މާލެ ސަރަހައްދުގެ ރައްޔިތުން ޕިކްނިކް ދިއުމަށް ތަރައްގީކުރަމުންދާ ކުޑަގިރިއަށް ސްޓެލްކޯއިން ކަރަންޓު ދީފިއެވެ.
މާލެ ކައިރިން ޕިކްނިކްދާނެ ރަށެއް ތަރައްޤީ ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެވަޑައިގެންފައިވާ ވައުދުފުޅާއި އެއްގޮތައް ކުރިޔަށް ގެންދާ ކ. ކުޑަގިރި މަޝްރޫޢަށް ކަރަންޓް ދިނުމުގެ މަސައްކަތް މުޅިން ނިމިފައިވާ ކަމަށް ސްޓެލްކޯއިން ވަނީ ހާމަކޮށްފައެވެ.
ސްޓެލްކޯ އިން ބުނީ ކުޑަ ގިރީގެ ކަރަންޓުގެ ނެޓްވޯކް ގާއިމް ކުރުމަށްޓަކައި، ތިން ހާސް މީޓަރުގެ ކޭބަލް ވަޅުލައި، ޑިސްޓްރިބިއުޝަން ފޮށި ހަރުކޮށް، ހަދަން ޖެހޭ ހުރިހާ ކަނެކްޝަނެއް މިހާރު ހަދާނިމިފައިވާ ކަމަށެވެ.
މިނިވަން ދުވަހުގެ މުނާސަބަތުގައި ހުޅުވުމަށް ތައްޔާރު ވަމުން އަންނ ކުޑަގިރީގައި ސްޓެލްކޯއިން ގެންދަނީ ރަށަށް ޒިޔާރަތްކުރާ ފަރާތްތަކަށް ހިދުމަތް ދިނުމަށް ކެފޭއެއް އެޅުމުގެ މަސައްކަތް ކުރަމުންނެވެ.
ސްޓެލްކޯ އިން ބުނީ އެ މަސައްކަތް އެކުންފުންޏާއި ހަވާލު ކުރީ މިދިޔަ މަހުގެ 28 ވަނަ ދުވަހު ކަމަށާއި ކަނޑައަޅާފައިވާ މުއްދަތަށް މަސައްކަތް ނިންމާލެވޭނެ ކަމަށެވެ.
މިނިވަން ދުވަހު ކުޑަގިރި ހުޅުވުމަށް ކުރަމުންގެންދާ މަސައްކަތްތައް ނައިބު ރައީސް ފައިސަލް ނަސީމާއި، ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރު އަހުމަދު ޝަރީފް ވަނީ ބައްލަވައި ލައްވާފައެވެ.
އެރަށް ތަރައްގީކުރުމުގެ މަޝްރޫޢު ހިންގަނީ އެމްޓީސީސީންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!