ޖަރުމަނު ބުންޑަސް ލީގުގެ އައު ސީޒަން ފެށުމުގެ ގޮތުން، ފާއިތުވި ސީޒަންގެ ލީގުގެ ޗެމްޕިއަންއާއި ޖަރުމަނު ކަޕްގެ ޗެމްޕިއަންގެ މެދުގައި ކުޅޭ ސުޕަ ކަޕް މެޗުގައި އާރުބީ ލެއިޕްޒިގްގެ މައްޗަށް ކުރިހޯދައި ބަޔާން މިއުނިކުން ސުޕަ ކަޕް ކާމިޔާބު ކޮށްފިއެވެ. މިއީ ޖަރުމަނުގެ ސުޕަ ކަޕް ބަޔާން މިއުނިކުން ކާމިޔާބުކުރި 10 ވަނަ ފަހަރެވެ.

ރޭ ރެޑްބުލް އެރީނާގައި ކުޅުނު މި މެޗު ބަޔާނުން ކާމިޔާބު ކޮށްފައި ވަނީ 5-3 ގެ ނަތީޖާއަކުން ލެއިޕްޒިގްގެ މައްޗަށް ކުރި ހޯދައިގެންނެވެ.

Ad
rt

މި މެޗުގައި ބަޔާނުން ރަނގަޅު ކުޅުމެއް ދައްކާފައިވާއިރު، އެ ޓީމުން ވަނީ ފުރަތަމަ ހާފުގައި ތިން ލަނޑު ޖަހާފައެވެ. ފުރަތަމަ ލަނޑު 14 ވަނަ މިނެޓުގައި ޖަމާލް މުސިއާލާ ކާމިޔާބު ކޮށްދީފައިވާއިރު ދެވަނަ ލަނޑު 31 ވަނަ މިނެޓުގައި ސާޖް ގްނަބްރީ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ މި ސީޒަނަށް ލިވަޕޫލުން ބަޔާނަށް ބަދަލުވި އެފްރިކާގެ އެންމެ މޮޅު ކުޅުންތެރިޔާ ސަޑިއޯ މާނޭއެވެ. މެޗުގައި ބަޔާނުން ކާމިޔާބުކުރި ތިންވަނަ ލަނޑު ފުރަތަމަ ހާފުގެ ފަހު މިނެޓުގައި ޖަމާލް މުސިއާލާ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ ޕަވާޑެވެ.

މެޗުގެ 59 ވަނަ މިނެޓުގައި ލެއިޕްޒިގުން އެ ޓީމްގެ ފުރަތަމަ ލަނޑު ޖަހާފައިވާއިރު، މި ލަނޑު އުންކުންކޫ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ ހަލްސްޓެންބާގެވެ. އެ ލަނޑު ޖެހިތާ ހަތް މިނެޓް ފަހުން ބަޔާނުން ވަނީ އެ ޓީމްގެ ހަތަރުވަނަ ލަނޑު ޖަހާފައެވެ. މި ލަނޑު ކާމިޔާބު ކޮށްދީފައި ވަނީ ގްނަބްރީއެވެ.

މެޗުގެ 77 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ލެޕްޒިގްގެ ދެވަނަ ލަނޑު އުންކުންކޫ ކާމިޔާބު ކޮށްދިންއިރު، އެ ޓީމުން ކާމިޔާބުކުރި ތިންވަނަ ލަނޑު 89 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައި ވަނީ ޑެނީ އޯލމޯއެވެ. މި ލަނޑާއިއެކު އެއް ލަނޑަށް ފަރަގު ކުޑަވެގެން ދިޔަނަމަވެސް މެޗުގެ އިތުރު ވަގުތު ބަޔާނުން ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް ލީޑު ފުޅާކޮށްފައެވެ. މި ލަނޑު ބަޔާނަށް ކާމިޔާބު ކޮށްދީފައި ވަނީ ސާނޭއެވެ.