މަރާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިލުވާން އާއި، ބޮލްގަރ ޔާމިން ރަޝީދުގެ މަރުގެ މައްސަލާގައި ތިން މީހެއްގެ މައްޗަށް ދައުވާކުރުމަށް ދައުލަތުން، ކްރިމިނަލް ކޯޓަށް މިއަދު ހުށަހަޅައިފިއެވެ.
ޕްރޮސިކިއުޓަ ޖެނެރަލް (ޕީޖީ) އޮފީހުން ބުނި ގޮތުގައި، ޔާމީން ރަޝީދު މަރާލި މައްސަލައާއި, އަޙްމަދު ރިލްވާން ޢަބްދުﷲ ރަހީނުކޮށް މަރާލި ކަމަށް ތުހުމަތުކުރެވޭ މައްސަލަ އިތުރަށް ތަޙުޤީޤުކޮށް މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަޙުޤީޤުކުރާ ކޮމިޝަނުން އެ އޮފީހަށް ހުށަހެޅި މައްސަލައިގައި ދައުވާ ކުރުމަށް މިއަދު ވަނީ ކްރިމިނަލް ކޯޓަށް ހުށަހަޅާފައެވެ.
މި މައްސަލާގައި ދައުވާ އުފުލާފައި ވަނީ، އިސްމާޢީލް ޢަބްދުއްރަޙީމް އާދަމް، މ.ލެގޫންވިއު، އަޙްމަދު އިސްމާޢީލް، މއ. ފާގަފިލާގެ އަދި އަޙްމަދު މުޢާޒު ދަފްތަރު ނަންބަރު 8499 ގެ މައްޗަށެވެ.
އިސްމާޢީލް ޢަބްދުއްރަޙީމް އާދަމްގެ މައްޗަށް އުފުލާފައިވާ ދައުވާތައް
އޭނާގެ މައްޗަށް ދައުލަތުން ވަނީ ދެ ދައުވާއެއް އުފުލާފައެވެ. މިގޮތުން ކުރި އެއް ދައުވާ އަކީ، ދިވެހިރާއްޖޭގެ ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނު ގެ 2 ވަނަ މާއްދާގެ (ހ) އާއި، (ށ) އާއި 3 ވަނަ މާއްދާއާ ޙަވާލާދީ އެ ޤާނޫނުގެ 6 ވަނަ މާއްދާގެ (ހ) ގެ ދަށުން, ޓެރަރިޒަމްގެ ޢަމަލެއް ކުރުމަށް އެހީތެރިވެދިނުމުގެ ކުށުގެ ދަޢުވާ އެވެ.
ޕީޖީ އޮފީހުން ބުނިގޮތުގައި މި ދައުވާ އޭނާގެ މައްޗަށް އުފުލީ 2014 ވަނަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައި ރިލްވާން ރަހީނުކޮށް މަރާލުމަށްޓަކައި 2014 ވަނަ އަހަރުގެ ތެރޭގައި އިސްމާޢީލް ޢަބްދުއްރަޙީމް އާދަމް، ރިލްވާނަށް ފާރަލައި، ރިލްވާން ރަހީނުކޮށް، މަރާލުމުގައި އެހީތެރިވެދީފައިވާތީއެވެ.
އޭނާގެ މައްޗަށް އުފުލި ދެވަނަ ދައުވާއަކީ ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގެ 6 ވަނަ މާއްދާގެ (ހ) އާ ހަވާލާދީ، އެ މާއްދާގެ (ނ) ގެ ދަށުން, ޓެރަރިޒަމްގެ ޢަމަލެއް ކުރުމަށް އެހީތެރިވެދިނުމުގެ ކުށުގެ ދަޢުވާއެވެ. މި ދައުވާ އުފުލި ސަބަބެއްގެ ގޮތުގައި ޕީޖީން ބުނެފައި ވަނީ، ޔާމީން ރަޝީދުގެ ބްލޮގްގައާއި ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި އިސްލާމްދީނާ ފުށުއަރާ ވާހަކަތައް ލިޔެ ޕޯސްޓުކުރަމުން ގެންދާކަމަށް ބުނެ، 23 އޭޕްރީލް 2017 ދުވަހުގެރޭ އަނިޔާވެރިގޮތަކަށް ޔާމީން ރަޝީދު މަރާލުމަށްޓަކައި، 2017 ވަނަ އަހަރުގެ ތެރޭގައި ޔާމީން ރަޝީދުއަށް ފާރަލައި، ޔާމީން ރަޝީދު މަރާލުމަށް އެހީތެރިވެދީފައިވާތީ އެވެ.
އަޙްމަދު އިސްމާޢީލްގެ މައްޗަށް އުފުލާފައިވާ ދައުވާތައް
މީނާގެ މައްޗަށް ވެސް ދެ ދައުވާއެއް ވަނީ އުފުލާފައެވެ. މިގޮތުން އުފުލި ފުރަތަމަ ދައުވާއަކީ ދިވެހިރާއްޖޭގައި ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނު) ގެ 2 ގެ (ހ) އާއި، (ށ) އާއި، (ކ)އާއި، އެ ޤާނޫނުގެ 3 ވަނަ މާއްދާއާ ހަވާލާދީ، އެ ޤާނޫނުގެ 6 ވަނަ މާއްދާގެ (ހ) ގެ ދަށުން, ޓެރަރިޒަމްގެ ޢަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދަޢުވާ އެވެ. މި ދައުވާ އުފުލީ، ރިލްވާން މަރާލުމުގެ ކަންކަން ރާވައި، އިންތިޒާމުކޮށްފައިވާތީއާއި، އަޙްމަދު އިސްމާޢީލްއާއި، އަޙްމަދު އިސްމާޢީލްގެ ބައިވެރިން ރާވާފައިވާ ގޮތުގެ މަތިން، އެހެން ބަޔަކު މެދުވެރިކޮށް، 8 އޯގަސްޓް 2014 ދުވަހުގެ ދަންވަރު ރިލްވާން ރަހީނުކޮށް މަރާލާފައިވާތީކަމަށް ޕީޖީ އޮފީހުން ބުނެއެވެ.
މީނާގެ މައްޗަށް އުފުލި ދެވަނަ ދައުވާއަކީ ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގެ 6 ވަނަ މާއްދާގެ (ހ) އާ ހަވާލާދީ، އެ މާއްދާގެ (ނ) ގެ ދަށުން, ޓެރަރިޒަމްގެ ޢަމަލެއް ކުރުމަށް އެހީތެރިވެދިނުމުގެ ކުށުގެ ދަޢުވާއެވެ. މި ދައުވާ ކުރީ 23 އޭޕްރީލް 2017 ދުވަހުގެ ރޭ އަނިޔާވެރިގޮތަކަށް ޔާމީން ރަޝީދު މަރާލުމަށް މަގުފަހިކޮށްދިނުމަށްޓަކައި، ޔާމީން ރަޝީދަށް ފާރަލުމުގެ ކަންކަން އިންތިޒާމުކޮށް، އެކަން ކުރުމަށް މީނާ އެހީތެރިވެދީފައިވާތީ ކަމަށް ވެސް ޕީޖީ އޮފީހުން ބުންޏެވެ.
އަޙްމަދު މުޢާޒުގެ މައްޗަށް އުފުލި ދައުވާ
މީނާގެ މައްޗަށް އުފުލާފައިވަނީ އެންމެ ދައުވާ އެކެވެ. އެ ދައުވާ އަކީ، ދިވެހިރާއްޖޭގައި ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނު ގެ 2 ގެ (ހ) އާއި، (ށ) އާއި، (ކ) އާއި، އެ ޤާނޫނުގެ 3 ވަނަ މާއްދާއާ ހަވާލާދީ، އެ ޤާނޫނުގެ 6 ވަނަ މާއްދާގެ (ހ) ގެ ދަށުން, ޓެރަރިޒަމްގެ ޢަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދަޢުވާ އެވެ. މި ދަޢުވާކުރި ސަބަބެއްގެ ގޮތުގައި ޕީޖީ އޮފީހުން ބުނީ، ރިލްވާން މަރާލުމުގެ ކަންކަން ރާވައި، އިންތިޒާމުކޮށްފައިވާތީއާއި، އަޙްމަދު މުޢާޒުއާއި، އަޙްމަދު މުޢާޒުގެ ބައިވެރިން ރާވާފައިވާ ގޮތުގެ މަތިން، އެހެން ބަޔަކު މެދުވެރިކޮށް، 8 އޯގަސްޓް 2014 ދުވަހުގެ ދަންވަރު ރިލްވާން ރަހީނުކޮށް މަރާލާފައިވާތީއެވެ.
މި މައްސަލަ ތަޙުޤީޤުކުރުމަށްފަހު މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަޙުޤީޤުކުރާ ކޮމިޝަނުން ޕީޖީ އޮފީހަށް ހުށަހަޅާފައިވަނީ 24 ޖުލައި 2022 ދުވަހުއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!