ތ. ވަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށް މެންބަރަކު ހޮވުމަށް މިއަދު ބޭއްވި ބައި-އިލެކްޝަން މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ކެންޑިޑޭޓް ޚަދީޖާ މުޙައްމަދު ކާމިޔާބު ކޮށްފިއެވެ.
މި އިންތިޚާބުގައި އެމްއެންޕީން ކުރި ހޯދީ ރާއްޖޭގެ އެންމެ މެންބަރުން ގިނަ ޕާޓީ އަދި ވެރިކަންކުރާ ކޯލިޝަންގެ މައި ޕާޓީ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ކެންޑީޑޭޓް ޝިރުމީނާ އަލީ ބަލިކޮށްފައެވެ.
އިންތިޚާބުގެ މިހާތަނަށް ސާފުވި ނަތީޖާ ދައްކާގޮތުގައި އިންތިޚާބު ކާމިޔާބުކުރި އެމްއެންޕީއަށް ލިބިފައިވަނީ 132 ވޯޓެވެ. އަދި އެމްޑީޕީގެ ކެނޑިޑޭޓަށް ލިބިފައިވަނީ 89 ވޯޓެވެ. ދެ ކެނޑިޑޭޓުންގެ ދެމެދުގައި 43 ވޯޓުގެ ފަރަގެއްވެއެވެ. ނަމަވެސް އިލެކްޝަން ކޮމިޝަން (އީސީ) އިން އަދި ވަގުތީ ނަތީޖާ ޢިއުލާނެއް ނުކުރެއެވެ.
ވަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ގޮނޑިއެއް ކާމިޔާބު ކުރުމުން މިއީ އެމްއެންޕީގެ ކުރު ތާރީޚުގައި ހޯދި ދެވަނަ މޮޅެވެ. މީގެކުރިން އެ ޕާޓީ ވަނީ ށ. ކޮމަންޑޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ގޮނޑިއެއް ވެސް ކާމިޔާބު ކޮށްފައެވެ.
އިލެކްޝަން ކޮމިޝަން (އީސީ)އިން "މޯލްޑިވްސް ނެޝަނަލް ޕާޓީ" ސިޔާސީ ޕާޓީއެއްގެ ގޮތުގައި ރަޖިސްޓަރީކޮށްދީ، އެ ޕާޓީގެ ރަޖިސްޓަރީ ހަވާލުކުރީ މިދިޔަ އަހަރުގެ އޮކްޓޯބަރުމަހުގެ 25 ވަނަ ދުވަހުއެވެ. އެމްއެންޕީ ވުޖޫދަށް ގެނައުމުގެ ކަންކަމަށް އިލެކްޝަނުން ހުއްދަ ދީފައިވަނީ 2020 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 15 ވަނަ ދުވަހުއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!