ސްރީލަންކާގެ ރައީސް ގޮޓާބަޔަ ރާޖަޕަކްސަ އާއި އަނބިކަނބަލުން ފިއްލަވައިގެން ރާއްޖެ ވަޑައިގެންފައިވާއިރު އެކަން ހިނގާދިޔަ ގޮތް ސާފުކުރަން ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ހުށަހަޅުއްވާނެ ކަމަށް މޯލްޑިވްސް ނެޝެނަލް ޕާޓީ (އެމްއެންޕީ) އިން ބުނެފިއެވެ.
އެންޓޮނޯވް-32 މަރުކާރުގެ އަސްކަރީ ބޯޓެއްގައި ގޮޓާބަޔަ އާއި އޭނާގެ އަނބިކަނބަލުން އަދި ބޮޑީގާޑުންނާއެކު ޖުމްލަ ހަތަރު މީހުން ރާއްޖެ ވަޑައިގެންނެވީ ރޭ މެންދަމުން އެނބުރިފަހުންނެވެ.
ގޮޓާބަޔަ ރާއްޖެ ވަޑައިގެންނެވުމާއި ގުޅިގެން ސަރުކާރު މިހާތަނަށް އޮތީ ހިމޭނުންނެވެ. ނަމަވެސް މި މައްސަލާގައި ގޮޓާބަޔަ އަނބުރާ ޤައުމަށް ފޮނުވާލަން ގޮވާލާ އަޑު ގަދަވެފައިވާއިރު، އެމަނިކުފާނު ރާއްޖެ އެތެރެވާން ފުރުސަތު ދިން މައްސަލާގައި ވެސް ދަނި ފާޑު ކިޔަމުންނެވެ.
މިހެން ކަން ހިނގަމުންދާއިރު މިއަދު އެމްއެންޕީން ކުރި ޓްވީޓެއްގައި ބުނީ އެކަން ހިނގާ ދިޔަގޮތް ސާފުކުރަން އެ ޕާޓީން މަޖިލީހަށް މައްސަލަ ވައްދާނެ ކަމަށެވެ.
"ސްރީލަންކާގެ ރައީސްއަށް ރާއްޖެއިން ހިމާޔަތް ދިން މައްސަލާގައި ސަރުކާރުން އަމަލު ކުރިގޮތް ސާފު ކުރުމަށް މަޖުލީހަށް ހުށަހަޅަން އެމްއެންޕީގެ ޕާލިމެންޓް ގުރޫޕުން ވަނީ ނިންމާފަ" އެމްއެންޕީން ބުނެފަވެއެވެ.
ސްރީލަންކާގެ ރައީސްއަށް ރާއްޖެއިން ހިމާޔަތް ދިން މައްސަލާގައި ސަރުކާރުން އަމަލު ކުރިގޮތް ސާފު ކުރުމަށް މަޖުލީހަށް ހުށަހަޅަން އެމްއެންޕީގެ ޕާލިމެންޓް ގުރޫޕުން ވަނީ ނިންމާފަ.
— Maldives National Party (@MNP_Secretariat) July 13, 2022
ބައެއް މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން ރާއްޖެއަކީ ގޮޓާބަޔާގެ އަސްލު މަންޒިލް ކަމަށް ނުބެލެވެއެވެ. އެހެންވެ އޭނާ ރާއްޖެގައި ހުންނަވާ އިސްތިއުފާ ދެއްވަފާނެ ކަމަށް ނުބެލެވޭ ކަމަށް ވެސް އެ ފަރާތްތަކުން ބުނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!