ބައިނަލްއަޤްވާމީ ސިޔާސީ އޮއިވަރު މުޅިން ބަދަލުވެ، އިޤްތިޞާދީ ގޮތުންވެސް ދުނިޔެ ކުރިމަތިލާފައިވަނީ ގޮތް ނޭނގޭ ދުވަސްތަކަކާކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ހިޖްރީ އައު އަހަރު ފެށުމުގެ މުނާޞަބާގައި ދިވެހިރައްޔިތުންނަށް ފޮނުއްވި ތަޙުނިޔާގެ ޚިޠާބުގައެވެ.
އެމަނިކުފާނު ވިދާޅުވީ، ދުނިޔަވީ ޙަޔާތުގައި މިއަދު އަރާ ހަމަކުރެވިފައި މިވަނީ، އިންސާނީ ތާރީޚު ނުދެކޭ ފަދަ ހަލަބޮލި ދުވަސްވަރަކާކަމަށެވެ.
އެގޮތުން ޞިއްޙީ ގޮތުންނާއި، ތިމާވެށީގެ ގޮތުން ވެސް ގިނަ ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފައިވާ ދުވަސްވަރެއްކަން ފާހަގަ ކުރެއްވި އެވެ. ޤައުމެއްގެ ޙަޔާތުގައި ކުރިމަތިވާ މިފަދަ ކޮންމެ ހުރަހެއް ގިރާކުރުމުގައި، ސަރުކާރާއި ރައްޔިތުންގެ މެދުގައި ބަދަހި ގުޅުމެއް އޮތުމުގެ މުހިންމުކަން، ހިޖްރައިގެ މަތިވެރި ހާދިސާ އަޅުގަނޑުމެންގެ ހަނދާނަށް ގެނެސްދޭކަމަށް ރައީސް ވިދާޅުވި އެވެ.
މީގެ އިތުރުން ހިޖްރައިގެ ޛިކުރާ އައުކުރާއިރު، އެންމެ ފުރަތަމަ ޢަޒުމަކަށް ހަދަންވީ، އަޅުގަނޑުމެންގެ ހިތްތަކުގައިވާ އިސްލާމް ދީނުގެ މަތިވެރި ޢަޤީދާއަށް ގުޑުމެއް އެރިޔަނުދިނުމަށާއި، އިސްލާމީ ރިވެތި އަޚްލާޤާއި ތަރުބިއްޔަތުގެ މަތީގައި ސާބިތުވެ ތިބުމަށް ކަމުގައި ރައީސް ވިދާޅުވި އެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ، މިފެށުނު 1444 ވަނަ އަހަރުގެ މުނާޞަބާގައި ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށާއި އިސްލާމީ ޤައުމުތަކުގެ ވެރިންނަށް ތަޙުނިޔާ ފޮނުއްވާފައެވެ.
ހިޖްރައިގެ ހާދިސާގެ މައްޗަށް އަލިއަޅުއްވާލައްވައި ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި ވިދާޅުވީ، ހިޖްރައިގެ ވަސްމީރު ޛިކްރާއާ ގުޅިފައިވާ ސަނަތެއްގެ ފެށުން، އަޅުގަނޑުމެންގެ ހަނދާނަށް ގެނެސްދެނީ، މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ ގެ ނަބަވީ ހިޖްރައިން އިންސާނީ ތާރީޚަށް ގެނުވި އިންޤިލާބީ ބަދަލުތައްކަމަށާއި، ލޯތްބާއި ކުލުނާއި އޯގާތެރިކަމުގެ ސަބަބުން އިންސާނީ ޙަޔާތް އާރާސްތުވެގެން ދިޔަ ގޮތާއި، އިސްލާމީ ހިދާޔަތުން އިންސާނީ ޙަޔާތް އުޖާލާވެގެން ދިޔަ ގޮތްކަމަށެވެ.
"މިފަދަ ޛިކުރާތައް އައުކުރާ އިރު، އަޅުގަނޑުމެންގެ ޢަޒުމަކަށް ހަދަންވީ، ހިޖްރައިގެ މަތިވެރި ޛިކުރާއިން ލިބިދޭ ޢިބްރަތްތެރި ފިލާވަޅުތަކުން އަޅުގަނޑުމެންގެ ޙަޔާތުގެ އާބާތުރަ ފިލުވުން "
އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި ވިދާޅުވީ، ހިޖްރައިގެ މަތިވެރި ދަތުރުފުޅާ ވިދިގެން އުފަންވި އިސްލާމީ އުންމަތް، އޭރު ދުނިޔޭގައި އޮތް އެހެން އުންމަތްތަކުގެ މައްޗަށް ކުރި ހޯދި ގޮތަކީ، ދައުލަތެއް ކުރިއަރައި ދިއުމަށް ބޭނުންވާނެ އެންމެހައި ސިފަތަކާއި ނަމޫނާތައް ދައްކައިދޭ ވަރަށް އަގުހުރި މިސާލުތަކެއް ކަމަށެވެ. އަދި އެއީ އިޖްތިމާޢީ ގޮތުންނާއި އިޤްތިޞާދީ ގޮތުން އަދި ސިޔާސީ ގޮތުން ވެސް، ހަމަ ކޮންމެ ބަޔަކުވެސް ނަމޫނާއަކަށް ބަލަންވީ ފުރިހަމަ މިސާލުތަކެއް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ކޮންމެ ޒަމާނަކާއި ކޮންމެ ތަނެއްގައި ވިޔަސް، ތަހުޛީބާއި ތަމައްދުންގެ މައިދާނުގައި ކުރިއަރައިދާން އެދޭ ބަޔަކަށް ފެންނާނެ އެންމެ ރީތި މިސާލުތައް، އިސްލާމީ އުންމަތް އުފެދި ކުރިއަރައިގެން އައި ގޮތުގައި އެކުލެވިފައިވާކަމަށެވެ.
ނަބަވީ ހިޖްރައިގެ މަތިވެރި ހާދިސާއާ ގުޅިފައިވާ މިފަދަ ޛިކްރާއެއް އާކުރާއިރު، އެންމެ ފުރަތަމަ ޢަޒުމަކަށް ހަދަންވީ، ޢަޤީދާއަށް ގުޑުމެއް އެރިޔަނުދިނުމަށާއި، އިސްލާމީ ރިވެތި އަޚްލާޤާއި ތަރުބިއްޔަތުގެ މަތީގައި ސާބިތުވެ ތިބުމަށްކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހިންގެ މެދުގައި މިއޮތް އެއްބަނޑުއެއްބަފާކަމުގެ ގުޅުން އިތުރަށް ހަރުދަނާކޮށް، މުޖްތަމަޢުގެ ޞުލްޙައާއި ހަމަޖެހުމަށް މަސައްކަތްކުރެއްވުމަށް، ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް އިލްތިމާސްކުރައްވާފައެވެ
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!