ރާއްޖޭގެ ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑުކުރަން އެންމެ ރަނގަޅީ 2 އަހަރުފަހުން ކަމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) އިން ބުނެފިއެވެ.
އައިއެމްއެފް އިން މިދިޔަ މަހުގެ 16 ވަނަ ދުވަހު އާއްމު ކޮށްފައިވާ ރިޕޯޓުގައި ބުނެފައިވަނީ ރާއްޖޭގައި ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑުކުރަން އެންމެ ރަނގަޅީ 2024 ގައި ކަމަށެވެ. އަދި އެ އަހަރުވެސް އަދަދު ބޮޑު ކުރަން ރަނގަޅީ އިންފްލޭޝަންގެ ހާލަތު ރަނގަޅުވުމުން ކަމަށް ވެސް ވަނީ ބުނެފައެވެ.
އެ އިދާރާއިން ބުނީ ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގުތައް އިންތިހާ އަށް އުފުލެމުންދާ ދަނޑިވަޅެއްގައި ޓެކްސް ބޮޑުކުރުން ރަނގަޅު ނޫން ކަމަށެވެ. އަދި ޖީއެސްޓީ ބޮޑުކުރަން ރަނގަޅީ މަރުހަލަާތަކަށް ބަހައިގެން ކަމަށާއި ކޮވިޑްގެ ކުރީގެ ހާލަތަށް އިގްތިސާދު ރުޖޫއަވެ، ތަކެތީގެ އަގުތައް އެއްވަރެއްގައި ކޮންޓްރޯލްވެފައިވޭތޯ ބަލަން ޖެހޭނެ ކަމަށް ވެސް ވަބީ ބުނެފައެވެ.
އައިއެމްއެފްގެ މި ރިޕޯޓުގައި ވަނީ ރާއްޖޭގައި ވެސް ތަކެތީގެ އަގު އުފުލޭތީ ޖީއެސްޓީ އާއި ޓީޖީއެސްޓީގެ ވާހަކަތަކުގެ ސަބަބުން އަގު އިތުރަށް އުފުލޭނެތީ އެ މަޝްވަރާތައް ނުކުރުމަށް ލަފާ އަރުވައިފައެވެ.
އައިއެމްއެފް އިން މި ރިޕޯޓް ނެރެފައި ވަނިކޮށް ސަރުކާރުން މިވަނީ ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑު ކުރުމުގެ މަޝްވަރާތައް ފަށައިފައެވެ. ފިނޭންސް މިނިސްޓްރީން ބުނާ ގޮތުގައި މި ޓެކްސް ބޮޑުކުރަން ނިންމަނީ އަންނަ އަހަރުގެ ޖެނުއަރީން ފެށިގެންނެވެ.
ރާއްޖޭގައި މުދަލާއި ހިދުމަތުން ނަގާ ޓެކްސްތައް ކުޑަކަން ފާހަގަކޮށް އައިއެމްއެފް އިން ވަނީ އެ އަދަދު ބޮޑުކުރަން ވެސް ލަފާ ދީފައެވެ. އެގޮތުން ޖީއެސްޓީ 8-10 އިންސައްތައަށްވެސް ބޮޑުކުރަން ވަނީ ލަފާ ދީފައެވެ. އަދި ޓީޖީއެސްޓީ 14-15 އިންސައްތައަށް ބޮޑު ކުރުމަށްވެސް ވަނީ ލަފާ ދީފައެވެ.
މިހާރު ރާއްޖޭގައި ޖީއެސްޓީ ނަގަނީ 6 އިންސައްތައެވެ. ނަމަވެސް ސަރުކާރުން ހުށަހަޅަނީ އެ އަދަދު 8 އިންސައްތައަށް ބޮޑު ކުރުމަށެވެ. އަދު މިހާރު 12 އިންސައްތައިން ނަގާ ޓީޖީއެސްޓީ 16 އިންސައްތައަށް ބޮޑުކުރަން ވަނީ ނިންމާފައެވެ.
ޖީއެސްޓީ އާއި ޓީޖީއެސްޓީ އިތުރު ކުރަން ނިންމުމާ ގުޅިގެން ގިނަބަޔަކު ވަނީ ސަރުކާރަށް ފާޑު ކިޔައިފައެވެ. އެއީ މިހާރު ހާލަތު އޮތް ގޮތުން ރަނގަޅު ކަމެއް ނޫން ކަމަށާއި އޭގެ ސަބަބުން ތަކެތީގެ އަގު އުފުލި ފަތުރުވެރިން އައުން މަދުވާނެ ކަމަށް ވެސް ބައެއް ފަރާތްތަކުން ބުނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!