ހާލަތު ގޯސްވެ ސަރުކާރާއި ދެކޮޅަށް އެތައް ހާސް ބަޔަކު މަގުތަކަށް ނިކުމެފައި ވަނިކޮށް، އަވަށްޓެރި ސްރީލަންކާގައި ކުއްލި ހާލަތު އިއުލާނުކޮށްފި އެވެ.

އެ ޤައުމުގެ ބައެއް މީޑިއާތަކުންނާއި، ބޭރު ބައެއް އެހެން މީޑިއާތަކުގައި ވެސް ބުނެފައިވާ ގޮތުން މުޅި ލަންކާގައި މިހާރު ކުއްލި ހާލަތު އިއުލާނު ކޮށްފައެވެ.

Ad
rt

އެ ޤައުމުގައި ކުއްލި ހާލަތު އިއުލާން ކުރެއްވުމަށްފަހު ހަމަނުޖެހުން އުފައްދާ މީހުން އުފުލާ ވެހިކަލްތައް ހުއްޓުވައި، ސަލާމަތީބާރުތަކުގެ ބެލުމުގެ ދަށަށް ގެންނަން ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ ވަނީ ސަލާމަތީ ބާރުތަކަށް އަމުރު ކުރައްވާފައިކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.

ލަންކާގައި ކުއްލި ހާލަތު މިއަދު ޢިއުލާން ކޮށްފައި ވަނީ އެ ޤައުމުގެ ރައީސް ގޮޓާބަޔަ ރާޖަޕަކްސަ އާއި އަނބިކަނބަލުން ފިއްލަވައިގެން ރާއްޖެ ވަޑައިގެންފައި ވަނިކޮށެވެ.

މިދިޔަ ހޮނިހިރު ދުވަހު ލަންކާގެ އާންމުން ވަނީ ލަންކާގެ ރައީސްގެ ގެކޮޅު ހިސާރުކޮށްފައެވެ. އެ ހިސާބުން ގޮޓާބަޔާ އުޅުއްވީ ފިއްލަވައިގެންނެވެ.

ގޮޓާބަޔާ ރައީސްކަމުން އިސްތިއުފާ ދެއްވަން ނިންމަވާފައި އޮތީ މިއަދުއެވެ. އެހެންވެ ގައުމަށް ބޭރަށް ވަޑައިގަތީ އިސްތިއުފާ ދެއްވުމާ އެކު ހައްޔަރުކޮށްފާނެ ކަމުގެ ބިރު އޮތުމުން ކަމަށް ބެލެވެ އެވެ. އޭނާ އަކީ އަދިވެސް ލަންކާގެ ރައީސަށްކަމަށް ވުމުން އޭނާ ހައްޔަރުކުރުމުގެ ގާނޫނީ ބާރެއް ލަންކާގައި ނެތެވެ.

ބައެއް މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން ރާއްޖެއަކީ ގޮޓާބަޔާގެ އަސްލު މަންޒިލް ކަމަށް ނުބެލެވެއެވެ. އެހެންވެ އޭނާ ރާއްޖެގައި ހުންނަވާ އިސްތިއުފާ ދެއްވަފާނެ ކަމަށް ނުބެލެވޭ ކަމަށް ވެސް އެ ފަރާތްތަކުން ބުނެއެވެ.

ގޮޓާބަޔަ ފިއްލަވައިގެން ރާއްޖެ ވަޑައިގެންފައިވާއިރު އަދި ރާއްޖޭގެ ސަރުކާރުން ރަސްމީ ބަހެއް ބުނަފައެއް ނުވެއެވެ.