އަވަށްޓެރި ސްރީލަންކާގެ ރައީސަކު ހޮވުމަށް މިއަދު އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގައި ނެގި ވޯޓުން އެ ޤައުމުގެ އާ ރައީސަކަށް ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ އިންތިހާބު ކޮށްފި އެވެ.

ރަނިލް ރައީސްކަމަށް އިންތިހާބުވެވަޑައިގަތީ ސިއްރު ވޯޓުގައި 134 ވޯޓް ހޯއްދަވައިގެންނެވެ.

Ad
rt

އޭނާއާ ވާދަކުރެއްވި އިިދިކޮޅު ކެންޑިޑޭޓް ޑަލަސް އައްލަހަޕެރުމަ އަށް 82 ވޯޓު ލިބިވަޑައިގަތެވެ. އަދި އަނޫރާ ކޭ ޑިސަނަޔަކަ އަށް ލިބިވަޑައިގަތީ 3 ވޯޓެވެ.

އިގްތިސާދީ އަނދަވަޅެއްގައި އޮތް ސްރީލަންކާއަށް ސިޔާސީ ބަދަލުތަކެއް އަންނަން މަޖުބޫރުވީ ޤައުމުގެ ހާލަތާމެދު ކެތްތެރިކަންކޮޅުންލައި އާންމުން މަގުތަކަށްނުކުމެ ފެށި މުޒާހަރާތަކާއި ގުޅިގެންނެވެ. އެ ހަލަބޮލިކަމުގެ ތެރޭގައި ކުރީގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސާ އިސްތިއުފާ ދެއްވުމުން ބޮޑުވަޒީރު ކަމަށް އައްޔަނުކުރީ ރަނިލްއެވެ.

އެ ޤައުމުގެ ރައީސްގެ ގެކޮޅަށް އާންމުންވަދެ އެތަން ހިފުމުން ފިއްލަވައިގެން އުޅުއްވުމަށްފަހު، ޤައުމުން ބޭރަށްވަޑައިގެން އެ ޤައުމުގެ އޭރުގެ ރައީސް ގޮޓާބަޔަ ރާޖަޕަކްސަ ވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ. ގޮޓާބަޔަ ޤައުމު ދޫކުރަށްވާ ފުރަތަމަ ވަޑައިގަތީ ރާއްޖެއަށެވެ. އެއަށްފަހު ސިންގަޕޫރަށް ވަޑައިގެން އެ ޤައުމުގައި ހުންނަވައި މަޤާމުން އިސްތިއުފާ ދެއްވީއެވެ.

ލަންކާއަށް އާ ރައީސަކު އިންތިޚާބު ކުރިއިރު އެ ޤައުމުގެ މިހާރުގެ ހާލަތުން އަރައިގަތުމަށް ކުރަންޖެހޭ މަސައްކަތްކަތް ވަރަށް ބޮޑެވެ.