ގިނަ އަދަދެއްގެ ބަޔަކު ބުލެކްމެއިލް ކުރުމާއި އެއްޖިންސުން ގުޅުން ހިންގި (ލިވާތު) މައްސަލައިގައި ހައްޔަރުކޮށްފައިވާ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އަލަމްގީރްގެ ބަންދަށް ފަސް ދުވަސް ކޯޓުން އިއްޔެ ޖަހައިފިއެވެ.
މި މައްސަލާގައި އަލަމްގީރް ހައްޔަރުކޮށްފައިވަނީ މާފަންނުގައި އޭނާ ދިރިއުޅޭ ގެސްޓް ހައުސްގައި އުޅެނިކޮށް މިމަހުގެ 12 ވަނަ ދުވަހުގެ މެންދުރުފަހުގެ ވަގުތެއްގަ އެވެ.
އޭނާ ތަހުގީގަށް ފަސް ދުވަހަށް ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން އަމުރުކޮށްފައި ވަނީ އިއްޔެއެވެ.
އަލަމްގީރު ހައްޔަރުކޮށް ތަހުގީގަށް މުއްދަތު ކޯޓުން ޖަހައިދިންއިރު، އެއްޖިންސުން ގުޅުން ހިންގައި ބަރަހަނާ ފޮޓޯ އާއި ވީޑިއޯ ލީކުކޮށް ގިނަބަޔަކު ބުލެކްމެއިލް ކުރާ މައްސަލައާ ގުޅޭގޮތުން ފުލުހުން ކުރިން ވިދާޅުވެފައިވާ ގޮތުގައި މިދިޔަ މާޗު މަހުގެ ފަހު ހަފުތާ އިން ފެށިގެން އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. ބުލެކްމެއިލްކުރާ ބަޔަކު ދެނެގަނެވިފައިވާ ކަމަށް، މިިދިޔަ މަހުގެ 27 ގައި ފުލުހުން ވިދާޅުވި އެވެ.
ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޯފުޅު ނާޒިމް ސައްތާރުކަމަށް ތުހުމަތުކުރެވޭ މީހަކު އަލަމްގީރް ދިރިއުޅޭ ކޮޓަރީގައި އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯ އާންމުވެފައި ވަނީ މިދިޔަ މަހުގެ 24 ވަނަ ދުވަހު އެވެ. ނަމަވެސް ނާޒިމް ސައްތާރު ވަނީ އެއީ އެޑިޓްކޮށްފައިވާ ވީޑިއޯއެއްކަމަށް ބުނެ އެކަމަށް އިންކާރުކޮށްފަ އެވެ.
އޭގެ ދުވަސްކޮޅެއް ފަހުން، ރައްޔިތުން މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ނަޝީދު (ކާނަލް) ހަމަ އެ ކޮޓަރީގައި ހުރި މަންޒަރު ފެންނަ ފޮޓޯއެއް އާންމުވި އެވެ. ކާނަލް ވަނީ އެފޮޓޯއިން ފެންނަނީ އެބޭފުޅާކަމަށް އިޢުތިރާފްވެފަ އެވެ. އެކޮތަރިއަށް ދިޔައީ ވިޔަފާރި ބައްދަލުވުމަކަށް ކަމަށް ވިދާޅުވެފައެވެ.
މީގެ އިތުރުން ވެސް އިތުރު ދިވެއްސަކާއެކު އަލަމްގީރް އެއްޖިންސުގެ ގުޅުން ހިންގާ ވީޑިއޯ ވެސް އާންމު ވިއެވެ.
ބަރަހަނާ ވީޑިއޯތަކާ ގުޅިގެން ފުލުހުން ވަނީ އަލަމްގީރާއި ނާޒިމް ސައްތާރު އަދި ކާނަލް ނަޝީދުގެ ޕާސްޕޯޓުވެސް ހިފަހައްޓައިފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!