ހޯމް މިނިސްޓްރީން ހއ. ހޯރަފުށީގައި ގާއިމްކުރާ ހާފްވޭ ހައުސްގެ ބިންގާ އަޅައިފި އެވެ.

އެ ރަށުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ބިންގާ އަޅުއްވައިދެއްވީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އެވެ.

Ad
rt

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ ހޯރަފުށީގައި މިއަދު ބިންގާ އެޅިގެންދިޔަ ހާފްވޭ ހައުސްގެ މަސައްކަތް އިރާދަކުރެއްވިއްޔާ އަންނަ އަހަރުގެ ކުރީ ކޮޅު ނިމިގެންދާނެ ކަމަށާއި އެއީ ސަރުކާރު ފުރަތަމަ ފެށީއްސުރެ ކުރަހާފައޮތް ރީތި މަގުތަކުގައި ހިނގަމުން އައިސް އޭގެ ނަތީޖާއާ ހަމައަށް ދެވޭ ހިސާބު ކަމަށެވެ.

މީގެ އިތުރުން މިނިސްޓަރ ވިދާޅުވީ ކުށްކުރާ މީހުންނަށް އަދަބެއް ދިނުމާ ހަމައަށް ދަނީ ވަރަށް ގިނަކަންކަން ފެއިލް ވެގެން ކަމަށާއި ކުށެއް ކޮށްގެން މީހެއްގެ މައްޗަށް ޝަރުޢީ ޤާނޫނީ އަދަބެއް އަންނަނީ ހަތަރުވަނައަށް ކަމަށް ޢިލްމުވެރިން ވިދާޅުވާ ކަމަށެވެ. ނުވަތަ 3 ކަމެއް ފުރިހަމައަށް އަދާ ނުކުރެވުނީމަ ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ މިއަދު ގާއިމްކުރެވޭ ހާފްވޭ ހައުސްގެ ސަބަބުން ކުށްކުރާ ކުދިން ބޭނުންތެރި ބައެއްގެ ގޮތުގައި އަނބުރާ މުޖުތަމައަށް ގެނައުމަށް ކުރާ މަސައްކަތަށް ބޮޑު ހައްލެއް ލިބިގެންދާނެ ކަމަށެވެ.

ހޯރަފުށީގައި ގާއިމް ކުރުމަށްޓަކައި މިއަދު ބިންގާ އެޅުނު ހާފްވޭ ހައުސްއަކީ ކުޑަކުދިންގެ އަދުލުގެ ގާނޫނުގެ 82 ވަނަ މާއްދާގައި ބަޔާންކުރާ ކުޑަކުދިންގެ ކަރެކްޝަނަލް މަރުކަޒެއްގައި ވަކި މުއްދަތެއް ހޭދަކޮށްފައިވާ ކުދިން އަނބުރާ މުޖުތަމައަށް ނިކުތުމަށް ތައްޔާރު ކުރުމަށް ބޭނުންވާ ޕްރޮގްރާމްތައް ހިންގުމަށްޓަކައި އެކުދިން ބައިތިއްބުމަށް އުފައްދާ މަރުކަޒެކެވެ.

ހާފްވޭ ހައުސްތަކުގައި ތިބޭ ކުދިން މުޖުތަމައަށް ނިކުތުމަށް ތައްޔާރު ވުމުގެ ގޮތުން މަރުކަޒުން ކަނޑައަޅާ އުސޫލުތަކާ އެއްގޮތަށް މުޖުތަމައުގައި ބައިވެރިވެވޭނެ އިންތިޒާމުތައް ހަމަޖެހިފައި ހުންނާނެއެވެ.

އެމް.ޓީ.ސީ.ސީއާ ހަވާލު ކޮށްގެން ހޯރަފުށީގައި އިމާރާތްކުރާ ހާފްވޭ ހައުސް އަކީ 150 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލު ކޮށްފައިވާ ތަނެކެވެ.