އަންގާރަ ދުވަހުގެ ރޭ ރާއްޖެ ވަޑައިގެންނެވި ސްރީލަންކާގެ ރައީސް ގޮޓާބަޔަ ރާޖަޕަކްސަ އާއި އަނބިކަނބަލުން މިއަދު ރާއްޖެއިން ފުރާވަޑައިގެންފި ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ސްރީލަންކާގެ އިސް ގިންތީގެ އޮފިޝަލުންނާއި ހަވާލާދީ ސީއެންއެންގައި ބުނެފައި ވަނީ ގޮޓާބަޔަ ރާއްޖެއިން ފުރާވަޑައިގެންފައިވާ ކަމަށެވެ. އަދި އެ މަނިކުފާނު ވަޑައިގަންނީ ސިންގަޕޫރަށް ކަމަށް ވެސް އެ އޮފިޝަލުންނާއި ހަވާލާދީ ބުނެފަވެއެވެ.

Ad
rt

ގޮޓާބަޔަ ސިންގަޕޫރަށް ފޯރާނީ މިރޭ ކަމަށް އެ އޮފިޝަލުންނާ ހަވާލާދީ އެ ނޫހުގައި ބުނެފަވެއެވެ. އަދި އެމަނިކުފާނު ދަތުރުކުރައްވަނީ ސައޫދިއާ ފްލައިޓެއްގައި ކަމަށް ވެސް ބުނެފަވެއެވެ.

ސީއެންއެންގައި ބުނެފައިވަނީ ގޮޓާބަޔަ ދަތުރުކުރައްވަނީ މިއަދު ހެނދުނު 11:30 ގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ފުރި ސައޫދިއާ ފްލައިޓްގައި ކަމަށް ބެލެވޭ ކަމަށެވެ.

ގޮޓާބަޔަ ރާއްޖެ ވަޑައިގަތީ ސްރީލަންކާގައި އިގުތިސާދީ ކާރިސާއެއް ތަހައްމަލު ކުރަންޖެހި ރައްޔިތުން ލޭ ހޫނުވެ އެ ޤައުމުގެ ސަރުކާރާއި ދެކޮޅަށް ފެށި މުޒާހަރާތަކާއިގުޅިގެން ހަމަނުޖެހުން ބޮޑުވެ ޢާންމުން ގޮސް ރިޔާސީ ގަނޑުވަރުވެސް ހިސޯރުކޮށްފައިވަނިކޮށް ފިއްލަވައިގެން އުޅުއްވުމަށްފަހުއެވެ.

ރާއްޖެ ވަޑައިގަތުމުގެ ކުރިން އެމަނިކުފާނު ވަނީ ލަންކާއިން ޔޫއެއީއަށް ވައިގެ މަގުންނާއި ކަނޑުގެ މަގުންވެސް ވަޑައިގަންނަވަން މަސައްކަތް ކުރަށްވާފައިކަމަށް ރިޕޯޓުތައް ބުނެއެވެ.

ގޮޓާބަޔަ ރާއްޖެވަޑައިގަތުމާގުޅޭ ގޮތުން އެމަނިކުފާނު ފުރައިވަޑައިގަތުމާއި ހަމައަށް ދިވެހި ސަރުކާރުން އެއްޗެއް ބުނެފައެއް ބުވެއެވެ. އަދި އޭނާ ރާއްޖެގައި ހުންނެވި ތަނެއް ވެސް ޔަގީންވެފައެއް ނުވެއެވެ.

ގޮޓާބަޔަ އަށް ރާއްޖެއިން ހިމާޔަތް ދިންކަމަށް ބުނެ ލަންކާ ރައްޔިތުން ވަނީ ނުރުހުން ފާޅުކޮށްފައެވެ.

ގޮޓާބަޔަ ރައީސްކަމުން އިއްޔެ ނޫނީ ރޭގައި އިސްތިއުފާ ދެއްވާނެކަމަށް ބެލެވުނަށް އަދި އިސްތިއުފާދެއްވާފައެއް ނުވެއެވެ. ނަމަވެސް ވެރިކަމުގެ ބާރުތައް މިހާރު ވަނި ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ އާއި ހަވާލު ކުރަށްވާފައެވެ.