"ބަދަލަކަށް" އިންތިހާބު ކުރި މިލަދުންމަޑުލު ދެކުނުބުރީ މާފަރު ކައުންސިލްގެ 4 ވަނަ ދަޢުރުގެ ކައުންސިލްގެ ފަސް މެމްބަރުންނަށް އެ ރަށު ރައްޔިތުން ކުރަމުން އައި އިތުބާރު ގެއްލި، މިނިއަނަލަށް ވުރެ ގިނަ ރުފިޔާއިން ކައުންސިލް ދަރަނިވެރިވެ، ކައުންސިލްގެ ހިންގުން ހުއްޓާލަން ޖެހޭ ޙާލަތަށް ހިނގައްޖެއެވެ.

ފައިސާ ބެލެހެއްޓުމާއި، އަދި ބަޖެޓު މެނޭޖު ކުރުމުގައިވެސް، މީގެ އިތުރުން ކައުންސިލަށް ހޯދަން ޖެހޭ ބައެއް ތަކެތި ހޯދުމުގައިވެސް، ހެދިފައިވާ ޤާނޫނާއި ޤަވާއިދުތަކާއި ޚިލާފަށް ކުރަމުން އަންނާތީ، ކައުންސިލްގައި މަސައްކަތް ކުރާ އިދާރީ މުވައްޒަފުންވެސް ބޮޑު ބިރުވެރިކަމެއްގެ ތެރޭގައި މަސައްކަތް ކުރަން ޖެހިފައިވާ ކަން ވަނީ ފާހަގަ ވެފައެވެ.

Ad
rt

ނަން ނުޖެހުމަށް ޝަރުތުކޮށް، މި ނޫހާއި ވާހަކަ ދައްކަމުން، މާފަރު ކައުންސިލްގައި މަސައްކަތް ކުރާ އިދާރީ މުވައްޒަފަކު ބުނީ، ކައުންސިލްގެ ރައީސް މުޙައްމަދު އަދުނާންގެ ޢަމަލުތައް ހުންނަ ގޮތުން، ޙާއްޞަކޮށް ފައިސާގެ ކަންކަން ކުރުމުގައި ޢަމަލުތައް ކުރާ ގޮތުން، ވަރަށް ބޮޑު ހާސްކަމެއްގެ ތެރޭގައި މަސައްކަތް ކުރަން ޖެހިފައިވާ ކަމަށާއި، އެކަންކަން ރަނގަޅު ކުރުމުގެ ބަދަލުގައި، ޤާނޫނީ އިމުން ބޭރުން އެފަދަ ކަންކަން ކުރުން ތަކުރާރު ކުރަމުން އަންނަ ކަމަށެވެ.

"އަޅުގަނޑުމެންނާއި އެކު އިދާރީ ގޮތުން މަސައްކަތް ކުރަން ދެން ތިބި މުވައްޒަފުންތައްވެސް ތިބީ ހާސްކަމެއްގެ ތެރޭގަ. ކުއްލިއަކަށް ބޮޑެތި ބިލްތަކެއް އަންނަނީ. ދެން ކައުންސިލްގެ ރައީސް އެބަ އަންގާ އެ ބިލްތައް ނިންމަން. ބިލްތައް އެޑިޓްކޮށްފަ ހުށަހަޅާކަންވެސް ފާހަގަ ކުރެވިފަ އޮތީ. މި މައްސަލަތައް މިހެން ހުރީމަ މިހާރު ބޭނުމެއް ނުވޭ ކައުންސިލްގައި މަސައްކަތް ކުރާކަށްވެސް. ގިނަ މުވައްޒަފުން މިހާރު އިތުބާރެއް ނުކުރޭ ކައުންސިލަކަށް"

ނަން ނުޖެހުމަށް ޝަރުތުކޮށް މި ނޫހާ ވާހަކަ ދެއްކި މުވައްޒަފަކު ބުންޏެވެ.

މާފަރު ކައުންސިލްގެ ފައިސާގެ ކަންކަން ބެލެހެއްޓުން ދޯހަޅިވެފައިވާތީ، ކައުންސިލްގެ ރައީސް ނުހިމެނޭ ބައްދަލުވުމެއްގައި، ދެން ތިބި މެމްބަރުން ވަނީ، 2000 ރުފިޔާ އަށް ވުރެ ބޮޑު އަދަދެއް ޚަރަދު ކުރާނަމަ، ކައުންސިލްގެ ޢާއްމު ބައްދަލުވުމަކުން ނިންމަންޖެހޭ ގޮތަށް ނިންމުމެއްވެސް ނިންމާފައެވެ. އެހެންކަމުން، މި ނިންމުމާއި ގުޅިގެން، ކައުންސިލުން ޢާއްމުންނަށް ފޯރުކޮށްދިނުމަށް ނިންމާފައިވާ ބައެއް ކަންކަން ކުރުމަށްވެސް ގިނަ ހުރަސްތައް ކުރިމަތިވެފައިކަން ވަނީ ފާހަގަ ކުރެވިފައެވެ.

ރައްޔިތުންނަށް ގިނަ ކަންތައްތަކެއް ކޮށްދިނުމުގެ ވަޢުދާއި އެކު އިންތިޙާބުވި މާފަރު ކައުންސިލްގެ ހަތަރު ވަނަ ދަޢުރުގައި ހިމެނޭ މެމްބަރުންނަށް، މާފަރު ކައުންސިލްގެ އާމްދަނީ އިތުރުކުރުމަށްވެސް މި ވީހާތަނަށް މާ ގިނަ މަސައްކަތްތަކެއް ކުރެވިފައެއް ނެތެވެ. އެވްރެޖްކޮށް މަހެއްގެ މައްޗަށް ލިބޭ އާމްދަނީ އަކީ، ގާތްގަނޑަކަށް 4000 ރުފިޔާ އެވެ. ނަމަވެސް ކައުންސިލްގެ ދަރަނި އެތައް މިލިއަން ރުފިޔާ އަކަށް ވަނީ އަރާފައެވެ.

މާފަރު ކައުންސިލުން ފެނަކަ ކޯޕަރޭޝަނަށް ދައްކަން ޖެހޭ ދޮޅު މިލިއަން ރުފިޔާ ނުދައްކައިގެން އެތައް ފަހަރެއްގެ މަތިން މާފަރު ކައުންސިލުން ކަރަންޓްވެސް ކަނޑާލާފައިވެއެވެ. ނަމަވެސް މިއަދާއި ހަމައަށް އައިއިރުވެސް ދަރަނި އަދާކުރުމަށް މާ ބޮޑު މަސައްކަތެއް ކުރެވިފައެއް ނުވެއެވެ.

ލާމަރުކަޒީ ޤާނޫނުން ލާޒިމު ކުރާ ރައްޔިތުންގެ ބައްދަލުވުންތަކަށްވެސް ރައްޔިތުން ހާޟިރުނުވާތީ އެ ބައްދަލުވުންތައް ވަނީ ކުރިއަށް ގެންދެވޭގޮތް ނުވެފައެވެ. އެގޮތުން ޖުލައި މަހު ބާއްވަންޖެހޭ ބައްދަލުވުން، މިމަހުގެ 25 ވަނަ ދުވަހަށް ތާވަލް ކުރި އިރު، އެ ބައްދަލުވުމަށް ރައްޔިތުންގެ ފަރާތުން ހާޟިރުވެފައިވަނީ ދެ މީހުންނެވެ. އެހެންކަމުން، އެ ބައްދަލުވުން ނުބޭއްވި، މިމަހުގެ 31 ވަނަ ދުވަހަށް ވަނީ އަލުން ތާވަލް ކޮށްފައެވެ.

ރައްޔިތުން ބުނަމުން ދަނީ، ރައްޔިތުންނަށް ކޮށްދޭން ވަޢުދުވި ކަންކަން ކޮށްނުދެވި، ރައްޔިތުންގެ ބައިވެރިވުމާއި، ޚިޔާލު ހޯދުމެއްނެތި ކަންކަން ކުރަން ފެށުމުން މާފަރު ކައުންސިލަށް ކުރަމުން އައި އިތުބާރު މިހާރު ގެއްލިފައިވާ ކަމަށެވެ.