ކަސްޓަމްގެ ޚިދުމަތްތައް ހަރުދަނާކޮށް، ރާއްޖެއަށް ކުރިމަތިވެފައިވާ، މަސްތުވާތަކެތީގެ މައްސަލަތަކާއި ޓެރަރިޒަމާއި މަނީ ލޯންޑަރިންގެ މައްސަލަތަކަށް އެދެވޭ ޙައްލެއް ހޯދުމަކީ ސަރުކާރުގެ މަޒާނެއްކަމުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެ އެވެ.

ރައީސް މިފަދައިން ވިދާޅުވީ، ރޭ ދަރުބާރުގޭގައި ބޭއްވެވި މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ 132 ވަނަ އަހަރީ ޙަފްލާ ޝަރަފްވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

Ad
rt

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ، ކަސްޓަމްސްގެ ޚިދުމަތްތައް އިތުރަށް ހަރުދަނާ ކުރުމަށްޓަކައި ކުރަންޖެހޭ ހުރިހާ ކަމެއް ސަރުކާރުން ކުރަމުންދާނެ ކަމުގެ ޔަޤީންކަން ދެއްވައިފައެވެ.

މި ޙަފްލާގައި ރައީސް ދެއްކެވި ވާހަކަފުޅުގައި މަސްތުވާތަކެއްޗާއި ދެކޮޅަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ އޮފިސަރުން ކުރަމުންދާ މަސައްކަތުގައި ރަނގަޅު ނަތީޖާއެއް ފެންނަމުންދާކަން ފާހަގަކުރައްވައި އެކަމުގެ މައްޗަށްވެސް އަލިއަޅުއްވާލެއްވިއެވެ. މިގޮތުން، މަސްތުވާތަކެއްޗާ ދެކޮޅަށް ކުރާ މަސައްކަތްތަކުގެ ތެރެއިން، ނޮވެންބަރު 2018އިން ފެށިގެން މިހާތަނަށް، 182 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ކަސްޓަމުން ވަނީ އަތުލައިގަނެފައި ކަމާއި އެއީ އޭގެ ކުރީގެ 5 އަހަރާ އަޅައިބަލާއިރު، 32 އިންސައްތައިގެ އިތުރުވުމެއްކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މިރޭގެ ޙަފްލާގައި ކަސްޓަމްސްގެ 6 އޮފިސަރަކަށް ރައީސުލްޖުމްހޫރިއްޔާގެ ކުލަ އެމަނިކުފާނު ވަނީ ޙަވާލުކޮށްދެއްވާފައެވެ.

މީގެ އިތުރުން މި ޙަފްލާގައި ވަނީ، މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއަށް ޚާއްޞަ ހަނދާނީ ފިލައެއް ވެދުމަށް އަރުވާފައެވެ.

މޯލްޑިވްސް ކަސްޓަމްސް ސަރވިސް ގެ ޚިދުމަތް ފެށިފައި ވަނީ 18 ޖުލައި 1890ގައެވެ. މޯލްޑިވްސް ކަސްޓަމްސް ސަރވިސްއަކީ ވަކި ޤާނޫނެއްގެ ދަށުން ހިންގަމުން އަންނަ، ދައުލަތުގެ މުއައްސަސާއެކެވެ.