މޯލްޑިވް ގޭސް އިން ތިލަފުށީގައި ނައިޓްރޮޖަން ޕްލާންޓަކާއި ހައި ކެޕޭސިޓީ އޮކްސިޖަން ޕްލާންޓެއް ހުޅުވައިފިއެވެ.
މޯލްޑިވް ގޭސް އިން މައުލޫމާތު ދޭ ގޮތުގައި އިއްޔެ ހުޅުވުނު ނައިޓްރޮޖަން ޕްލާންޓަކީ ރާއްޖެއަށް ބޭނުންވާ ވަރަށް ނައިޓްރޮޖަން އުފެއްދުމުގެ ގާބިލުކަން އިތުރުކުރުމަށް ހުޅުވި ޕްލާންޓެކެވެ. އެގޮތުން، ކުރިން ބޭރުން ގޭސް ގެންނަން ޖެހުމުން އަގު ބޮޑު ކަމަށާއި ސްޓޮކްގައި ޝޯޓޭޖެއް އުޅޭތީ ކަސްޓަމަރުންގެ ޝަކުވާތައް ލިބޭ ކަމަށް އެ ކުންފުނިން ބުންޏެވެ.
އެ ކުންފުނިން ބުނީ މި ޕްލާންޓާއެކު ކަސްޓަމަރުންގެ ހުރިހާ ޝަކުވާއަކަށް ހައްލު ލިބިގެންދާނެ ކަމަށެވެ. އެގޮތުން، މި ޕްލާންޓް މެދުވެރިކޮށް މިވަގުތު ބާޒާރުގައި ލިބެން ހުރި އެންމެ ހައި ޕިޔުރިޓީގެ ނައިޓްރޮޖަން އުފައްދާނެ ކަމަށް މޯލްޑިވް ގޭސް އިން ބުންޏެވެ. އެއީ 99.9995 ގެ ޕިޔުރިޓީއެވެ.
މި ޕްލާންޓާއެކު ކަސްޓަމަރުން ބޭނުންވާވަރަށް ހުސްނުވެ ނައިޓްރޮޖަން ގޭސް ލިބެން ހުންނާނެ ކަމަށް މޯލްޑިވް ގޭސް އިން ބުންޏެވެ.
މީގެ އިތުރުން އޮކްސިޖަން ޕްލާންޓުގެ ކެޕޭސިޓީ ބޮޑުކުރުމަށް 52 ކިޔުބިކް މީޓަރުގެ ގޭސް ގަޑިއަކު އުފެއްދޭ ޕްލާންޓެއް ވެސް ވަނީ ގާއިމް ކޮށްފައެވެ. މިއީ ކޮވިޑުގެ ތެރޭގައި އޮކްސިޖަންގެ ދަތިކަން ދިމާވުމުގެ ސަބަބުން ކެޕޭސިޓީ އިތުރު ކުރުމަށް ގެނައި ޕްލާންޓެކެވެ.
މޯލްޑިވް ގޭސް އިން ބުނީ ކޮވިޑުގެ ތެރޭގައި ބޭނުންވާ ވަރަށް މެޑިކަލް އޮކްސިޖަން ފޯރުކޮށްދިނުމަށް ރެއާއި ދުވާލު މަސައްކަތް ކުރަން ޖެހުނު ކަމަށެވެ. ނަމަވެސް އާ ޕްލާންޓާއެކު ރާއްޖޭގެ ހުރިހާ ހޮސްޕިޓަލަކަށް ބޭނުންވާ މެޑިކަލް އޮކްސިޖަން އުފެއްދޭނެ ކަމަށް ބުންޏެވެ.
މޯލްޑިވް ގޭސް އިން މެޑިކަލް އޮކްސިޖަން އުފައްދަނީ ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) ގެ މިންގަނޑުތަކާ އެއްގޮތަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!