ލިވާތުކުރިކަމުގެ ތުހުމަތުގައި ގާނޫނީ ވަކީލް ނާޒިމް ސައްތާރުގެ ބަންދަށް ހަތް ދުވަހުގެ މުއްދަތެއް ކޯޓުން ޖަހައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޯފުޅު ނާޒިމް ހައްޔަރު ކުރީ ރިސޯޓެއްގައި ހުއްޓައެވެ.
ބަންގުލަދޭޝްގެ ރައްޔިތެއްކަމުގައިވާ އެމްޑީ އަލަމްގިރް އާއެކު އެއްޖިންސުން ގުޅުން ހިންގިކަމަށް ތުހުމަތުކުރެވޭ މައްސަލާގައި ހައްޔަރުކޮށްފައިވާ ނާޒިމްގެ ބަންދާ މެދު ގޮތެއް ނިންމަން މިއަދު ހާޒިރު ކުރީ އއ. ރަސްދޫ މެޖިސްޓްރޭޓް ކޯޓަށެވެ. އޭނާ ބަންދުގައި ބަހައްޓައިގެން ފުލުހުންގެ ތަހުގީގު ގެންދިއުމުގެ ބޭނުމަށް ހަތް ދުވަހުގެ މުއްދަތެއް ކޯޓުން ވަނީ ޖަހާފައެވެ.
ނާޒިމްގެ އިތުރުން އެ މައްސަލާގައި އިތުރު ދެ މީހަކު ވެސް ވަނީ ހައްޔަރުކޮށްފައެވެ. އެ މައްސަލައާއިގުޅިގެން އިއްޔެ ފުލުހުން ބުނީ އެ ތިން މީހުން ހައްޔަރުކުރީ، ބަންގުލަދޭޝްގެ ރައްޔިތެއްކަމުގައިވާ އެމްޑީ އަލަމްގިރް އާއެކު ގިނަ އަދަދެއްގެ ބަޔަކު އެއްޖިންސުން ޖިންސީ ގުޅުން ހިންގާ އެމަންޒަރުތައް ވީޑިއޯ ރެކޯޑްކޮށް އޭގެ ތެރެއިން ބައެއް ވީޑިއޯ ސޯޝަލް މީޑިޔާގައި ލީކްކޮށްފައިވާ މައްސަލައިގެ ތަޙްޤީޤަށް ކަމަށެވެ.
އެ މީހުންގެ ވަނަވަރެއް ހާމައެއް ނުކުރިނަމަވެސް އެއީ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ނަޝީދު (ކާނަލް ނަޝީދު) އާއި ފުލުުސް އޮފިސަރެއްކަމަށް ވަނީ އަޑުތައް ފެތުރިފައެވެ. މި ދެ މީހުންވެސް އަލަމްގީރުއާއެކު ގުޅުން ހިންގާ ކަމަށް ބެލެވޭ ވީޑިއޯތައް ވަނީ އާންމުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!