އިންޑިއާގެ ޗީފް އޮފް އާމީ ސްޓާފް، ޖެނެރަލް މަނޯޖް ޕާންޑޭގެ ރަސްމީ ދައުވަތަކަށް، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް، އިންޑިއާއަށް ޒިޔާރަތް ކުރައްވައިފިއެވެ.
ހަ ދުވަހުގެ މުއްދަތަށް ޗީފް އޮފް ޑިފެންސް ފޯސް ކުރައްވާ މި ދަތުރުފުޅުގެ ތެރެއިން، އެމަނިކުފާނު ވަނީ މިއަދު އިންޑިއާގެ ނޭޝަނަލް ވޯރ މެމޯރިއަލްއަށް ޒިޔާރަތްކުރައްވައި، ޝަހީދުންނަށް އިޙްތިރާމް އަދާކުރުމުގެ ގޮތުން އެ މެމޯރިއަލްގައި މާބޮނޑިއެއް ބާއްވަވާފައެވެ.
އިންޑިއާގެ ނޭޝަނަލް ވޯރ މެމޯރިއަލްއަށް ޗީފް އޮފް ޑިފެންސް ފޯސް ޒިޔާރަތްކުރެއްވުމުން، އެމަނިކުފާނުގެ ޝަރަފުގައި އިންޑިއާ ސިފައިން ގާޑް އޮފް އޮނަރއެއް އެރުވިއެވެ.
މި ދަތުރުފުޅުގައި، ޗީފް އޮފް ޑިފެންސް ފޯސް ވަނީ، އިންޑިއާގެ ޗީފް އޮފް އާމީ ސްޓާފް ޖެނެރަލް މަނޯޖް ޕާންޑޭގެ އިތުރުން އިންޑިއާގެ ޑިފެންސް ސެކްރެޓަރީ އަޖޭ ކުމާރާއި، ނޭޝަނަލް ސެކިޔުރިޓީ އެޑްވައިޒަރ އަޖިތު ޑޮވާލްއާއި، ޗީފް އޮފް ނޭވީ ސްޓާފް އެޑްމިރަލް އާރް. ހަރީ ކުމާރު އަދި ޗީފް އޮފް އެއަރ ސްޓާފް، އެއަރ ޗީފް މާޝަލް ވީއާރް ޗައުދަރީގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތް ކުރައްވާ، އެ ބޭފުޅުންނާ ބައްދަލުކުރައްވާފައެވެ.
މި ބައްދަލުވުންތަކުގައި، ދިވެހި ސިފައިންނަށް ތަމްރީނާއި ވަސީލަތްތަކާއި އަދި އެމްއެންޑީއެފްގެ ކެޕޭސިޓީ ވަރުގަދަކުރުމުގައި އިންޑިއާގެ އަސްކަރިއްޔާއިން ވެދެއްވާ އެހީތެރިކަން ފާހަގަކުރައްވައި، ޗީފް އޮފް ޑިފެންސް ފޯސް އެ ބޭފުޅުންނަށް ޝުކުރު އަދާކުރެއްވިއެވެ. އަދި، ކުރިމަގުގައި ވެސް، ދިވެހި އަސްކަރިއްޔާގެ ކުރިއެރުމަށް ކުރެވޭ މަސައްކަތްތަކުގައި އިންޑިއާގެ އަސްކަރިއްޔާއިން އިތުރަށް އެއްބާރުލުން ހޯދުމާއި މެދު އެބޭފުޅުންނާ މަޝްވަރާކުރެއްވިއެވެ. މީގެއިތުރުން، ސަރަޙައްދުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގައި، ދެ ޤައުމުގެ ދެމެދުގައި އޮތް ބަދަހި ގުޅުން އިތުރަށް ހަރުދަނާކުރުމުގެ މުހިންމުކަމާ ބެހޭގޮތުން ވެސް އެބޭފުޅުންނާ މަޝްވަރާކުރައްވާފައިވެއެވެ.
މި ދަތުރުފުޅުގެ ތެރެއިން، ސިފައިންގެ އަސްކަރީ ޢަދުލުގެ ނިޒާމް އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވުމަށް އިންޑިއާގެ އިންސްޓިޓިއުޓް އޮފް މިލިޓަރީ ލޯވ އަށް ވެސް މިއަދު ޒިޔާރަތް ކުރެއްވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!