އިންގްލެންޑުގެ އަންހެން ފުޓްބޯޅަ ޓީމުން ޔޫރޯ ފުޓްބޯޅަ މުބާރާތް ކާމިޔާބު ކޮށްފިއެވެ. މިއީ އިންގްލެންޑްގެ އަންހެން ޓީމް މި މުބާރާތް ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ. ރޭ އިންގްލެނޑްގެ ވެމްބްލީ ސްޓޭޑިއަމްގައި ކުޅުނު މުބާރާތުގެ ފައިނަލް މެޗު އިންގްލެންޑުން ކާމިޔާބު ކޮށްފައިވަނީ 2-1 ގެ ނަތީޖާއުން ޖަރުމަނު ބަލިކޮށްގެންނެވެ.

ވާދަވެރި ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމަށް ވެސް ވަނީ ލަނޑު ޖަހަން ގިނަ ފުރުސަތުތަކެއް ލިބިފައެވެ. ނަމަވެސް ހާފު ނިމުނީ ދެޓީމަށް ވެސް ލަނޑެއް ނުޖެހި އެއްވަރު ވެގެންނެވެ.

Ad
rt

އިންގްލެންޑުން ލީޑުނެގީ މެޗުގެ 62 ވަނަ މިނިޓްގައި ކެއިރާ ވަލްޝް ދިން މޮޅު ބޯޅައަކުން އެލާ ޓޫންއެވެ. ނަތީޖާ ހަމަހަމަކުރަން ޖަރުމަނުން ފުލުފުލުގައި ކުރަމުންދިޔަ އެޓޭކްތަކުގައި ނަތީޖާއެއްގެ ގޮތުން މެޗުގެ 79 ވަނަ މިނިޓްގައި ލަނޑުޖަހައި އެ ޓީމުން ނަތީޖާ ހަމަހަމަ ކުރިއެވެ. ޖަރުމަނަށް މި ލަނޑު ކާމިޔާބު ކޮށްދީފައި ވަނީ މެޗުގައި ވެސް ނުރައްކާކޮށް ފެނުނު ލީނާ މެގުލް އެވެ.

މެޗުގެ ފުރިހަމަ ވަގުތު ނިމުނުއިރު ދެ ޓީމް އެއްވަރު ވެފައި އޮތުމުން އިތުރު ވަގުތުގެ ދެ ހާފް ކުޅެން ޖެހުނެވެ. އިންގްލެންޑު މޮޅުވި ލަނޑު އިތުރު ވަގުތުގެ ދެވަނަ ހާފުގެ ބާކީ 10 މިނިޓު އޮއްވައި ޖަހައިދިނީ ކްލޯއީ ކެލީއެވެ. ކެލީ ކުޅެން ނުކުމެފައި ވަނީ މެޗުގެ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއް ގޮތުގައެވެ.

ލަންޑަންގެ ވެމްބްލީ ސްޓޭޑިއަމަށް ރޭގެ ފައިނަލް މެޗު ބަލަން 87،192 މީހުން ވަންއިރު، މިއީ ޔޫރަޕްގެ މެޗެއް ބަލަން އެންމެ ގިނަ ސަޕޯޓަރުން ވަން މެޗެވެ.

ފައިނަލު މެޗުން ބަލިވި ނަމަވެސް މި މުބާރާތުގެ އެންމެ ކާމިޔާބު ޓީމަކީ ޖަރުމަނެވެ. އަންހެން ޔޫރޯގެ ޖުމްލަ 13 މުބާރާތް މިހާތަނަށް ބާއްވާފައިވާއިރު އޭގެ ތެރެއިން 8 މުބާރާތް ޖަރުމަނުން ވަނީ ކާމިޔާބު ކޮށްފައެވެ.