އާޖެންޓީނާގެ ހުނަރުވެރި ކުޅުންތެރިޔާ އަންހެލް ޑި މާރިއާ އެއް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން، ހިލޭ ޓްރާންސްފާއެއްގައި އިޓަލީގެ ޔުވެންޓަސްއަށް ސޮއި ކޮށްފިއެވެ.

އުމުރުން 34 އަހަރުގެ ޑި މާރިއާ ފާއިތުވި ސީޒަނުގެ ނިޔަލަށް، އޭނާ ފްރާންސްގެ ޗެމްޕިއަން ޕެރިސް ސެއިންޓް ޖާމެއިންއާއިއެކު ހަދާފައިވާ އެއްބަސްވުން ވަނީ ހަމަވެފައެވެ. ޑި މާރިއާ ޕީސްޖީ ދޫކޮށްލާފައި މިވަނީ އެ ޓީމަށް ހަތް ސީޒަން ކުޅުމަށް ފަހުއެވެ.

Ad
rt

މެންޗެސްޓާ ޔުނައިޓެޑުން 2014 ވަނަ އަހަރު ރެއާލް މެޑްރިޑުން ޑިމާރިއާ ގެނެސްފައަނި ވަނީ އޭރު އިނގިރޭސިވިލާތުގެ ރެކޯޑް ފީއެއްގެ ގޮތުގައި 59.7 މިލިއަން ޕައުންޑްގެ އަގަކަށެވެ. ނަމަވެސް ޔުނައިޓެޑްގައި ޑި މާރިއާއަށް މާ އެދެވޭ ކުޅުމެއް ނުދެއްކުމުން އެއް ސީޒަނަށްފަހު އެ ކުލަބުން ވަނީ އޭނާ 44.3 މިލިއަން ޕައުންޑަށް ޕީއެސްޖީއަށް ވިއްކާލާފައެވެ.

ޑިމާރިއާ ޕީއެސްޖީއާއިއެކު ފްރާންސް ލީގުގެ ޗެމްޕިއަންކަން ފަސްފަހަރު ވަނީ ހޯދާފައެވެ. އޭނާ ވަނީ ޕީއެސްޖީއަސް ކުޅެދިން 295 މެޗުގައި 92 ގޯލް ކާމިޔާބު ކޮށްދީފައެވެ. ރިޕޯޓްތަކުން ބުނާގޮތުގައި ޑިމާރިއާ ޔުވެންޓަސްއާ ގުޅުނީ 7.4 މިލިއަން ޑޮލަރުގެ މުސާރައަކަށެވެ.

ޔުވެންޓަސްއަށް ބަދަލުވުމަށް ފަހު ޑި މާރިއާ ބުނެފައި ވަނީ ޔުވެންޓަސް އަކީ އިޓަލީގެ އިތުރުން ދުނިޔޭގެ ނިސްބަތުން ބެލިޔަސް ބޮޑު ކްލަބެއް ކަމަށާއި އަދި ކުރިން އޭނާ ކުޅުނު ކްލަބްތަކުގައި ކުރި މަސައްކަތް ތަކުރާރުކޮށް ޔުވެންޓަސްއާ އެކު ވެސް ތަށިތަކެއް ހޯދަން ބޭނުންވާ ކަމަށެވެ.