށް ރުޖޫޢަވާ މީހާ ހަނދާނުގައި ބަހައްޓަން ޖެހޭ ވަރަށް ބައިވަރު ކަންކަން ވެއެވެ.
ޝައްކެއް ނެތް ގޮތުގައި އިޞްލާޙުވެގަންނަ ދުވަސްވަރަކީ ނުވަތަ އާންމުކޮށް ބޭނުން ކުރެވޭ ބަސްކޮށާރުން ނަމަ “ޗޭންޖު” ވާ ދުވަސްވަރަކީ ވަރަށް ވަރުގަދަ ޖޯޝެއް ގައި މީހާ ވާނެ ދުވަސްވަރެކެވެ. ޙަޔާތުގެ އެތައް ބައިވަރު ދުވަހެއް ބޭކާރު ގޮތުގައި ހޭދަ ކުރެވުމުގެ ސަބަބުން އެހުރިހާ ކަމެއް އެއްފަހަރާ ރަނގަޅު ކޮށްލަން އޭނާ ބޭނުންވެއެވެ. އަދި މި ޖަޒުބާތީ ވަގުތުކޮޅުގައި، ދީނީ ކަންކަމަށް ފަރުވާތެރިވެ ކުޅަދާނަކަން ވީ އެންމެ ރަނގަޅަކަށް ދީނީ ކަންކަން ކޮށް އުޅޭ ހިނދު ޝައިޠާނާ އޭނާގެ ވަޒީފައިގެން “މެކުހަށް” ޖަހާލައެވެ.
އެހެނީ ނުރަނގަޅުކޮށް އުޅޭ މީހަކު އިސްލާޙު ވުމަކީ ޝައިޠާނާ އެންމެ ހިތާމަ ކުރާނެ އެއްކަމެވެ. ވީމާ އޭނާ އަލުން މަގުފުރައްދާލުމަށް ޝައިޠާނާ އޯވާޓައިމްގައި ވެސް މަސައްކަތް ކުރާނެއެވެ. އެގޮތުން އޭނާގެ ވަސްވާސްތަކުގެ އެހީގައި އެކިއެކި ކަންކަން ތިމާއަށް ވިސްނުވައިދޭން މަސައްކަތް ކުރާނެއެވެ. އެގޮތުން މިހާރު ތިޔައީ ޙައްޤުގެ މަގުގައި ހުރި މީހެއް ކަމާއި ތިމާއީ މިހާރު ވަރަށް ރަނގަޅު މީހެއް ކަމުގައި ވިސްނުވައި ދޭނެއެވެ. އަދި ދީނުގެ ކަންކަމަކީ އަބަދުވެސް އެންމެ ފުރިހަމައަށް ކުރަން ޖެހޭ ކަންތަކެއް ކަމާއި އެވަރަށް ނުކުރެވޭ ނަމަ އެއީ ރަނގަޅު މީހެއް ނޫން ކަމުގައި އޭނާއަށް ވިސްނައިދޭނެއެވެ.
އެގޮތުން ނަބިއްޔުންނާއި ޞަޙާބީންނާއި ޠާބިޢީންނާއި މިނޫންވެސް ސަލަފުންގެ ޒުހުދުވެރި، އަދި ވަރަޢަވެރި ވާހަކަތައް އޭނާއާ ހަމައަށް ފޯރުކޮށްދީ، އެހާ މާތް ބަޔަކު އެހާބޮޑަށް އަޅުކަންކޮށް ޒުހުދުވެރިވީ ހިނދު އަހަރެމެން މީއަދި ކޮން ބައެއް ހޭ، ނުވަތަ އަހަރެމެން އަދި އެފަރާތްތަކަށް ވުރެވެސް ރަނގަޅު ވާންވާނެ ނޫންހޭ ކިޔައި އެކިއެކި އެއްޗިހި ވިސްނުވައިދޭނެއެވެ. އަދި ޝައިޠާނާ، މިގޮތުގައި އޭނާގެ މަސައްކަތުގައި އެތައް ދުވަހެއްގައި ބުރަކޮށް އުޅޭނެއެވެ.
މިހުރިހާ “ބޭރުފުށުން ހެޔޮ” ވާހަކަތަކުން ޝައިޠާނާ ޙާޞިލު ކުރަން ބޭނުންވަނީ ވަރަށް ބޮޑު ކަމެކެވެ. އެއީ ތިމާ މިހުރިފަދަ ޖޯޝެއްގައި ނެތް އެތައް ބައިވަރު ބަޔަކީ ޙައްޤު މަގުން އެއްކިބާ ވެފައިވާ ބައެއްކަމުގައި ޗޭންޖު ވެފައިވާ މިމީހާއަށް، ވިސްނުވައި ދިނުމެވެ. އަދި މިޔާއެކު މީސްތަކުންނަށް ޙުކުމް ޖަހަން ފަށަން ޝައިޠާނާ އޭނާއަށް ހިތްވަރު ދެއެވެ. މީސްތަކުންގެ ތެރެއިން ޝައިޠާނާ އެންމެ ބޮޑަށް އަމާޒު ކުރުވާނެ ބަޔަކީ ދީނީ ޢިލްމުވެރިންނެވެ.
ސަބަބަކީ މީނާ ދީނީ ޢިލްމުވެރިން ގާތުގައި ދަރިވަރުވެ، ދީނީ ޢިލްމު ޙާޞިލް ކުރަން ފަށައިފި ނަމަ މި ކުރާ ހުރިހާ ކަމެއް ފެނަށް ދާނެކަން އޭނާއަށް އިނގެއެވެ. ވީމާ ޝައިޠާނާ، އޭނާގެ މަސައްކަތުގައި އިތުރަށް ހީވާގި ވެލައެވެ. ކިޔާނެ ހުރިހާ އެއްޗެއް ވަސްވާހުގެ ޒަރީޢާއިން ކިޔައިދެއެވެ. މިވެނި މީހަކީ ކާފަރެކޭ، މިވެނި މީހަކީ ބިދުޢަ ވެރިޔެކޭ ނުވަތަ މީހުން މަގު ފުރައްދާ މީހެކޭ ނުވަތަ މިވެނި މީހަކު ދުވަހަކުވެސް ރަނގަޅެއް ނުވާނޭ ކިޔައި ހަދައެވެ. އަދި އޭނާ އޭނާގެ ޙަޔާތް މިގޮތުގައި ކުރިއަށް ގެންދެއެވެ.
ކޮންމެ ދުވަހަކުވެސް އޭނާގެ ކަމަކީ މިވެނި މީހެއްގެ ހުރި ނުރަނގަޅު ކަންކަމުގެ ވާހަކަ ޖަމާކޮށް ހަދައި، އެވާހަކަތައް ސިކުނޑި ތެރޭގައި ދައުރު ކުރުމެވެ. އަދި ކޮފީތަކަށް އަރައި ނުވަތަ އެހެން ތަންތާގައި ވެސް އެމީސްމީހުންގެ ވާހަކަ ދެއްކުމެވެ. އަދި އެއާއެކު، އިއްޔެ އުޅުނު ޣާފިލުކަން މަތިން ހަނދާން ނެތިފައިވާ ޙާލު، މިއަދު އިސްލާޙުވުމާއެކު ތިމާގެ ކިބައިގައި ޢިލްމު މަދުވެފައި، ފެނިފައިވާ މަދު ދީނީ ޕޯސްޓު ތަކެއް ނުވަތަ ޔޫޓިއުބް ވީޑިއޯތަކަކުން ލިބުނު މަޢުލޫމާތު ތަކެއްގެ އަލީގައި ނުވަތަ ކޮންމެވެސް ރަނގަޅު ދީނީ ޢިލްމުވެރިޔަކު ކޮންމެވެސް ބަޔަކަށް ދީފައިވަ ފަތުވާއެއް ކިޔާފައި މީސްތަކުންނަށް ދީނީ ކަންކަން ކުރަން ވީ ގޮތް ބުނެދީ ފަތުވާ ދޭން ވެސް ފެށެއެވެ. މިހިސާބަށް ދިއުމުން އަނެއްކާވެސް މިވަނީ ޝައިޠާނާ އޭނާ ވާބައްދާލައި، ކުރިން މަގުފުރެދުނު ގޮތާ އިނދިކޮޅު ދާއިރާއަކުން އޭނާ މަގު ފުރައްދާލާފައެވެ.
ވީމާ ޙައްޤު މަގަށް ރުޖޫޢަ ވުމާއެކު، މިފަދަ ޙާލަތަކަށް ވެއްޓުނަ ނުދިނުމަށް ގަދައަޅާ މަސައްކަތް ކުރަން ޖެހެއެވެ. އެގޮތުން ސިކުނޑީގައި އަބަދުވެސް ބަހައްޓަން ވީ ކަންތައްތަކެއް ވެއެވެ. ފުރަތަމަ ކަމަކަށް، ﷲ ތިބާއަށް ހިދާޔަތް ދެއްކެވި ކަމަށްޓަކައި އެއިލާހަށް ޙަމްދު ކުރުމާއި ޝުކުރު ކުރުން ގިނަ ކުރާށެވެ. އަދި މަރުވަންދެންވެސް ޙައްޤުގެ މަގުގައި ޘާބިތު ކޮށްދެއްވުން އެދި ގިނަގިނައި ދުޢާ ކުރާށެވެ.
އެންމެ މާތް އިންސާނާ ކަމަށްވާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް ވެސް އެންމެ ގިނައިން ކުރެއްވި އެއް ދުޢާ ކަމަށްވާ ((يَا مُقَلِّبَ الْقُلُوبِ ثَبِّتْ قَلْبِي عَلَى دِينِكَ)) ގިނަގިނައި ކިޔާށެވެ. މިދުޢާގެ މާނައަކީ: “އޭ ހިތްތައް ބަދަލު ކުރަށްވާ އިލާހެވެ. އިބަ އިލާހުގެ ދީނުގެ މަތީގައި މިއަޅާގެ ހިތް ޘާބިތު ކުރައްވާށެވެ.” އެކަލޭގެފާނު މިދުޢާ އެހާ ގިނައި ކުރައްވާނަމަ އަހަރެމެން އެކަމަށް އަދި މާ އައުލާވެގެން ވޭ ނޫނެހެއްޔެވެ.”
ދެވަނަ ކަމަކަށް، ތިމާގެ ޙާލަތު ހިތަށް ގެނުވައި ތިމާއަކީ ކިހާ ނިކަމެތި މީހެއްކަން ތަސައްވަރު ކުރުވާށެވެ. އަދި ތިމާއަށް ކުރެވޭ ފާފަތައް ގިނަކަން ހަނދާނަށް ގެނުވާށެވެ. އަދި ތިމާއަށް އެއްޗެއް ނޭނގޭ މިންވަރު ތަކުރާރުކޮށް ނަފްސަށް ވިސްނުވައިދޭށެވެ. މާތް ސަލަފުއް ޞާލިޙުންގެ މަންހަޖަކީ އެއީއެވެ. އަދި ދީނީ ޢިލްމަށް ތިމާ ޙާޖަތް ޖެހިފައިވާ މިންވަރު ދެނެގަންނާށެވެ. އެއާއެކު އެހެން މީހުންގެ ކަންކަމުގައި ތިމާ މަޝްޣޫލުވެ، އެމީހުންނަށް ޙުކުމް ޖެހުމުގައި ވަގުތު ދުއްވާލުމުގެ ބަދަލުގައި ތިމާގެ އަމިއްލަ ނަފްސާއިގެން މަޝްޣޫލު ވެގަންނާށެވެ.
އެގޮތުން، ދީނީ ޢިލްމު އުނގެނުމަށް އަވަސްވެގަންނާށެވެ. އެއްވެސް ޙާލެއްގައި ޔޫޓިއުބް ޗެނަލަތަކުން އިނގިރޭސި ބަހުން ދީފައިވާ ދަރުސް ތައް އަޑުއަހައިގެންނެއް ނޫނެވެ. ނުވަތަ އަމިއްލައަށް ފޮތްފޮތް ކިޔައިގެނެއް ވެސް ނޫނެވެ. ޤައުމުގެ ދީނީ ޢިލްމުވެރިން ގާތުން ޢިލްމު އުނގެނޭށެވެ. އެއީ އުންމަތުގައިވާ އެއްމެ މާތް، އެއްމެ ބޮޑެތި ޢިލްމުވެރިންނަށް ނުވިކަމުގައި ވީ ނަމަވެސް، މި ފަރާތްތަކަކީ، ތިމާއަށް މިމަރުޙަލާގައި އެންމެ ރަނގަޅު މިންވަރަށް ޢިލްމު ފޯރު ކޮށްދެވޭނޭ ފަރާތްތަކެވެ.
އެގޮތުން ޔުނިވާސިޓީއެއް ނުވަތަ ކޮންމެވެސް ކޮލޮޖެއްގެ ރަނގަޅު ދީނީ ކޯހެއްގައި ބައިވެރި ވެވިދާނެއެވެ. އަދި މިސްކިތްތަކުގައި ކުރިއަށް ގެންދާ ސިލްސިލާ ދީނީ ދަރުސް ތަކަށް ޙާޟިރުވެ، މި ކޯސްތަކާއި ދަރުސް ތަކުގެ ޒަރީޢާއިން ތިބާގެ ދީނީ މަޢުލޫމާތުގެ ޚަޒާނާ މުއްސަނދި ކުރާށެވެ. ޢިލްމުގެ މަގުގައި ﷲ އިބާއަށް ތައުފީޤު ދެއްވައި ޢަރަބި ބަހާއި އިސްލާމީ ޝަރުޢީ ޢިލްމުތައް ރަނގަޅަށް އުނގެނެން ފެށިއްޖެ ނަމަ، ދެން ދުނިޔޭގެ މޮޅެތި، ބޮޑެތި ޢިލްމުވެރިންގެ ދަރުސްތައް އަޑުއަހައި އަނެއްކާވެސް ދީނީ ޢިލްމު އުނގެނުމުގައި އިތުރު ހަރުފަތަކަށް ދާށެވެ. ދުނިޔޭގެ އެހެން ޤައުމެއްގެ ރަނގަޅު ޔުނިވާސިޓީއެއްގައި ދީނީ ތަޢުލީމު ޙާޞިލު ކުރުމަށް ޖާގައެއް ހޯދުމަށްވެސް މަސައްކަތް ކުރެވިދާނެއެވެ.
ދީނީ ޢިލްމު އުނގެނުމުގައި ތިބާ އުޅޭ ވަރަކަށް ތިބާއަށް އެއްޗެއް ނޭގޭ ކަން ތިބާއަށް ވިސްނޭނެއެވެ. އަދި އިތުރަށް ޢިލްމު ހޯދުމާއި އެހެންމީހުންނަށް ޙުކުމް ޖެހުމުގެ ކުރިން އަމިއްލަ ނަފްސާއިގެން މަޝްޣޫލު ވުމުގެ މުހިންމުކަން ތިބާއަށް ވިސްނޭނެއެވެ. އަދި އެއާއެކު ތިބާ އުނގެނި ޙާޞިލު ކޮށްފައިވާ ދީނީ ޢިލްމުތަކުގެ އަލީގައި ހެޔޮ، ޞާލިޙު ޢަމަލުތައް ކުރުން ގިނަކުރާށެވެ.
އުނގެނުނު ޢިލްމަށް ޢަމަލު ކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. އަދި ޙިކުމަތްތެރިކަމާއެކު، ހެޔޮކަންކަމަށް އަމުރުކޮށް، މުންކަރާތްތައް މަނާ ކުރާށެވެ. މުޖުތަމަޢުގެ ކަންކަން އިސްލާޙު ކުރުމަށް މަަސައްކަތްތަކެއް ކުރާށެވެ. ނުވަތަ ދީނީ ޢިލްމު ޙާޞިލު ކުރުމުގައި އެފަދަ ހަރުފަތަކަށް ނުދެވުނު ނަމަ، ޤައުމުގެ ދީނީ ޢިލްމުވެރިންނާއި އެކު އެފަރާތްތަކުގެ އިރުޝާރުގެ މަތިން މިމަސައްކަތުގައި ކުރިއަށް ދާށެވެ. އިސްލާމީ ދަޢުވަތު ފަތުރާށެވެ. ތިމާގެ އަމަލުތަކުންނާއި ބަސްތަކުން އިސްލާމީ ރިވެތި އަޚްލާޤާއި އެދީނުގެ މަތިވެރި ޝިޢާރުތައް ދައްކުވައިދޭށެވެ.
ނަމަވެސް މިމަސައްކަތުގައި ތިމާ އަށް ތިމާގެ ނަފްސު މަތިން ހަނދާން ނެތި ނަފްސަށް ދޭން ޖެހޭ “ޑޯޒް” ތައް ނުދެވޭ ނަމަ، އަނެއްކާވެސް ނަފްސާއިގެން މަޝްޣޫލުވެ، ނަފްސު ޙިސާބުކޮށް، ނަފްސު އިސްލާޙު ކުރުމަށް މަސައްކަތް ކުރާށެވެ. އަބަދުވެސް ހަނދާނުގައި ބަހައްޓާށެވެ. އެހެންމީހުންގެ ކުރިން އިސްލާޙު ކުރަންވީ އަމިއްލަ ނަފްސެވެ. އެނަފްސު އިސްލާޙު ނުކޮށް އެހެން ބަޔަކު އިސްލާޙު ކުރަން އުނަސް އެކަން ވުމަކީ މުސްތަޙީލު ކަމެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!