ރައީސް އިބްރާހީް މުޙައްމަދު ޞާލިޙު ޒިނޭކުރައްވާ މަންޒަރު ފެންނަ 4 ފޮޓޯއެއް ލިބިވަޑައިގެންފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ކުރެއްވި ތުހުމަތުތައް ތަހުގީގުކުރުމަށް އިދިކޮޅު ގޮވާލައިފި އެވެ.
އިދިކޮޅު ޕްރޮގްރެސިވް ކޮންގުރެސް އިއްތިހާދުން މިހެން ގޮވާލާފައިވަނީ ރޭ ނެރުނު ނޫސްބަޔާނެއްގަ އެވެ.
އިދިކޮޅުން ނެރުނު އެބަޔާނެއްގައި ބުނެފައިވަނީ މި މައްސަލައިގެ ތެދުދޮގު ދިވެހި ރައްޔިތުންނަށް އެނގެން ބޭނުންވާ ކަމަށާއި އަދި އެ މައްސަލައިގެ ތަހުގީގެއް ހިންގުމަށް ދިވެހި ފުލުހުންގެ ޚިދުތަމަށާއި ދައުލަތުގެ މުއައްސަސާތަކަށް ގޮވައިލާ ކަމަށެވެ.
"އެ މައްސަލައިގެ ތަހުގީގަށް އެއްވެސް ފަރާތެއްގެ ނުފޫޒު ނުފޯރާކަން ކަށަވަރުކުރަން ރައީސް ޞާލިޙާއި ކޮމިޝަނާ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ވަގުތީ ގޮތުން ނަމަވެސް މަޤާމުން އެއްފަރާތްވެވަޑައިގަތުމަށް ގޮވާލަން"
އިދިކޮޅުން ނެރުނު އެބަޔާނުގައި ބުނެފައިވެއެވެ.
މީގެ އިތުރުތުން މިފަދަ ބޮޑު ތުހުމަތެއް ދައުލަތުގެ އެންމެ މަތީ ވެރިންގެ ތެރެއިން ބޭފުޅަކު ރައީސަށް އަމާޒުކުރެއްވުމުން، މިއީ ތަރުޖަމާން މެދުވެރިކުރައްވައި އެ ތުހުމަތުން ބަރީއަވެވަޑައިގަންނަވަންވީ ވަގުތު ނޫން ކަމަށްވެސް އެ ކޯލިޝަނުން ބުނެފައިވެއެވެ.
ކުރީގެ ނައިބުރައީސް އަޙްމަދު އަދީބުގެ އަތްޕުޅުން ކަޅު ދަބަހެއްގައި ގިނަ އަދަދެއްގެ ފައިސާ ގެންދެވިކަމަށް ރައީސް ޞާލިޙަށް އަމާޒުވާ ތުހުމަތުތައް އޮއްބަވައިލެއްވި ފަދައިން ނަޝީދުގެ ތުހުމަތުތައް އޮއްބައިނުލެއްވުމަށް ދިވެހިރައްޔިތުން އެދޭ ކަމަށާއި، މިކަމުން ބަރީއަވެވަޑައިގަތުމަށް މިނިވަން ތަހުގީގަކަށް ފުރުސަތު ދިނުމަށް އެދިވަޑައިގަންނަވާ ކަމަށް އެބަޔާނުގައި ވެއެވެ.
ރޭ އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ވަޓްސްއަޕް ގުރޫޕަށް ކުރެއްވި މެސެޖުތަކެއްގައި ރައީސް ނަޝީދު ވަނީ ރައީސް ސޯލިޙް އަށް ވަރަށް ބޮޑެތި ތުޙުމަތުތަކެއް އަޅުވާފަ އެވެ. ރައީސް ޞާލިޙު އަންހެންކުއްޖަކާއެކު ޒިނޭކުރައްވާ މަންޒަރު ފެންނަ ހަތަރު ފޮޓޯގަނޑު ލިބިވަޑައިގެންފައިވާ ކަމަށް ނަޝީދު ވިދާޅުވެފައިވެއެވެ.
ނަޝީދުގެ މިތުހުމަތުތަކާ ގުޅިގެން މިނޫހުން ކުރި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް އޮފީހުގެ ތަރުޖަމާން މުޙައްމަދު މަބްރޫކު އަޒީޒު ވިދާޅުވީ އެއީ ކަނޑައެޅިގެން ބޮޑު ދޮގެއްކަމަށެވެ. އަދި އެފަދަ އެއްވެސް އަމަލެއް ހިންގަވާފައިނުވާނެ ކަމުގެ ޔަޤީންކަން ރައީސް ދެއްވާ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!