ވިމަބަލްޑަން ޓެނިސް މުބާރާތް ދުނިޔޭގެ އެއްވަނަ ޓެނިސް ކުޅުންތެރިޔާ ސާބިއާގެ ނޮވާކް ޖޮކޮވިޗް ކާމިޔާބު ކޮށްފިއެވެ.

ޖިކޮވިޗް މި މުބާރާތް ޖުމްލަ ހަތްފަހަރު ކާމިޔާބު ކޮށްފައިވާއިރު، މިއީ އޭނާ މި މުބާރާތް ވިދިވިގެން ކާމިޔާބުކުރި ހަތަރުވަނަ ފަހަރެވެ. މި މުބާރާތް ވިދިވިދިގެން ހަތަރުފަހަރު ކާމިޔާބު ކޮށްފައިވާ ކުޅުންތެރިންގެ ތެރޭގައި ހިމެނެނީ ޖޮކޮވިޗްގެ އިތުރުން ރޮޖާ ފެޑެރާ، ޕީޓަ ސަމްޕަރަސް އަދި ބިޔޯން ބޯގްއެވެ.

Ad
rt

އާދީއްތަ ދުވަހު ކުޅުނު ފައިނަލް މެޗުގައި ޖޮކޮވިޗާއި ދެކޮޅަށް ކުޅެފައިވަނީ އޮސްޓްރޭލިއާގެ ނިކް ކިރްގިއޯސްއެވެ. ފައިނަލް މެޗުގެ ފުރަތަމަ ސެޓްގައި ޖޮކޮވިޗްއަށް އެންމެ އެދެވޭ ކުޅުން ނުދެއްކުމުގެ ނަތީޖާއެއްގެ ގޮތުން ފުރަތަމަ ސެޓް ކާމިޔާބު ކޮށްފައިވަނީ ކިރްގިއޯސްއެވެ. ނަމަވެސް ޖޮކޮވިޗް ވަނީ ޖެހިގެންއައި ތިން ސެޓްގައި މޮޅު ކުޅުމެއް ދައްކައި މެޗު ކާމިޔާބު ކޮށްފައެވެ. ފައިނަލް މެޗުގެ ސެޓްތައް ގޮސްފައިވަނީ 4-6 6-3 6-4 7-6 (7-3) އިންނެވެ.

މިއީ އުމުރުން 27 އަހަރުގެ ކިރްގިއޯސް ގްރޭންޑް ސްލޭމް މުބާރާތެއްގައި ވާދަކުރި ފުރަތަމަ ފަހަރެވެ. ކިރްގިއޯސްއަށް މުބާރާތުގެ ފައިނަލުން ޖާގަ ލިބިފައިވަނީ، ސެމީ ފައިނަލުގައި އޭނާއާއި ވާދަކުރަން އޮތް ސްޕެއިންގެ ރަފޭލް ނަޑާލްގެ ބަނޑަށް ލިބުނު އަނިޔާއަކާއި ގުޅިގެން މެޗު ދޫކޮށްލުމުންނެވެ.

މިއީ އުމުރުން 35 އަހަރުގެ ޖޮކޮވިޗް ކާމިޔާބުކުރި 21 ވަނަ ގްރޭންޑް ސްލޭމް މުބާރާތެވެ. ގްރޭންޑް ސްލޭމް މުބާރާތް އެންމެ ގިނައިން ކާމިޔާބު ކޮށްފައި ވަނީ ރަފޭލް ނަޑާލްއެވެ. އޭނާ ވަނީ ޖުމްލަ 22 ފަހަރު ގްރޭންޑް ސްލޭމް މުބާރާތް ކާމިޔާބު ކޮށްފައެވެ. މި ލިސްޓްގެ ތިންވަނާގައި 20 ގްރޭންޑް ސްލޭމް މުބާރާތް ކާމިޔާބު ކޮށްފެން އޮތީ ރޮޖާ ފެޑެރާއެވެ.