އަވަށްޓެރި ސްރީލަންކާގެ ރައީސްކަމުގެ މަގާމަށް އިއްޔެ އިންތިޚާބުވި ރަނިލް ވިކްރަމަސިންހަ މަގާމުގެ ހުވާ ކުރައްވައި، ރަސްމީ ގޮތުން މަގާމުގެ މަސްއޫލިއްޔަތުތަކާ ހަވާލުވެވަޑައިގެންފި އެވެ.
ލަންކާގެ ގާނޫނު ހަދާ މަޖިލީހުގައި އިއްޔެ ނެގި ވޯޓުގައި ރަނިލް ރައީސްކަމަށް އިންތިހާބުވެވަޑައިގަތީ ސިއްރު ވޯޓުގައި 134 ވޯޓް ހޯއްދަވައިގެންނެވެ.
ރަނިލް މަގާމުގެ ހުވާ ކުރެއްވީ ގާނޫނު ހަދާ މަޖިލީހުގެ ރައީސް މަހިންދަ ޔާޕާ އަބޭވަރްދަނަގެ ކުރިފުޅުމަތީގައިއެވެ. އެމަނިކުފާނަށް ހުވައި ލައިދެއްވީ އުއްތަމަ ފަނޑިޔާރު ޖަޔަންތަ ޖަޔަސޫރިޔާ އެވެ.
އިގްތިސާދީ އަނދަވަޅެއްގައި އޮތް ސްރީލަންކާއަށް ސިޔާސީ ބަދަލުތަކެއް އަންނަން މަޖުބޫރުވީ ޤައުމުގެ ހާލަތާމެދު ކެތްތެރިކަންކޮޅުންލައި އާންމުން މަގުތަކަށްނުކުމެ ފެށި މުޒާހަރާތަކާއި ގުޅިގެންނެވެ. އެ ހަލަބޮލިކަމުގެ ތެރޭގައި ކުރީގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސާ އިސްތިއުފާ ދެއްވުމުން ބޮޑުވަޒީރު ކަމަށް އައްޔަނުކުރީ އުމުރުން 73 އަހަރުގެ ރަނިލްއެވެ.
އެ ޤައުމުގެ ރައީސްގެ ގެކޮޅަށް އާންމުންވަދެ އެތަން ހިސޯރުކުރުމުން ފިއްލަވައިގެން އުޅުއްވުމަށްފަހު، ޤައުމުން ބޭރަށްވަޑައިގެން އެ ޤައުމުގެ އޭރުގެ ރައީސް ގޮޓާބަޔަ ރާޖަޕަކްސަ ވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ. ގޮޓާބަޔަ ޤައުމު ދޫކުރަށްވާ ފުރަތަމަ ވަޑައިގަތީ ރާއްޖެއަށެވެ. އެއަށްފަހު ސިންގަޕޫރަށް ވަޑައިގެން އެ ޤައުމުގައި ހުންނަވައި މަޤާމުން އިސްތިއުފާ ދެއްވީއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!