ލިވާތު މައްސަލަތައް ނުބަލާ ނަމަ، ކޮންމެ ފަދަ މުސީބާތެއް ވެސް ދިމާވެދާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ގދ. ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސަނީފް (ސަންނަ) ވިދާޅުވެއްޖެ އެވެ.
ސަންނަ މިފަދައިން ވިދާޅުވެފައިމިވަނީ، އެއްޖިންސުން ގުޅުންހިންގާ ވީޑިއޯތަކެއް އާންމުވެ، އެކަމުގައި ބަޔަކު ހައްޔަރުކޮށްފައި ނުވާތީ ގިނަބަޔަކު ސަރުކާރާއި ފުލުހުންނަށް ފާޑު ކިޔަމުން އަންނަ ދަނޑިވަޅެއްގަ އެވެ.
މިރޭ ކުރެއްވި ޓުވީޓެއްގައި ސަންނަ ވަނީ، އެއްޖިންސުން ގުޅުން ހިންގި އެންމެހައި ފަރާތްތަކުގެ މައްސަލަ ބަލައި ގާނޫނުގައި ބުނާ އެންމެ ހަރުކަށި އަދަބު ދިނުމަށް، ދިވެހި ފުުހުންނާއި އަދި ޕްރޮސެކިއުޓަރ ޖެނެރަލް އަށް ގޮވާލާފަ އެވެ.
"ބިރުވެތިވޭ، ބިރުވެތިވޭ" މިފަދައިން ލިޔެފައިވާ ބަސްކޮޅެއް ހިއްސާކޮށް ސަންނަ ކުރެއްވި ޓުވީޓުގައި އިތުރަށް ވިދާޅުވެފައިވަނީ، އެކަން ކުރަން ޖެހެނީ ދިވެހިރާއްޖެ އާއި ދިވެހިންގެ މުސްތަގުބަލަށްކަމުގަ އެވެ.
"މިކަން ނުބަލާ ނަމަ ކޮންމެ ފަދަ މުސީބާތެއް ވެސް އަޅުގަނޑު މެނާއި ދިމާވެދާނެ."
ސަންނަގެ ޓުވީޓުގައި ވިދާޅުވެފައިވެއެވެ.
ދިވެހި ފުލުސް އަދި ޕޖ އަށް މިދަންނަވަނީ ދިވެހިރާއްޖެ އާއި ދިވެހިންގެ މުސްތަގުބަލަށް. އެއްޖިންސުން ގުޅުން ހިންގި އެންމެހައި ފަރާތްތަކުގެ މަސްސަލަ ބަލައި ގާނޫނުގަ ބުނާ އެންމެ ހަރުކަށި އަދަބު ދިނުމަށް، މިކަން ނުބަލާ ނަމަ ކޮންމެ ފަދަ މުސީބާތެއް ވެސް އަޅުގަނޑު މެނާއި ދިމާވެދާނެ. pic.twitter.com/krwUeLa4XJ
— Abdulla Saneef (@SaneefAbdulla) July 24, 2022
މިމޭރުމުން ސަންނަ ވިދާޅުވެފައިވާއިރު އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު ވެސް ވަނީ، މުންކަރާތްތަކާ ފާހިޝް އަމަލުތައް ހުއްޓުވުމަށް ސަރުކާރާ ފުލުހުން ފަސްޖެހިގެން ނުވާނެކަމަށް ވިދާޅުވެފަ އެވެ.
ޝިފާޢު މިއަދުކުރެއްވި ޓުވިޓެއްގައި ވިދާޅުވީ، ދިވެހިންްގެ ދީނަކީ އިސްލާމްދީންކަމުގައި ޤާނޫނުއަސާސީ ސާފުކޮށް ބުނާ ކަމަށެވެ.
"އިސްލާމްދީނުގަ ހުއްދަކަމަކީ ދިވެހި ފަސްގަޑުގައި ހުއްދަކަމެއް ކަމަށާއި، އަދި އިސްލާމްދީނުގައި ހަރާމްކަމަކީ ދިވެހިފަސްގަޑުގައި ހަރާމްކަމެއް"
ޝިފާއު ވިދާޅުވިއެވެ.
އެއްޖިންސުން ގުޅުން ހިންގި މައްސަލާގައި ބަންގްލަދޭޝްގެ އެމްޑީ އަލަމްގީރް ހައްޔަރުކޮށް މައްސަލަ މިހާރު އިތުރަށް ތަހުގީގުކުރަމުން އަންނަ އިރު، އޭނާއާ އެކީ ގުޅުން ހިންގި ދިވެހި ފިރިހެނުންގެ އަދަދު މިހާރު 250 އަށް އަރާ ކަމަށް މިފަހުން އަޑުފެތުރިފައިވެއެވެ.
އޭނައާ އެކު ގުޅުން ހިންގި ބައެއް މީހުންގެ ވީޑިއޯތައް އާންމުވެ، މުޅި ރާއްޖޭހެ ސަމާލުކަމަށް މިދިޔަ މަހުގެ ތެރޭގައި މި މައްސަލަ އައި އިރު، ކުރިން އަޑު އަރާފައި އޮތް ގޮތުން އަލަމްގީރް، 25، އާ އެކު 42 މީހަކު ގުޅުން ހިންގާފައިވެ އެވެ. ނަމަވެސް ފުލުހުންގެ ތަހުގީގަށް މިހާތަނަށް އެނގިފައިވާ ގޮތުގައި އޭނާއާ އެކީ ގުޅުން ހިންގި މީހުންގެ އަދަދު 250 އަށް އަރަ އެވެ. އަދި ގުޅުން ހިންގި މީހުންނާ އެކު ރެކޯޑްކޮށްފައިވާ ހުރިހާ ވީޑިއޯތަކެއް ފުލުހުން މިހާރު އަތުލާފައިވާ ކަމަށް ވެސް އެނގިފައިވެ އެވެ.
އަލަމްގީރާ އެކީ ގިނަ އަދަދެއްގެ ބަޔަކު ގުޅުން ހިންގާފައިވާތީ މިކަމާ ހެދި ބައްޔެއް ފެތުރިފައި އޮވެދާނެ ކަމަށް ވެސް ބެލެވެން ފަށައި، އެކަމުގެ ބިރުވެރިކަން ވެސް މުޖުތަމައުގެ ތެރޭގައި ވަނީ ބޮޑުވެފަ އެވެ.
ފުލުހުން އަލަމްގީރް މި މަހުގެ 12 ގައި ހައްޔަރުކުރީ އޭނަ ގުޅުން ހިންގި މީހުންގެ ވީޑިއޯ ރެކޯޑްކޮށް، ފައިސާ ހޯދަން ބްލެކްމެއިލްކުރާ ކަމަށް ބުނެ ހުށަހެޅި މައްސަލަތަކަކާ ގުޅިގެންނެވެ. އޭނާގެ އިތުރުން މިކަމުގައި ސާމިލުވާ އެހެން ފަރާތެއް ހައްޔަރެއް ނުކުރެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!