އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ދަޢުވަތަކަށް، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އަންނަ ހޯމަ ދުވަހު އިންޑިއާއަށް ވަޑައިގަންނަވާނެ ކަމަށް ރައީސް އޮފީހުން ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުން ވިދާޅުވީ، ރަސްމީ ދަތުރުފުޅެއްގައި ރައީސް ޞާލިޙް މިދަތުރު ކުރައްވާނީ މި އަންނަ އޮގަސްޓް މަހުގެ 1 ވަނަ ދުވަހުން 4 ވަނަ ދުވަހަށް ކަމަށެވެ.
އިންޑިއާއަށް ވަޑައިގަންނަވަނީ އެ ގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ދައުވަތަކަށެވެ. އެ ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި، ސަރުކާރުގެ އިސްވެރިންނާއި، ރާއްޖޭގެ ބޮޑެތި ވިޔަފާރިތަކުން މަންދޫބުން ބައިވެރިވެވަޑައިގަންނަވާނެކަމަށް ރައީސް އޮފީހުން ވިދާޅުވި އެވެ.
މި ދަތުރުފުޅުގައި ދިވެހިރާއްޖެ އާއި އިންޑިއާގެ ގުޅުން އިތުރަށް ބަދަހި ކުރުމަށާއި، ރާއްޖޭގެ ތަރައްޤީގައި ގުޅިގެން މަސައްކަތް ކުރުމާއި ގުޅޭ ގޮތުން ދެޤައުމުގެ މަތީ ފަންތީގެ އިސްވެރިން ބައްދަލުކުރައްވައި މަޝްވަރާތައް ކުރައްވާނެއެވެ.
ރައީސްގެ މި ދަތުރުފުޅަކީ ރަސްމީ ޙައިސިއްޔަތުން އިންޑިއާއަށް ވަޑައިގަންނަވާ ދެވަނަ ދަތުރުފުޅެވެ. ރަސްމީ ދަތުރުފުޅެއްގައި ފުރަތަމަ އިންޑިއާއަށް ވަޑައިގެންނެވީ ވެރިކަމާ ހަވާލުވެވަޑައިގެން އަހަރު، 2018ވަނަ އަހަރުގެ ޑިސެމްބަރު މަހުއެވެ. އެފަހަރުގެ ދަތުރުފުޅަކީވެސް ބޮޑުވަޒީރުގެ ދަޢުވަތަކަށް ކުރައްވި ދަތުރުފުޅެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!