ބަޔަކު މީހުން ކިތަންމެ ނުރުހުނަސް އަދާލަތު ޕާޓީ އޮތީ ކުޑަކޮށް ވެސް ފަހަތަށްޖެހޭ ގޮތަށް ނޫންކަމަށް އެ ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު ސައިޚް އިމްރާން ޢަބުދުﷲ ވިދާޅުވެއްޖެއެވެ.
އިމްރާން މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ.
ފަހަކަށް އައިސް ހިނގާފައިވާ ބައެއް ކަންކަމާއި ގުޅިގެން ބައެއް ދީނީ ޢިލްމުވެރިންގެ ފާޑު ކިޔުން އަދާލަތު ޕާޓީއަށް ވަނީ އަމާޒުވެފައެވެ.
އެ ފާޑުކިޔުންތަކާއެކު އިމްރާން ގެންދަވަނީ ޓްވީޓާ މެދުވެރިކޮށް އަދާލަތުގެ ޚިދުމަތްތައް ހަނދާންކޮށް ދެއްވަމުންނެވެ.
“ބަޔަކު މީހުން ކިތަންމެ ނުރުހުނަސް (އިންޝާﷲ) އަދާލަތު އޮތީ ކުޑަ ތަންފުކެއްވެސް ފަހަތަށްޖެހޭ ގޮތަކަށް ނޫން” އިމްރާންގެ މިއަދުގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.
އަދި އިސްލާމް ދީނުގެ ފުރިހަމަ މަހްފޫމްގައި އެ ޕާޓީ ދާނީ ބާރަށް ކުރިޔަށް ކަމަށް ވެސް ވިދާޅުވެފައިވެއެވެ.
އިމްރާން މިފަހުން ކުރެއްވި ޓްވީޓްތަކަށް ގިނަ ޚިޔާލުތަކެއް ފާޅުކޮށްފައިވާއިރު މި ޓްވީޓަށް ވެސް ގިނަ ބަޔަކު ޚިޔާލު ފާޅުކޮށްފައި ވެއެވެ. މިގޮތަށް ޚިޔާލު ފާޅުކުރެއްވި އެއް ބޭފުޅަކީ އަދާލަތު ޕާޓީއަށް ނިސްބަތްވެ ވަޑައިގަންނަވާ އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ސައިޚް އިލްޔާސް ޖަމާލެވެ.
“ބަސް މަދުކުރައްވާފަ، ޢަމަލު ގިނަކުރައްވައި، ގޯހެއް ހެއްދެވިފައިވާނަމަ، އެކަމެއް ރަނގަޅުކުރެއްވުމަށް ނަޞޭޙަތްތެރިވަން.” އިލްޔާސް ޖަމާލު ވިދާޅުވެފައިވެއެވެ.
ބަސް މަދުކުރައްވާފަ، ޢަމަލު ގިނަކުރައްވައި، ގޯހެއް ހެއްދެވިފައިވާނަމަ، އެކަމެއް ރަނގަޅުކުރެއްވުމަށް ނަޞޭޙަތްތެރިވަން.
— إلياس جمال الوادوي (@IVaadhuvee) July 15, 2022
އިމްރާން އިއްޔެ ކުރެއްވި ޓްވީޓެއްގައި ވަނީ ބަޔަކު ގަބޫލުކުރިޔަސް ނުކުރިޔަސް މިދިޔަ ތިން އަހަރު ނުވަތަ 2005 ވަނަ އަހަރުން ފެށިގެން މިހާތަނަށް ބެލިނަމަވެސް އަދާލަތުގެ އިލްމުވެރީންނަށް ވުރެ ބޮޑަށް އިސްލާމް ދީނަަށް ހިދުމަތް ކުރި ޕާޓީއެއްވެސް އަދި ޖަމާއަތެއްވެސް ރާއްޖޭގައި ނެތް ކަމަށް ވިދާޅުވެފައެވެ. އަދި ހަގީގަތަކީ އެއީ ކަމަށް ވެސް ވިދާޅުވެފައި ވެއެވެ.
އޭގެ ކުރިން އިމްރާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ އަދާލަތު ޕާޓީ އުފެދުނީ ރާއްޖޭގައި ފަނޑުވަމުން ދިޔަ އިސްލާމް ދީނުގެ މަތިވެރި އުސޫލުތައް ނެގެހެއްޓުމަށްޓަކައި ކަމަށެވެ.
"އިންޝާﷲ މި ޕާޓީ ދެމި އޮންނާނީ އެ ޒިންމާ އަދާކުރުމުގައި" އިމްރާން ވިދާޅުވެފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!