ޗައިނާއިން ޖައްވަށް ފޮނުވާލި ރޮކެޓެއް ކޮންޓުރޯލް ގެއްލި ދުނިޔެއަށް ވެއްޓެމުން ދާކަމަށް ރިޕޯޓްކޮށްފި އެވެ.
ދުނިޔެއަަށް ވެއްޓޭ ރޮކެޓްއަކީ، ޗައިނާގެ ޓިއަންގޮންގް ސްޕޭސް ސްޓޭޝަނަށް ވެންޓިއަން މޮޑިއުލް ފޯރުކޮށްދިނުމަށް ޖުލައި 24 ވަނަ ދުވަހު ލޯންޗްކުރި "ލޯންގް މާޗް 5ބީ" އެވެ.
އެއަރޮސްޕޭސް ކޯޕަރޭޝަނުން ބުނެފައިވާގޮތުން މި ރޮކެޓުގައި ގާތްގަނޑަކަށް 22 މެޓްރިކް ޓަނު (ގާތްގަނޑަކަށް 48،500 ޕައުންޑް) ގެ ބަރުދަން ހުންނާނެ އެވެ. ދުނިޔޭގެ ޖައްވަށް މި ރޮކެޓްގެ ބައިތައް ވެއްޓޭނެ ކަމަށް މިހާރު ލަފާކުރަނީ މިމަހުގެ 31 ވަނަ ދުވަހު ރާއްޖެ ގަޑިން 16:00 ގަ އެވެ.
އެއަރޮސްޕޭސް އިން ބުނެފައިވާގޮތުން މިބައިތަށް ވެއްޓޭނީ ސީދާ ކޮންތަނަކަށްކަން ބުނަން އަދި މާ އަވަސް ކަމަށެވެ. މީހުން ދިރިއުޅޭ ސަރަހައްދުތަކަށް ވެއްޓި ދާނެކަމަށްވެސް ލަފާކުރެއެވެ. އެގޮތުން އޭޝިއާ، އެފްރިކާ ނުވަތަ އުތުރު އެމެރިކާގެ މައްޗަށް ވެއްޓިދާނެ ކަމަށް ލަފާކުރެއެވެ.
އެއަރޮސްޕޭސް ކޯޕަރޭޝަނުން ވަނީ އީކުއޭޓަރުގެ އުތުރާއި ދެކުނުން އެތައް ތަނަކަށް ވެއްޓިދާނެކަމަށް ފާހަގަކޮށްފަ އެވެ. ރީނދޫ ކުލައިގެ އައިކޮން އިން ދައްކުވައިދެނީ ރޮކެޓްގެ ކުނިތައް އޭގެ ރީ އެންޓްރީ ވިންޑޯގެ މެދުތެރޭގައި ހުންނާނެ ތަނެވެ. އެއީ ރޮކެޓް ދުނިޔެއަށް ޖެހޭނެ ކަމަށް ބެލެވޭ ހިސާބުތަކެވެ. އެސަރަހައްދުގެ ތެރޭގައި ރާއްޖޭގެ ސަރަހައްދުވެސް ހިމެނެއެވެ.
ކެލިފޯނިއާގެ އެލް ސެގުންޑޯގައި ހުންނަ އެއަރޮސްޕޭސް ކޯޕަރޭޝަނުން ބުނެފައިވާ ގޮތުން 'މި ސައިޒުގެ ރީ އެންޓްރީއަކުން ދުނިޔޭގެ ޖައްވުގައި އަނދާ އެކީ ހުލި ނުވާނެއެވެ. އެރޮކެޓުގެ ބޮޑުބައެއް 20-40 އިންސައްތަ ބިމަށް ވާސިލްވާނެކަމަށާއި އެހެންނަމަވެސް ދުނިޔޭގައި ތިބި މީހުނަށް ނުވަތަ ތަނަކަށް މީގެ ސަބަބުން ނުރައްކާވާ މިންވަރު ކުޑަވާނެކަމަށެވެ.
ޖައްވުން ވެއްޓޭ އެއްޗެއް މީހެއްގެ ގައިގައި ޖެހުމުގެ ފުރުސަތު ވަރަށް ކުޑަ އެވެ. ސަބަބަކީ ދުނިޔޭގެ ބޮޑު ބައެއް ކަވަރުވެފައި ވަނީ ކަނޑުން ކަމަށް ވާތީ އެވެ.
ޗައިނާއިން ގާއިމުކުރާ ޖައްވީ ސްޓޭޝަން ކަމަށްވާ "ޓިއަންހޭ ސްޕޭސް ސްޓޭޝަން" ގެ ފުރަތަމަ މޮޑިއުލް ލޯންޗުކުރުމަށް މިދިޔަ އަހަރު އޭޕްރީލް މަހުގެ 29 ވަނަދުވަހު ފޮނުވާލި އުޅަދުވެސް ވަނީ ދުނިޔެއަށް ވެއްޓިފަ އެވެ. އެ ރޮކެޓްގެ ބައިތައް ވެއްޓުނީ ރާއްޖޭގެ ހުޅަނގުން ނިލަންދެއަތޮޅުގެ ރަށްތަކާއި ގާތަށް މިދިޔަ އަހަރުގެ މެއި މަހުގެ 9 ވަނަ ދުވަހު އެވެ.
'ލޯންގް މާޗް ފައިވް - ބީ' ގެ ނަން ނަންދީފައިވާ އެ ރޮކެޓް ވަނީ ޖައްވީ ސްޓޭޝަނުގެ ފުރަތަމަ މޮޑިއުލް ކާމިޔާބުކަމާއެކު ގެންގޮސްފައެވެ. އެހެންނަމަވެސް ރޮކެޓްގެ ކޮންޓްރޯލް ގެއްލި، ދުނިޔޭގެ ވައިގެ ފަށަލައަށް އަލުން ވަނުމާއެކު ގޮވައި ކުދިކުދިވެ އޭގެ ބައިތައް ފޭބީ އެވެ.
މިކަމާ ގުޅިގެން ނާސާއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ ޖައްވީ އުޅަނދުތައް އަނބުރާ ދުނިޔެއަށް އަންނައިރު އޭގެ ސަބަބުން މީހުންނަށާއި މުދަލަށް ގެއްލުން ނުވާނެހެން އަމަލު ކުރަންޖެހޭ ކަމުގައެވެ. ޖައްވަށް އެކި ކަހަލަ އުޅަނދުތައް ފޮނުވައި ގެނެސް ހަދާ ގައުމުތަކުން މިކަމަށް ފަރުވާތެރިވާން ޖެހޭ ކަމުގައެވެ. ޖައްވީ ޕްރޮގްރާމްތައް ހިންގަންވާނީ ވީހާވެސް ހާމަކަން ބޮޑުގޮތެއްގައި ކަމަށް ބުނެފައިވެއެވެ.
ޖައްވަށް ރޮކެޓެއް ފޮނުވާލީމާ އެހިސާބުން ގާބިލް ބަޔަކަށް ވެވުނީ ނޫންކަމަށާއި އެޒާތުގެ މަސައްކަތް ޒިންމާދާރު ކަމާއެކު ކުރިއަށް ގެންދިޔުމުގައި ޗައިނާގެ ގާބިލްކަމެއް ނެތްކަން މިހާރު ސާފުކޮށް އެނގޭ ކަމަށްވެސް މި ބަޔާނުގައި ވެއެވެ.
'ލޯންގް މާޗް ފައިވް - ބީ' ރޮކެޓަކީ 30 މީޓަރު ދިގު، ފަސް މީޓަރު ފުޅާ، ބަރުދަނުގައި 21 ޓަނު ހުރި ރޮކެޓެކެވެ. މިއީ މިހާ ބޮޑު އުޅަނދެއް ކޮންޓްރޯލެއްނެތި ދުނިޔެއަށް ވެއްޓުނު ފުރަތަމަ ފަހަރެވެ.
2019 އަހަރު ވެސް ވަނީ ރޮކެޓުގެ ބައެއް ދުނިޔެ އަށް ވެއްޓިފަ އެެވެ. އެ ފަހަރު ރޮކެޓުގެ ބައި ވެއްޓިފައި ވަނީ އެފްރިކާގެ އައިވަރީ ކޯސްޓަށެވެ. އެމެރިކާގެ ޖައްވީ ސްޓޭޝަން ސްކައިލެބުގެ ބައިތަކެއް 1979 ވަނަ އަހަރު ވަނީ ވެސްޓަން އޮސްޓްރޭލިއާ އަށް ވެއްޓިފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!