ރާއްޖެ ޓްރާންސްޕޯޓް ލިންކު މިނީ ބަހުގެ ހިދުމަތް އަތޮޅުތަކުގައި ފެށުމަށް ލ އަތޮޅާއި ފުވައްމުލަކަށް މިނީ ބަސްތައް ފޮނުވައިފިއެވެ.

މިނީ ބަހުގެ ހިދުމަތް ރާއްޖޭގައި ދޭނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އިންނެވެ. އެ ކުންފުނިން ރާއްޖޭގެ 4 ސަރަހައްދެއްގައި މިނީ ބަހުގެ ހިދުމަތް ފަށާނެއެވެ. އެއީ މާލެ، އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ އަދި ލާމު އަތޮޅުގައެވެ.

Ad
rt

މި މަސައްކަތް ފެށުމަށް ބޭނުންވާ 41 ބަހުގެ ތެރެއިން 36 ބަސް މިމަހުގެ 16 ވަނަ ދުވަހު ރާއްޖެއަށް ވަނީ ގެނެސްފައެވެ.

މިބަސްތައް އަތޮޅުތެރެއަށް ފޮނުވުމުގެ މަސައްކަތް އެމްޓީސީސީން ކުރަމުން އަންނައިރު އެންމެ ފުރަތަމަ ބަސްތައް ފޮނުވާފައިވަނީ ލ އަތޮޅަށެވެ. އެގޮތުން ލ. އިސްދޫ އަށް 2 ބަސް އަދި ލ. ގަމަށް 4 ބަސް ފޮނުވާފައިވާ ކަމަށް އެމްޓީސީސީން ބުންޏެވެ.

ފުވައްމުލައް ސިޓީއަށް ފޮނުވާފައިވަނީ 5 ބަހެވެ. އޭގެތެރޭގައި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ހާއްސަ އެއް ބަސް ހިމެނެއެވެ.

އެމްޓީސީސީން މަސައްކަތްކުރަމުންދަނީ މި މަސް ތެރޭގައި އެ ތިން ސަރަހައްދުގައި މިނީ ބަހުގެ ހިދުމަތް ފެށުމަށެވެ.

ބަހުގެ ޚިދުމަތް ފެށުމަށް ބޭނުންވާ އެންމެ ފަހުގެ ތައްޔާރީތައް އެމްޓީސީސީން އަންނަނީ ކުރަމުންނެވެ. އެގޮތުން ބަސް ރޫޓްތަކާއި ބަސް ހުއްޓާނެ ތަންތަން ކަނޑައެޅުމުގެ ކަންކަން ކުރަމުން އަންނައިރު އެކަމަށް ބޭނުންވާ މުވައްޒަފުން ނަގާ އަންނަނީ ތަމްރީނުތައް ދެމުންނެވެ.

އެމްޓީސީސީން ބުނީ އާރްޓީއެލް ބަހުގެ ހިދުމަތް ފެށުމާއެކު ބަހުގެ ޝެޑިއުލް އެމްޓީސީސީގެ ވެބްސައިޓުން ލިބޭނެކަމަށެވެ. އަދި އިތުރު މަައުލޫމާތު ހޯދަން ބޭނުންވާނަމަ ހޮޓްލައިން 1650ށް ގުޅުމަށް އެދިފައިވެއެވެ.