ފްރާންސްގެ ފޯވާޑް އުސްމާނޭ ޑެމްބެލޭ ބާސެލޯނާއާއިއެކު ހަދާފައިވާ އެއްބަސްވުން އައުކޮށް އިތުރު ދެ އަހަރު އެ ޓީމުގައި މަޑުކުރަން ނިންމައިފިއެވެ.
އުމުރުން 25 އަހަރުގެ ޑެމްބެލޭ ބާސާއާއިއެކު ކުރިން ހަދާފައިވާ އެއްބަސްވުން މި ހޫނު މޫސުމުގައި ހަމަވި ނަމަވެސް މިހާރު އޭނާ ވަނީ 30 ޖޫން 2024 ގެ ނިޔަލަށް އެ ޓީމުގައި މަޑުކުރަން ނިންމާފައެވެ.
ޑެމްބެލޭ ބާސެލޯނާއާއި ގުޅިފައިވަނީ 2017 ވަނަ އަހަރު ބޮރޫޝިއާ ޑޯޓްމަންޑުން 96.8 މިލިއަން ޕައުންޑްގެ ފީއަކަށެވެ. ޑެމްބެލޭ ބޮޑު އަގުގައި ބާސާއަށް ބަދަލުވީ ނަމަވެސް ފާއިތުވި ސީޒަންތަކުގައި އަނިޔާގެ ގިން މައްސަލަތަކާއި ގުޅިގެން ގިނަ ދުވަސްތަކެއް ވަންދެން ކުޅުމާއި ދުރުގައި ހުންނަން ޖެހުމުގެ ސަބަބުން އެންމެ އެދެވޭ ކުޅުން ބާސާގައި ދެއްކިފައިނުވެއެވެ.
ޑެމްބެލޭ ވަނީ ބާސާއަށް ކުޅެދިން 150 މެޗުގައި 32 ލަނޑުޖަހައި 34 ލަނޑު ޖެހުމަށް އެހީތެރިވެދީފައެވެ. ނިމިދިޔަ ސީޒަނުގައި ޑެމްބެލޭވަނީ 32 މެޗުގައި 13 އެސިސްޓާއި ދެ ގޯލް ޖަހައިފައެވެ.
ކުރިއަށް މިދާ ޓްރާންސްފާ މާކެޓްގައި ޑެމްބެލޭ ކުލަބް ބަދަލުކުރާނެ ކަމުގައި އަޑު ފެތުރުމާއިއެކު ބޮޑެތި ބައެއް ކުލަބުތަކުން އޭނާއަށް ޝަޢުޤުވެރިކަން ފާޅުކޮށްފައިވެއެވެ. އޭގެ ތެރޭގައި ޗެލްސީއާއި ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީ ހިމެނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!