މަސްތުވާތަކެތި ކަމަށް ބުނެ މާލޭގެ ގެއަކުން ފުލުހުން އަތުލައިގަތް ތަކެއްޗަކީ ބޭކިން ޕައުޑަރުތޯ ނުވަތަ އަސްލު ވެސް މަސްތުވާއެއްތޯ ސުވާލު އުފެދުމުން، ތުހުމަތު ކުރެވޭ މީހާ ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުން އަންގައިފި އެވެ.

ދިވެހި ފިރިހެނަކު ހައްޔަރުކުރީ އޭނާ ދިރިއުޅޭ ގެއެއްގެ ބަދިގޭގައި ހުރި ކަބަޑެއްގެ ތެރެއިން ޑްރަގް ކަމަށް ބެލެވޭ އެއްޗެއްހުރި ޕެކެޓެއް ފެނުނު ކަމަށް ބުނެ އެވެ. އެއީ ޑްރަގް ނޫން ކަމަށް އޭނާ ހައްޔަރުކުރި ވަގުތު ބުންޏެވެ.

Ad
rt

ކްރިމިނަލް ކޯޓުގެ އަމުރުގައިވާ ގޮތުން އެއީ ޑްރަގް ނޫން ކަމަށާއި އެއީ ބޭކިން ޕައުޑަރު ޕެކެޓެއް ކަމަށާއި ފުލުހުން ތަހުލީލު ކުރިޔަސް، އެކަން އެނގޭނެ ކަމަށް އޭނާގެ ވަކީލު ބުނެފައިވެ އެވެ. އެކަމަކު ފުލުހުން މިހާތަނަށް ވެސް އެ ތަކެތި ތަހުލީލު ކޮށްފައި ނުވާ ކަމަށް އަމުރުގައިވެ އެވެ.

ޝައްކުކުރަނީ ކޮން ބާވަތެއްގެ މަސްތުވާއެއްޗަކަށް ކަމެއް ވެސް ފުލުހުން ބުނެ ނުދެވޭ ކަމަށް ކޯޓު އަމުރުގައިވެ އެވެ.

މަސްތުވާތަކެތި ވަގުތުން ތަހުލީލު ކުރެވޭ ވަގުތީ ޓެސްޓް ކިޓްތައް ކަސްޓަމްސްއިން ބޭނުން ކުރާއިރު ފުލުހުން އެ ތަކެތި ބޭނުން ނުކުރަންވީ ސަބަބެއް ނެތް ކޯޓު އަމުރުގައިވެ އެވެ. އަދި ޝައްކެއް މަތީގައި މީހަކު ބަންދު ނުކުރެވޭނެ ކަމަށް ބުނެ ކޯޓުން ނިންމީ ޝަރުތުތަކާ އެކު އެ މީހާ ދޫކޮށްލުމަށެވެ.