ސްރީލަންކާއަށް ކުރިމަތިވެފައިވާ ހާލަތުން އަރައިގަތުމަށް ތަޖުރިބާހުރި މީހެއްގެ އެހީ އެގައުމަށް ބޭނުންވާ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އިގްތިޞާދީ ކާރިސާއިން އެގައުމު ސަލާމަތް ކުރުމަށް ބޭނުންވަނީ ހަރުދަނާ ތަޖުރިބާކާރެއް ކަމަށާއި މި ވަގުތަކީ ލަންކާއަށް ވަރަށް ދަތި އުނދަގޫ ދުވަސްވަރެއް ކަމަށެވެ. އަދި ގައުމަށް ދިމާވެފައިވާ ހާލަތުން އަރައިގަތުމަށް ތަޖުރިބާހުރި މީހެއްގެ އެހީ އެގައުމަށް ބޭނުންވާ ކަމަށެވެ.
މީގެ އިތުރުން ރައީސް ނަޝީދު ކުރެއްވި އިތުރު ޓުވީޓެއްގައި ވިދާޅުވީ، ލަންކާގެ މިހާރުގެ ހާލަތާއި ގުޅިގެން ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ލަންކާއަށް ވަޑައިގަތުމަކީ ވަރަށް ބޭނުންތެރި ކަމެއްކަމުގައެވެ.
ލަންކާގައި ހިނގަމުންދާ ހަމަނުޖެހުންތަކާއި ގުޅޭ ޚަބަރެއް ހިއްސާ ކުރައްވައި، ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ރައްޔިތުންގެ މަޖިލީހުގެ ރަސްމީ ވަޓްސްއަޕް ގުރޫޕްގައި ދެއްކެވި ވާހަތަކަށް އިޝާރާތް ކުރައްވައެވެ. ބޮންޑޭ ވިދާޅުވީ މިހާލަތު ލަންކާއަށް ކުރިމަތިވީ ދަރަނިނެގުމާއި، ދަރަނި އަދާކުރެވޭނެ ގޮތެއް ނެތުމުން ގޮސް ހުސްވުމުންކަމަށެވެ. މިހާލަތަށް ވަރަށް ބޮޑަށް ރާއްޖެއިން ސަމާލުވާންޖެހޭކަމަށް އޭނާ ވިދާޅުވިއެވެ.
ބޮންޑޭގެ ވާހަތަކަށް އިޝާރާތް ކުރައްވައި ސްރީލަންކާގެ އިޤުތިޞާދީ ހާލަތުދަށްވެ އަސާސީ ބައެއް ތަކެތި ލިބުން ދަތިވުމުން ބޭރު ގައުމުތަކުން އެހީ ހޯދަން ސްރީލަންކާ ސަރުކާރުން ކަނޑައަޅާފައިވާ މަންދޫބު ރައީސް ނަޝީދު ވިދާޅުވީ މިހާލަތުގައި ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ލަންކާއަށް ދަތުރެއް ކުރުމަކީ ވަރަށް މުހިންމު ކަމެއްކަމަށެވެ.
މީގެ ކުރިން ސްރީލަންކާއަށް ދިމާވެފައިވާ މާލީ ހާލަތުން އަރައިގަތުމަށް އެ ގައުމަށް އެހީ ހޯދައިދިނުމުގެ މެދުވެރިއަކަށް އެގައުމުން ވަނީީ ރައީސް ނަޝީދު ހަމަޖައްސާފައެވެ. އެކަމަށް ރައީސް ނަޝީދު ހަމަޖެއްސީ، އެމަނިކުފާނުގެ އެދިލެއްވުމަކަށް ކަމަށް އެގައުމުގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ މީގެ ކުރިން ވިދާޅުވެފައިވެއެވެ.
ނަމަވެސް މިހާތަނަށް އެއްވެސް އެހީއެއް ލިބިފައިވާ ކަން އެއްވެސް ފަރާތަކުން ހާމަކޮށްފައެއް ނުވެއެވެ.
ލަންކާގެ އިގުތިސޯދީ ކާރިސާގެ ސަބަބުން އެތައް މަހެއް ވަންދެން ކުރި މަގުތަކުގައި ކުރި މުޒާހަރާތަކަށް ފަހު، ގޮތަބަޔާ އިސްތިއުފާ ދެއްވުމަށް ގޮވާލައި، އެގައުމުގެ އެކި ކަންކޮޅުތަކުން މުޒާހަރާގެ ބައިވެރިން ކޮލަމްބޯއަށް ގޮސްފައެވެ.
މުޒާހަރާގެ ބައިވެރިން ވަނީ ސްރީލަންކާގެ ވެރިރަށް ކޮޅުބުގައި ހުންނަ ރައީސް ގޮތަބާޔާ ރާޖަޕަކްސަ ދިރިއުޅުއްވާ ގެކޮޅަށް ވަދެވެ، އެތަން މުޒާހަރާގެ ބައިވެރިންގެ ބާރުގެ ދަށަށް ގެނެސްފައެވެ.
ސޯޝަލް މީޑިއާގައި އާއްމުވެފައިވާ ފޮޓޯ އަދި ވީޑިއޯތަކުން ފެންނަ ގޮތުގައި ބައެއް މީހުން ވަނީ އެ ގެކޮޅަށް ވަދެ، ލަންކާގެ ރައީސްގެ އަންނައުނުތަކާއެކު ފޮޓޯ ނަގާ، ނިދާ ކޮޓަރިކޮޅުގައި ހުންނަ އެނދުގައި އޮށޯވެ އޮވެ ފޮޓޯތައް ނަގައިފައެވެ. އަދި ބައެއް މީހުން ވަނީ އެގެކޮޅުގައި ހުންނަ ސްވިމިންޕޫލަށް އެރިފައެވެ.
މީގެއިތުރުން ބޮޑުވަޒީރު ރަނިލްގެ އަމިއްލަ ގެކޮޅު ކުރިމަތީގައި ވެސް މުޒާހަރާގެ ބައިވެރިން ވަނީ އެއްވެފައެވެ. ބައެއް ރިޕޯޓުތައް ބުނާ ގޮތުގައި އެ ގެކޮޅަށް އެކި ކަހަލަ ގެއްލުންތައް ވަނީ މުޒާހަރާގެ ބައިވެރިން ދީފައެވެ.
ލަންކާގެ އައު ބޮޑުވަޒީރަކަށް ރަނިލް އައްޔަން ކުރެއްވީ މިދިޔަ މެއި މަހުގެ 12ވަނަ ދުވަހުއެވެ. އޭނާ އެ މަގާމަށް އައްޔަންކުރެއްވީ ކުރިން އެ މަގާމުގައި ހުންނެވި ރައީސް ގޮތަބަޔާގެ ކޮއްކޯފުޅު އަދި ލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަ އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!