ވޭތުވެ ދިޔަ 17 ވަރަކަށް އަހަރުގެ ތެރޭގައި ރާއްޖޭގައި ދީނަށް ޚިދުމަތް ކުރި ޕާޓީއަކީ ނުވަތަ ޖަމާއަތަކީ އަދާލަތު ޕާޓީކަމަށް އެ ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން ޢަބުދުﷲ ވިދާޅުވެއްޖެއެވެ.
އިމްރާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބަޔަކު ގަބޫލުކުރިޔަސް ނުކުރިޔަސް މިދިޔަ ތިން އަހަރު ނުވަތަ 2005 ވަނަ އަހަރުން ފެށިގެން މިހާތަނަށް ބެލިނަމަވެސް އަދާލަތުގެ އިލްމުވެރީންނަށް ވުރެ ބޮޑަށް އިސްލާމް ދީނަަށް ހިދުމަތް ކުރި ޕާޓީއެއްވެސް އަދި ޖަމާއަތެއްވެސް ރާއްޖޭގައި ނެތް ކަމަށެވެ. އަދި ހަގީގަތަކީ އެއީ ކަމަށް ވިދާޅުވެފައި ވެއެވެ.
އޭގެ ކުރިން އިމްރާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ އަދާލަތު ޕާޓީ އުފެދުނީ ރާއްޖޭގައި ފަނޑުވަމުން ދިޔަ އިސްލާމް ދީނުގެ މަތިވެރި އުސޫލުތައް ނެގެހެއްޓުމަށްޓަކައި ކަމަށެވެ.
"އިންޝާﷲ މި ޕާޓީ ދެމި އޮންނާނީ އެ ޒިންމާ އަދާކުރުމުގައި" އިމްރާން ވިދާޅުވެފައިވެއެވެ.
އިމްރާންގެ މި ދެ ޓްވީޓަށް ވެސް ގިނަ ބަޔަކު ޚިޔާލު ފާޅުކޮށްފައިވެއެވެ.
އަދާލަތު ޕާޓީއަކީ ގިނަ އަދަދެއްގެ ދީނީ ޢިލްމްވެރިން ހިމެނިވަޑައިގަންނަވާ ޕާޓީއެކެވެ. އަދި އެ ޕާޓީއަކީ މިހާރު އޮތް ސަރުކާރު ހިންގާ އިއްތިހާދުގެ ވެސް މުހިންމު ބައިވެރިއެކެވެ.
މި ސަރުކާރުގެ ހޯމް މިނިސްޓްރީގެ އިތުރުން އިސްލާމިކް މިނިސްޓްރީއަކީ ވެސް އަދާލަތުގެ މިނިސްޓަރުންނާއި، އިސް ސިޔާސީ މަޤާމުތަކުގައި އެ ޕާޓީގެ ބައެއް ބޭފުޅުން ތިއްބެވި ދެ މިނިސްޓްރީއެވެ.
މީގެ އިތުރުން ފެހި ޤާނޫނުއަސާސީއަށްފަހު އުފެދުނު ކޮންމެ ވެރިކަމެއްގައިވެސް ކުޑަ ދުވަސްކޮޅަކަށް ނަމަވެސް އިސްލާމީ މިނިސްޓްރީ ހިންގުމުގެ ލަގަން އެ ޕާޓީއަށް ވަނީ ލިބިގެން ގޮސްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!