އޮސްޓްރޭލިއާގެ ޓައުނެއްގެ އުޑުމަތިން ފިޔާތޮށި އަލިގަނޑެއް ފެނި، އެ ސަރަހައްދުގައި ދިރިއުޅޭ ގިނަ ބަޔަކު ހާސްވެއްޖެ އެވެ.

މިދިޔަ ހަފްތާގައި އެގައުމުގެ މިލްޑޫރާ ޓައުނުގެ އުޑުމަތިން ފެނުނު ފިޔާތޮށި އަލިގަނޑާއެކު ގިނަބަޔަކު ތިބީ ބޮޑު ސުވާލުތަކެއްގެ ތެރޭގަ އެވެ. އެއްބަޔަކު އެއީ އޭލިއަން އިންވޭޝަނެއް ކަމަށް ބުނިއިރު، އަނެއްބަޔަކު ހީކުރީ އެއީ ނެޓްފްލިކްސް ގެ މަޝްހޫރު ސީރީޒް "ސްޓްރޭންޖާ ތިންްގްސް" ގެ ފަހު ސީޒަންގައި އުޅުނު "ވެކްނާ" ކިއާ ވިލަންގެ ކަމެއް ކަމަށެވެ.

Ad
rt

ފިޔާތޮށި އުޑުގެ ފޮޓޯތައް މީސްމީޑިއާގައި ވައިރަލްވެފައިވާއިރު، އެ އަލިގަނޑުގެ އަސްލު އެންމެން ހީކުރިގޮތައި ހިލާފެވެ.

ފާމަސޫޓިކަލްސް ކުންފުންޏެއް ކަމަށްވާ ކޭން ގްރޫޕުން ބުނިގޮތުގައި އެ އަލިގަނޑަކީ އެ ކުންފުނިން މިލްޑޫރާގައި ބޭސްވެރިކަމަށް ހައްދާ ސިއްރު މަރިޖުއާނާ ދަނޑުން ބޭރުވި އައްޔެއްކަމަށެވެ.

ގްރޫޕުގެ އިސް އޮފިޝަލަކާއި ހަވާލާދީ "ދަ ގާޑިއަންސް" ނޫހުން ރިޕޯޓުކުރިގޮތުގައި މަރިޖުއާނާ ގަސް ރަނގަޅަށް ހައްދަން އެފަދަ އައްޔެއް ބޭނުންވެ އެވެ. އާންމުގޮތެއްގައި ފަނޑު ރަތްކުލައިގެ އައްޔެއް ބޭނުން ކުރާއިރު، ކޮންމެ ދުވަހަކުވެސް ރޭގަނޑުވާންވާއިރަށް އެ އަލި ބޭރުނުވާހެން ބަންދުކުރެ އެވެ. ނަމަވެސް، އެދުވަހު ހުރީ އެ އަލި ބޭރުވާ ގޮތަށެވެ.

ބޭސްވެރިކަމާއި ދިރާސާގެ ބޭނުމުގައި މަރިޖުއާނާ އިންދުމުގެ ލައިސަންސް ހޯދި އޮސްޓްރޭލިއާގެ ފުރަތަމަ ކުންފުންޏަކީ ކޭން ގްރޫޕެވެ. 2016 ވަނަ އަހަރު އެގައުމުގައި ބޭސްވެރިކަމަށް މަރިޖުއާނާ ހުއްދަކޮށްފައިވާއިރު، ގަވައިދާހިލާފަށް އެ ބޭނުންކުރާ މީހުންގެ އަދަދު ވަކި ދަށެއް ނޫނެވެ.