ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުން ރައީސް މުޙައްމަދު ނަޝީދު އިތުބާރުގެ މައްސަލަ މަޖިލީހަށް ވައްދާނަމަ، އެއާއިއެކު ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙްގެ އިތުބާރުގެ މައްސަލަ ވެސް މަޖިލީހަށް ވެއްދުމުގެ ފުރުސަތު ބޮޑުކަމަށް އިދިކޮޅު ޕީޖީ ލީޑަރު، މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.
އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ ޕީއެންސީއަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރު އާދަމް ޝަރީފް މިހެން ވިދާޅުވީ ކުރެއްވި ޓްވީޓެއްގައެވެ.
އޭނާ މިހެން ވިދާޅުވީ، އެމްޑީޕީގެ ޕާލިމެންޓަރީ ގުރޫޕުގެ ލީޑަރު, ހިތަދޫ ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމާއި ހަވާލާދީ، ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުން ރައީސް މުޙައްމަދު ނަޝީދު ވަކިކޮށްދޭން އެމްޑީޕީގެ މެމްބަރުން އެދެމުންދާ ކަމަށް އޮންލައިން ނޫހަކުން ގެނެސްދީފައިވާ ޚަބަރަކަށް އިޝާރާތް ކުރަށްވަމުންނެވެ.
އާދަމް ޝަރީފް ވިދާޅުވީ، ރައީސް ނަޝީދާއެކު ރައީސް ޞާލިޙްގެ އިތުބާރުގެ މައްސަަލަ ވެސް މަޖިލީހަށް ހުށަހެޅުމުގެ ފުރުސަތު ބޮޑު ކަމަށެވެ.
"ރައްޔިތުންގެ އިތުބާރެއް މި ސަރުކާރަކަށް މިހާރަކު ނެތް" އޭނާ ވިދާޅުވެފަވެއެވެ.
މި ޓްވީޓް މަޖިލިސް ރައީސް، ރައީސް ނަޝީދު ވަނީ ރީ-ޓްވީޓް ކުރަށްވާފައެވެ.
އާދަމް ޝަރީފް މިހެން ވިދާޅުވެފައިވާއިރު، އެމްޑީޕީ ޕީޖީ ލީޑަރު އަސްލަމް ވިދާޅުވެފައި ވަނީ އެމްޑީޕީ ޕީޖީ ގުރޫޕުގެ ވަރަށް ގިނަ މެމްބަރުން މަޖިލީހުގެ ރައީސްކަން ކުރައްވަން ނަޝީދުގެ އިތުބާރު ނެތް ކަމަށް ވިދާޅުވަމުން އަންނަކަމަށެވެ. އެހެންވެ، ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ވެސް މަޖިލީހަށް ވައްދަން އެ ،މެންބަރުން ބޭނުންވާ ކަމަށެވެ.
އެ މެމްބަރުން އެދިވަޑައިގަތުމުން ޕީޖީ ގުރޫޕުގެ ޖަލްސާއެއް ބާއްވައިގެން، އެ ޖަލްސާއިން ފާސްވެއްޖެ ނަމަ އެ މައްސަލަ މަޖިލީހަށް ފޮނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވެފަވެއެވެ.
މަޖިލީހުގައި ތިއްބަވާ އެމްޑީޕީގެ މެމްބަރުންގެ އަދަދަކީ 65 އެވެ. އެ މެންބަރުންގެ ތެރޭގައި ދެ ރައީސުންނަށް ތާއީދުކުރަށްވާ މެންބަރުން ތިއްބެވިއިރު، އޭގެ ތެރެއިން މެޖޯރިޓީ އޮތީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!