ޔުނައިޑެޓް ސްޓޭޓްސް އިންޑޯ ޕެސިފިކް ކޮމާންޑާއި، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއިން ގުޅިގެން ބާއްވާ "އިންޑޯ-ޕެސިފިކް އެންވަޔަރަމަންޓް ސެކިޔުރިޓި ފޯރަމް 2022"، ރާއްޖޭގައި މިއަދު ފަށައިފިއެވެ.
މި ފޯރަމް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ނާއިބް، ފައިސަލް ނަސީމެވެ. މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީއާއި، މިނިސްޓަރ އޮފް އެންވަޔަރަމަންޓް، ކްލައިމެޓް ޗޭންޖު އެންޑް ޓެކްނޮލޮޖީ އާމިނަތު ޝައުނާއާއި، މިނިސްޓަރ އޮފް ޓުއަރިޒަމް ޑރ. ޢަބްދުﷲ މައުސޫމާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަތީފާއި، އެމްއެންޑީއެފްގެ ޖެނެރަލް އޮފިސަރުންނާއި، ދިވެހިރާއްޖޭގެ ތިމާވެއްޓާ ގުޅުންހުރި އިދާރާތަކުގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.
މިމަހުގެ 4 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ މި އަހަރުގެ "އިންޑޯ-ޕެސިފިކް އެންވަޔަރަމަންޓް ސެކިޔުރިޓި ފޯރަމް" ގައި، 21 ޤައުމަކުން ޖުމްލަ 100 އަށްވުރެ ގިނަ މަންދޫބުން ބައިވެރިވެލައްވައެވެ. އަދި، މި އަހަރުގެ ފޯރަމް ހޯސްޓްކުރާ ޤައުމުގެ ހައިސިއްޔަތުން، ދިވެހިރާއްޖެ ތަމްސީލުކުރާ ތިމާވެއްޓާ ގުޅުންހުރި އިދާރާތަކުން ނޮމިނޭޓްކުރެވިފައިވާ 24 މަންދޫބުން ވެސް މި ފޯރަމްގައި ބައިވެރިވެލައްވައެވެ. ކޮންމެ އަހަރަކު ބާއްވަމުންދާ މި ފޯރަމް، އެންމެ ފަހުން ދިވެހިރާއްޖޭގައި ބާއްވާފައިވަނީ 2014 ވަނަ އަހަރުއެވެ. ކޮވިޑުގެ ޚާއްޞަ ހާލަތާ ގުޅިގެން ވޭތުވެދިޔަ ދެ އަހަރު މިފޯރަމް ބޭއްވިފައިވަނީ ވަރޗުއަލްކޮށެވެ.
އިންޑޯ-ޕެސިފިކް އެންވަޔަރަމަންޓް ސެކިއުރިޓީ ފޯރަމަކީ ސަރަޙައްދުގެ ތިމާވެއްޓާ ގުޅުންހުރި ކަންކަމުގެ ތެރެއިން އަންނަ މޫސުމީ ބަދަލުތަކާ ގުޅޭގޮތުން މި ސަރަހައްދުގެ އެންމެ މަތީފެންވަރުގެ މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ޓަކައި ޔޫއެސްގެ އިންޑޯ-ޕެސިފިކް ކޮމާންޑުގެ ފަރާތުން އިސްނަގައިގެން އަހަރަކު އެއްފަހަރު މި ސަރަޙައްދުގެ ކޮންމެވެސް އެއް ޤައުމަކުން ހޯސްޓްކުރާ ގޮތަށް ބާއްވަމުންގެންދާ ފޯރަމެކެވެ.
މިއަހަރުގެ ފޯރަމްގެ ސެޝަންތައް ފަރުމާކޮށްފައިވަނީ އެ ދުވަހަކަށް ކަނޑައެޅިފައިވާ ތީމާ ގުޅޭ ގޮތަށެވެ. އެގޮތުން މިއަހަރުގެ ފޯރަމްގެ ދުވަސްތައް ބަހާލާފައިވާ ތީމްތަކަކީ، "ކްލައިމެޓް ސެކިއުރިޓީ ޗެލެންޖެސް އެންޑް ޑިފެންސް ފޯސެސް"، "ސްމޯލް އައިލެންޑް ނޭޝަންސް ކޮންސާންސް"، "އޯޝަން އެންޑް ވޯޓަރ ސެކިއުރިޓީ" އަދި "ކްލައިމެޓް ޗޭންޖް އިމްޕެކްޓް އެންޑް ސޮލިއުޝަންސް" އެވެ.
H.E. Vice President @FaisalNasym inaugurated the #IPESFMaldives, co-hosted by @MNDF_Official & @INDOPACOM. H.E. Vice President @FaisalNasym highlighted the importance of collective action to combat climate change & ensure security for all. @anuahsa, @Mausoom_Maus @MariyaDidi pic.twitter.com/IBi2jBxyGU
— Maldives National Defence Force (@MNDF_Official) August 1, 2022
މި ފޯރަމްގެ ތެރެއިން، ފޯމަލް ސެޝަންތަކާއި، ޕެނަލް ޑިސްކަޝަންތަކާއި، ވޯކިންގ ގުރޫޕް ޑިސްކަޝަންތައް ފުޅާ ދާއިރާއެއްގައި ކުރިއަށްގެންދަން ހަމަޖައްސާފައިވާއިރު، ތިމާވެށްޓަށް އަންނަ ނާޒުކު ބަދަލުތަކާ ގުޅިގެން ކުރިމަތިވާ މޫސުމީ ބޮޑެތި ގޮންޖެހުންތައް ދެނެގަނެ، ސަރަހައްދީ ފެންވަރުގައި އެކަމަށް ގެނެވިދާނެ ހައްލުތަކާ ގުޅޭގޮތުން މަޝްވަރާކޮށް، ތިން އަހަރު ދުވަހުގެ ތަރައްޤީގެ ޕްލޭނެއް ތައްޔާރުކުރުމަށް ވަނީ ހަމަޖެހިފައެވެ.
މި ފޯރަމްގެ ހަވާސާގައި، ފޯރަމްގެ ބައިވެރިންނަށް ރާއްޖޭގެ ރަށްފުށުގެ ހާލަތު ދަށްކާލުމުގެ ގޮތުން، ކ. ހުރާއަށް ޒިޔާރަތްކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ. ކ.ހުރާއަށް ކުރުމަށް ހަމަޖެހިފައިވާ މި ޒިޔާރަތުގައި، މޫސުމީ ބަދަލުތަކުގެ ސަބަބުން ރާއްޖޭގެ ރަށްތަކަށް ކުރިމަތިވާ ގޮންޖެހުންތައް ހުރި މިންވަރު ދައްކާލައި، ތިމާވެށީގެ ގޮންޖެހުންތަކުން އަރައިގަތުމަށް ޤައުމީ ފެންވަރުގައި ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ފޯރަމްގެ ބައިވެރިން ހޭލުންތެރިކޮށް ތިމާވެށީގެ މައްސަލަތަކަށް އަހުލުވެރިކުރުމަށް ވަނީ ހަމަޖެހިފައެވެ.
ފޯރަމްގެ ބައިވެރިން ހުރާއަށް ކުރާ ދަތުރުގައި އެ ރަށުގެ އިން ސައިޓް ވިޒިޓް ލޮކޭޝަންސްތަކުގެ ގޮތުގައި ހަަތަރު ސަރަހައްދަކަށް ޒިޔާރަތްކުރާ ގޮތަށް ހަމަޖެހިފައިވެއެވެ. އޭގެތެރޭގައި، މޫސުމީ ބަދަލުތަކުގެ ސަބަބުން ހުރާއަށް ރަށްގިރުމާ ކުރިމަތިވެފައިވާ ސަރަހައްދާއި، ކުޅި އަދި ކަނޑޫފާ ހިމެނޭ ސަރަހައްދާއި، ކަރަންޓާއި ފެން އުފެއްދުމުގެ ޕްލާންޓްތައް ބެހެއްޓިފައިވާ ސަރަހައްދު އަދި ކުނި މެނޭޖްކުރުމަށް ބޭނުންކުރަމުންދާ ސަރަހައްދަށް ބައިވެރިން ޒިޔާރާތްކުރާ ގޮތަށް ހަމަޖެހިފައިވެއެވެ. ބައިވެރިން އެ ސަރަހައްދުތަކަށް ކުރާ ޒިޔާރަތުގައި، އެ ސަރަހައްދުތަކުގައި ކަންކަން ރޭވިފައިވާގޮތާއި، ދިމާވެފައިވާ ގޮންޖެހުންތަކާ ގުޅޭގޮތުން މަޢުލޫމާތު ފޯރުކޮށްދޭ ގޮތަށް ވަނީ ހަމަޖެހިފައެވެ.
މި ފޯރަމްގެ ތެރެއިން ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތު އިސްތިހާރު ކުރާގޮތަށް ވެސް ވަނީ ހަމަޖެހިފައެވެ. މިގޮތުން، 21 ޤައުމަކުން ޖުމްލަ 100 ބައިވެރިންނާއެކު ކުރިއަށްދާ މި ފޯރަމްގެ ތެރެއިން، ދިވެހިރާއްޖޭގެ ކަނޑުފަޅުތަކުގެ މަޢުލޫމާތު ފޯރުކޮށްދިނުމުގެ އިތުރުން، ފޯރަމް ކުރިއަށްގެންދާ ހޯލްގެ ސައިޑް ސްކްރީނުތަކުން އަދި ބްރޭކް ގަޑިތަކުގައި މެއިން ސްކްރީނުން ދިވެހިރާއްޖޭގެ ޤުދުރަތީ ރީތިކަން ދައްކުވައިދޭ ޕްރޮމޯޝަނަލް ޑޮކިއުމަންޓްރީތައް ޑިސްޕްލޭކޮށް، ރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރުކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ.
މި ފޯރަމްގެ ތެރެއިން މޫސުމީ ބަދަލުތަކާ ގުޅިގެން ކުރިމަތިވަމުންދާ ގޮންޖެހުންތައް ދެނެގަނެ، އެކަމަށް ސަރަޙައްދީ ފެންވަރުގައި ހައްލުކުރުމަށް ކުރެވިދާނެ ކަންކަން ފައިނަލް ކުރުމުގެ އިތުރުން، ފޯރަމްގެ ބައިވެރިންނަށް ކަމާބެހޭ ދާއިރާތަކުގެ މާހިރުންނާ ސީދާ ބައްދަލުވެ، ދިމާވާ ވަކިވަކި ކަންކަން ހައްލުކުރުމަށް ކަން ކުރެވިގެންދާނެ ގޮތްތައް ދެނެގަތުމަށްޓަކައި ހޯދަންޖެހޭ ލަފަޔާއި އިރުޝާދު ހޯދުމުގައި މަގުފަހިކުރެވޭނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!