ޤާނޫނު ނަންބަރު 94/6 (ދިވެހިރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތްކުރުމުގެ ޤާނޫނު) އަށް 2 ވަނަ އިސްލާޙު ގެނައުމުގެ ޤާނޫނުގެ ދަށުންނާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ116 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚުތިޔާރުގެ ދަށުން، "އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސް" ގެ ނަމުގައި ސަރުކާރުގެ އިދާރާއެއް 2016 އެޕްރީލް 25 ވަނަ ދުވަހު އުފައްދަވައި، އެ އިދާރާއަކީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުގެ ދަށުން ހިނގަމުންދާ ތަނެއްގެ ގޮތުގައި ހަމަޖައްސަވައިފިކަމުގައި ރައީސުލްޖުމްހޫރިއްޔާ ނިންމެވީ 2016 ވަނަ އަހަރުގެ މޭ މަހުގެ 11 ވަނަ ދުވަހު އެވެ.
ދުނިޔޭގެ ޔޯގާ ދުވަސް ފާހަގަކުރުމަށް މިދިޔަ މަހުގެ 21 ގައި ރާއްޖޭގައި ވެސް ވަނީ ޔޯގާ އިވެންޓެއް ބާއްވައިފަ އެވެ. ހަމަނުޖެހުން ބޮޑުވި އެ ހަރަކާތަށް މަސް ދުވަސް ފާއިތުވިޔައިރު އެކަމުގެ އަޑުތައް ކެނޑިގެން ނުދެއެވެ. އެއްބަޔަކު ބުނަމުން ދަނީ އެއީ ހުއްދަ ކަމެއް ކަމަށެވެ. އަނެއްބަޔަކު ބުނަމުން ދަނީ އެއީ ބޮޑު ޝިރުކެއް ކަމަށެވެ. މިކަމުގައި އިސްކޮން ފަތުވާ ނެރުމުގައި އުޅެނީ ސިޔާސީ މީހުންނާއި ސިޔާސީ ލިޑަރުންނެވެ. މިހާތަނަށް ފަތުވާ މަޖިލީހުން އެކަމާ ގުޅިގެން ވަކި އެއްޗެއް ނުބުނެ އެވެ.
ޔޯގާއަކީ އިސްލާމްދީނުގައި ހުއްދަ ކަމެއްތޯ ނޫންތޯ އާއްމުންގެ މެދުގައި ބޮޑެތި ބަހުސްތަކެއް ފެށި ހިޔާލު ތަފާތުވުންތައް އުފެދި، އެކަމާ ގުޅިގެން ހަމަނުޖެހުން ހިނގި އިރު ފަތުވާ މަޖިލިސް އޮތީ ގާނޫނީ ހުސްކަމެއްގަ އެވެ.
ޔޫތު މިނިސްޓްރީގެ ބައިވެރިވުމާ އެކު، ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް ގަލޮޅު ދަނޑުގައި ބޭއްވި ޔޯގާ ހަރަކާތަށް ހުރަސް އަޅައި އެ ތަނަށް ވަދެ ހަމަނުޖެހުން ހިންގި މައްސަލައިގައި މިހާތަނަށް 25 އަށްވުރެ ގިނަ މީހުން ވަނީ ހައްޔަރުކޮށްފަ އެވެ. ހައްޔަރު ކުރި މީހުންގެ ތެރޭގައި ބައެއް ދީނީ އިލްމުވެރިން ވެސް ހިމެނެ އެވެ.
ޔޯގާ ހަރާމް ކަމަށް ރަސްމީކޮށް ކަނޑައަޅާ: މަހްލޫފް
ޖެހިގެން އައިދުވަހު، ޖޫން 22 ވަނަ ދުވަހު، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވަޒީރުންނާ އިތުރު ސުވާލުކުރުމުގެ ތެރެއިން ޔޯގާ ހަރަކާތާ ގުޅޭ ގޮތުން ޕީޕިއެމްގެ ނައިބު ރައީސް، ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ސުވާލު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މަހްލޫފް ތަކުރާރުކޮށް ވިދާޅުވީ އެ ކަމަކީ ސިޔާސީ ކަމެއް ކަމަށެވެ. އަދި 2014 އިން ފެށިގެން ރާއްޖޭގައި އެ ދުވަސް ފާހަގަކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވާ ވިދާޅުވުން ތަކުރާރު ކުރެއްވި އެވެ.
ޔޯގާއަކީ ހަރާމް ކަމެއް ކަމަށް ރާއްޖޭގައި ކަނޑައަޅާފައި ނުވާ ކަމަށާއި ވަކި ޝޭހަކު ބުނީތީ އެކަން ހަރާމް ނުކުރެވޭނެ ކަމަށް ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ޔޯގާއަކީ ހަރާމް ކަމެއް ކަމަށް ރާއްޖޭގައި ކަނޑައެޅުމުން އެކަން ގަބޫލުކުރައްވާނެ ކަމަށެވެ.
ޔޯގާ އާއި މިއުޒިކާ ދެން އޮތް ކަމަކާއި ދެން އޮތް ކަމެއް، މި ހުރިހާ ކަމެއް ހަރާންތޯ ހަރާން ނޫންތޯ އަޅުގަނޑުމެން ކައިރީ ބުނީމަ އެކަމުގައި އަޅުގަނޑުމެން އެކަމުގައި ނޫޅޭނަން. އެކަމަކު ހިލާފު އުފެދިފައި، ތަފާތު ވިސްނުން ހުރި ކަންކަން ވަކި ޝޭހަކު ހަރާމޭ ބުނީމަ، ދެން އަޅުގަނޑުމެން ގަބޫލު ކުރަންވީ؟
ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް ވިދާޅުވި އެވެ.
ޔޯގާ ހެދުމަކީ އިސްލާމްދީނާ ހިލާފު ކަމެއްކަމަށްބުނެ އިސްލާމިކް މިނިސްޓްރީން ފޮނުވި ސިޓީ ލީކުވި، ފަހުން ކެންސަލް
ޔޯގާ ހެދުމަކީ އިސްލާމީ ޝަރީއަތާ ހިލާފު ކަމެއް ކަމަށާއި އެ ކަން ކުރާ ފަރާތްތައް ދެނެގަނެ ފިޔަވަޅު އެޅުމަށް، އެ ހަރަކާތުގެ ހަފުތާއެއްހާ ދުވަސް ކުރިން އިސްލާމިކް މިނިސްޓްރީން ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދަށް ފޮނުވި ސިޓީއެއް ސޯޝަލް މީޑިއާގައި ދައުރުވާން ފެށި އެވެ.
އެ ސިޓީގައި އިސްލާމިކް މިނިސްޓްރީން ވިދާޅުވީ، މެޑިޓޭޓު ކުރަން ނުވަތަ ކަސްރަތެއްގެ ގޮތުގައި ރާއްޖޭގައި ތަފާތު ބައްޔަށް ޝިފާ ހޯދުމުގެ ނަމުގައި ޔޯގާ ހަދަމުންދާ ކަމަށާއި އެއީ މުސްލިމުންގެ މައްޗަށް ހަރާމް ކޮށްފައިވާ ކުޅިވަރެއް ކަމަށް މިސްރާއި މެލޭޝިއާގެ ފަތުވާ ދޭ މަޖިލީހުން ފަތުވާ ނެރެފައިވާ ކަމަށެވެ.
މެޑިޓޭޝަނަކީ ހިންދޫ އަޅުކަމެއް ކަމުގައިވާ ޔޯގާގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށް އެ މިނިސްޓްރީން ވިދާޅުވެފައިވެއެވެ.
"...[ޔޯގާއަކީ] އެ މީހުންގެ ދީނީ ސަގާފަތާއި ގުޅޭ ގޮތުން މެޑިޓޭޝަންގެ ނަމުން ނަން ދީ އިރުއަރާ ވަގުތު އިރަށް ކުރުނީސްކޮށް އަދި ހިންދޫން ބުދު ފައްޅީގައި އަޅުކަން ކުރުމުގައި ބޭނުން ކުރާ މިއުޒިކެއް ހިމެނޭ ހަރަކާތެއް،"
އިސްލާމިކް މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވް ހިޝާމް އަހުމަދު ސޮއިކުރައްވައި ސީޕީ ހަމީދަށް ފޮނުއްވި ސިޓީގައި ވިދާޅުވި އެވެ.
އެ ސަބަބާ ހެދި އެއީ އިސްލާމީ ޝަރީއަތާ ހިލާފު ކަމެއް ކަމަށާއި ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމާ ބެހޭ ގާނޫނުގެ ދަށުން ޔޯގާ ހެދުން މަނާވާނެ ކަމަށް އިސްލާމިކް މިނިސްޓްރީގެ އެސިޓީގައި ވިދާޅުވި އެވެ.
ނަމަވެސް އިސްލާމިކް މިނިސްޓްރީން ފުލުހުންނަށް ފޮނުވި ސިޓީއަކީ ޔޯގާ ދުވަހާ ގުޅިގެން ފޮނުވި ސިޓީއެއް ނޫން ކަމަށާއި އޭގައި ނެރެފައިވާ ފަތުވާ އަކީ އެފަދަ ކަންކަމުގައި އަމަލުކުރާ އުސޫލުތަކާ ހިލާފަށް ނެރެފައިވާ ފަތުވާއެއް ކަމަށް އެ މިނިސްޓްރީން 27 ޖޫންގައި ނެރުނު ނޫސްބަޔާނަކުން ވިދާޅުވި އެވެ.
އަދާލަތުގެ ދީނީ އިލްމުވެރިންގެ މަޖިލީހުން ޔޯގާއާ ގުޅޭގޮތުން ނެރުނު ރިޕޯޓާއި އެކު ފަތުވާގެ އަޑު ގަދަވި
މި ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ އަދާލަތުގެ ދީނީ އިލްމުވެރިންގެ މަޖިލީހުން ޔޯގާއާ ގުޅޭގޮތުން ނެރުނީ އިލްމީ ރިޕޯޓެކެވެ. ޔޯގާ ހެދުމާ ގުޅޭ ހުރިހާ ކަމަކަށް ބެލުމުން، އެއީ ހިންދޫ ދީނުގެ މަތިވެރި އަޅުކަމެއްކަން ވަރަށް ސާފުކޮށް އެނގޭ ކަމަށް އެރިޕޯޓުގައި ވެއެވެ. ޔޯގާ ހެދުމަކީ ކުފުރުގެ އަމަލެއް ކަމަށް ކަނޑައަޅައި ސަރުކާރު ކޯލިޝަނުގެ ހިމެނޭ އަދާލަތު ޕާޓީން ނެރުނު ރިޕޯޓަށް ކޯލިޝަނުގެ މައި ޕާޓީ، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވަގުތުން ފާޑުވިދާޅުވި އެވެ.
"ވަކި ބައެއްގެ ފަލްސަފާ އަކީ އިސްލާމް ދީނުގެ ހުކުމެއް ކަމަށް ބަލައިގަންނަން ދަތި"
ރައްޔިތުންގެ މަޖިލީހުގެ ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޔޯގާ އަކީ ޝިރުކެއް ކަމަށް ދަންނަ ބޭކަލުންގެ އިޖުމާއެއް ނެތް ކަމަށެވެ.
ޖެހިގެން އައި ދުވަހު، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ޔޯގާ އާއި ގުޅޭ ގޮތުން ފަތުވާ ނެރުއްވި އެވެ. ވިދާޅުވީ، ޔޯގާ ހެދުމުގެ ތެރޭގައި ޝިރުކުގެ އަމަލެއް ނުހިމެނޭ ނަމަ އެ ކަން ކުރުމަކީ މައްސަލައެއް ނޫން ކަމަށާއި އެއީ އާދައިގެ ކަސްރަތެއް ކަމަށެވެ.
ހަމަ އެދުވަހު، ކަސްރަތެއްގެ ގޮތުގައި ނުވަތަ އެ ނޫން ނަމެއްގައި ވެސް ޔޯގާ ހެދުމާއި ޔޯގާގެ ހަރަކާތްތަކުގައި ބައިވެރިވުމަކީ މުސްލިމުންގެ މައްޗަށް ހަރާމް ކަމެއް ކަމަށް ބުނެ ރާއްޖޭގެ 104 ޝޭހުން ފަތުވާއެއް ނެރުނެވެ.
ފަތުވާ މަޖިލިސް ހޯދަން ފެށުން
ޔޯގާއާ ގުޅިގެން ސުވާލު އުފެދިފައިވަނިކޮށް އިސްލާމް ދީނުގައި އެ ކަން ބަޔާންކޮށްފައި އޮންނަ ގޮތް ފަތުވާ މަޖިލީހުުގެ ބަލާފައި ނެތް ސަބަބެއް ހޯދަން ރައްޔިތުންގެ މަޖިލީހަށް ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އާދަމް ޝަރީފް ހުށަހެޅުއްވީ ޖޫން މަހުގެ 28 ވަނަ ދުވަހު އެވެ.
ދީނީ ހިޔާލު ތަފާތުވުންތައް އުފެދޭ މައްސަލަތަކުގައި އެންމެ ފަހު ބަސް ބުނާ ފަތުވާ މަޖިލިސް ޕެރެލައިޒްވެފައި އޮތް އޮތުން ނިމުމަކަށް ގެނެސް، އެ މަޖިލިސް ހަރަކާތްތެރި ކުރުވަން ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް ގޮވާލެއްވި އެވެ.
މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) ގެ ލީޑަރު ކާނަލް މުހައްމަދު ނާޒިމް ގޮވާލެއްވީ، ރާއްޖޭގެ ސިޔާސީ ލީޑަރުން ދީނީ ފަތުވާ ނެރުމުގެ ބަދަލުގައި އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސް ބާރުވެރިކޮށް އެތަނުން ރައްޔިތުންނަށް ދީނީ ކަންކަން ސާފުކޮށްދިނުމަށެވެ.
"ފަތުވާ މަޖިލީހުގެ ޒިންމާ އަދާކޮށްފައި ނުވަނީ ކީއްވެތޯއާއި އަދި މިފަދަ މައްސަލަތައް ތަކުރާރުވިޔަ ނުދިނުމަށް ޓަކައި ސަރުކާރުން ކަންކަން ރާވާފައިވާ ގޮތްތަކަކީ ކޮބައިކަމާއި ޔޯގާ ހެދުމާ ގުޅޭ ގޮތުން ފަތުވާ މަޖިލީހުގެ ރައުޔަކީ ކޮބައިކަން ރައްޔިތުންގެ މަޖިލީހުގެ ކަމާ ބެހޭ ކޮމިޓީ މެދުވެރިކޮށް ސާފުކޮށް ދިނުމަށް އެދެމެވެ."
އާދަމް ޝަރީފް ފޮނުވި ސިޓީގައިވެ އެވެ.
ފަތުވާ މަޖިލިސް ކޮބާ؟
ދީނީ އެއްބައިވަންތަކަން ހިޔާމަތްކުރުމުގެ ގާނޫނުގައިވާ ގޮތުން ފަތުވާ މަޖިލީހަށް މެމްބަރުން އެކުލެވިގެން ވަނީ ރައީސް އައްޔަން ކުރާ ހަތަރު މެންބަރަކާއި މިނިސްޓަރުގެ ލަފާ މަތިން އައްޔަން ކުރާ އެއް މެންބަރުގެ މައްޗަށެވެ. މި ސަރުކާރު ވެރިކަމާ ހަވާލުވި ފަހުން ފަތުވާ މަޖިލީހަށް އާ މެންބަރުން އައްޔަންކޮށްފައެއް ނުވެ އެވެ.
އެ މަޖިލީހަށް މެމްބަރުން އައްޔަން ކުރަނީ ފަސް އަހަރަށް ކަމަށް ވާއިރު، އެންމެ ފަހުން މެންބަރުން އައްޔަންކުރި ފަހުން ދައުރު ހަމަނުވެ މިހާރު ހުންނެވީ އެމަޖިލީހުގެ ރައީސް ޑރ. މުހައްމަދު ރަޝީދު އިބްރާހިމް އެކަންޏެވެ.
އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ ކުރީގެ މެންބަރުންނަކީ:
އައްޝައިޚް އިބްރާހިމް އަޙްމަދު
މެންބަރު ކަމަށް އައްޔަނު ކުރެވުނު ތާރީޚް: 2016-08-03
މެންބަރު ކަމުން ވަކިވި ތާރީޚް: 2021-08-02
މެންބަރު ކަމުގައި ހޭދަވި މުއްދަތު: 5 އަހަރު
ޑރ. މޫސާ އަންވަރު ޙަސަން
މެންބަރު ކަމަށް އައްޔަނު ކުރެވުނު ތާރީޚް: 2017-02-02
މެންބަރު ކަމުން ވަކިވި ތާރީޚް: 2022-02-01
މެންބަރު ކަމުގައި ހޭދަވި މުއްދަތު: 5 އަހަރު
އަލްއުސްތާޛް އިސްޙާޤް މުޙައްމަދުފުޅު
މެންބަރު ކަމަށް އައްޔަނު ކުރެވުނު ތާރީޚް: 2017-02-02
މެންބަރު ކަމުން ވަކިވި ތާރީޚް: 2022-02-01
މެންބަރު ކަމުގައި ހޭދަވި މުއްދަތު: 5 އަހަރު
އައްޝައިޚް ޙަސަން ތައުފީޤް
މެންބަރު ކަމަށް އައްޔަނު ކުރެވުނު ތާރީޚް: 2016-08-03
މެންބަރު ކަމުން ވަކިވި ތާރީޚް: 2021-08-02
މެންބަރު ކަމުގައި ހޭދަވި މުއްދަތު: 5 އަހަރު
އައްޝައިޚް އާދަމް ޝަމީމް ބިން އިބްރާހިމް
މެންބަރު ކަމަށް އައްޔަނު ކުރެވުނު ތާރީޚް: 2016-12-07
މެންބަރު ކަމުން ވަކިވި ތާރީޚް: 2017-02-02
މެންބަރު ކަމުގައި ހޭދަވި މުއްދަތު: 1 މަހާއި 26 ދުވަސް
ފަތުވާ މަޖިލިސް ހަރަކާތްތެރިނުވާތީ މީގެ ކުރިން ވެސް ބައެއް ދީނީ އިލްމުވެރިން ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.
ފަތުވާދޭ މަޖިލިސް އެކުލެވިގެންވާ ގޮތާއި މަސްއޫލިއްޔަތުތައް މުރާޖަޢާކުރުމަށް ގާނޫނަށް ބަދަލު ގެނައުމުގެ މަގުމަތީ
ދީނީ އެއްބައިވަންތަކަން ޙިމާޔަތްކުރުމުގެ ޤާނޫނު މުރާޖަޢާކުރުމާގުޅޭ މަޝްވަރާތައް މިއަހަރުގެ މާރޗް މަހުގެ ތެރޭގައި ފެށި އެވެ.
އެޓަރނީ ޖެނެރަލްގެ އޮފީހާއި ކަމާބެހޭ ފަރާތްތައް ގުޅިގެން ކުރިއަށްގެންދިޔަ މި މަޝްވަރާތަކުގައި، ފަތުވާދޭ މަޖިލިސް އެކުލެވިގެންވާ ގޮތާއި މަސްއޫލިއްޔަތުތައް މުރާޖަޢާކުރުމާއި، ހަރުކަށި ފިކުރު ހުއްޓުވުމަށް ޤާނޫނަށް ގެންނަންޖެހޭ އިޞްލާޙުތައް ދެނެގަތުން ހިމެނެއެވެ.
ދިވެހިރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ގާނޫނަކީ 1994 އަހަރު އަމަލު ކުރަން ފެށި ގާނޫނެކެވެ. އަށާވީސް އަހަރު ވީ އެ ގާނޫނަށް މިހާތަނަށް ގެނެސްފައި ވަނީ ދެ އިސްލާހެކެވެ. އެ އިސްލާހުތައް ގެނެސްފައި ވަނީ 2014 ވަނަ އަހަރާއި 2016 ވަނަ އަހަރުއެވެ.
އެއީ ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާގައި ހިމެނޭ ބިލެކެވެ.
ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ މަސައްކަތްތަކުގެ ގޮތުގައި 6 ކަމެއް
ދިވެހިރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތްކުރުމުގެ ޤާނޫނު އަށް 2 ވަނަ އިސްލާޙު ގެނައުމުގެ ޤާނޫނުގެ 7 ވަނަ މާއްދާގެ ދަށުން އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ މަސައްކަތްތަކުގެ ގޮތުގައި ކަނޑައަޅާފައިވަނީ 6 ކަމެކެވެ.
1. ދިވެހިރާއްޖޭގެ ދީނީ އެއްބައިވަންތަކަން ޤާއިމުކޮށް ދެމެހެއްޓުމަށްޓަކައި ދިވެހި މުޖުތަމަޢަށް ބޭނުންވާ ދީނީ ފަތުވާ އާންމުންނަށް ފޯރުކޮށްދިނުން.
2. ދައުލަތުގެ މުއައްސަސާތަކުން މަޖިލީހުގެ ލަފަޔަކަށް އެދޭ ދީނީ ކަންކަމުގައި، އެ މުއައްސަސާތަކަށް ބޭނުންވާ އިސްތިޝާރީ ލަފާ ފޯރުކޮށްދިނުން.
3. އިސްލާމީ އުންމަތަށް ދިމާވާ ފިޤްހީ އައު މައްސަލަތަކަކީ ކޮބައިކަން ދެނެގަނެ، އެފަދަ މައްސަލަތަކުގެ ތެރެއިން ދިވެހި ރައްޔިތުންނަށް ދީނީގޮތުން ފަތުވާ ދިނުން މުހިންމުކަމަށް މަޖިލީހަށް ފެންނަ މައްސަލަތަކުގައި، ދީނީ ފަތުވާ އާންމުންނަށް ފޯރުކޮށްދިނުން.
4. ދިވެހިރާއްޖޭގައި ދީނީ ގޮތުން ޚިޔާލު ތަފާތުވުން އުފެދޭ މައްސަލަތައް ދެނެގަނެ، އެކަންކަމުގެ ދިރާސާތައްކޮށް، އެފަދަ މައްސަލަތަކުގައި މަޖިލީހުގެ ފަތުވާ އާންމުންނަށް ފޯރުކޮށްދިނުން.
5. ދިވެހި ރައްޔިތުންގެ މެދުގައި އުފެދޭ ދީނީ ޚިޔާލު ތަފާތުވުންތައް ނައްތާލުމަށާއި، މުޖުތަމަޢުގެ މަޞްލަޙަތު ހިމެނޭ ދީނުގެ އެކި މައްސަލަތަކުގައި ޚިޔާލު ހޯދައި މަޝްވަރާކުރުމަށްޓަކައި، ދީނީ ޢިލްމުވެރިންގެ މަހާސިންތާތަކާއި ސެމިނަރތައް ރާވައި ހިންގުން.
6. ދީނީ ކަންކަމުގައި އާންމުންގެ ހޭލުންތެރިކަން އިތުރުކުރުމަށްޓަކައި، ތަފާތު ދީނީ މައުޟޫޢުތަކަށް ދިރާސާކޮށް ލިޔެފައިވާ ލިޔުންތައް ޝާއިޢުކޮށް ނެރުން.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!