ޖަޕާނުގެ ކުރީގެ ބޮޑުވަޒީރު ޝިންޒޯ އަބޭ އަވަހާރަވުމާ ގުޅިގެން، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް، ޖަޕާނުގެ ބޮޑުވަޒީރު ކިޝީޑާ ފުމިއޯއަށް ތަޢުޒިޔާ ގެ މެސެޖެއް ފޮނުއްވައިފި އެވެ.
ރައީސްގެ ތަޢުޒިޔާގެ މެސެޖުގައި، މިއަދު ހެނދުނު ހިނގި ހާދިސާގައި ލިބިވަޑައިގެންނެވި ޒަޚަމްތަކަށް ފަރުވާދެމުން ގެންދަނިކޮށް ޖަޕާނުގެ ކުރީގެ ބޮޑުވަޒީރު ޝިންޒޯ އަބޭ އަވަހާރަވެއްޖެކަމުގެ ޚަބަރު އަޑުއެއްސެވީ ފުން ހިތާމަޔާއި އެކުގައި ކަމަށް ވިދާޅުވިއެވެ.
ކުރީގެ ބޮޑުވަޒީރު ޝިންޒޯ އަބޭއަކީ ޖަޕާނަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވި ވަރުގަދަ ސިޔާސީ ޝަޚުސިއްޔަތެއްކަން ރައީސްގެ މެސެޖުގައި، ވަނީ ފާހަގަކުރައްވާފައެވެ.
މީގެ އިތުރުން އެމަނިކުފާނުގެ ބޮޑުވަޒީރުކަމުގައި ދިވެހިރާއްޖެ އާއިއެކު އޭގެ ކުރިން ދުވަހަކުވެސް ގުޅުން ބަދަހިވެފައި ނުވާ މިންވަރަށް އިޤުތިޞާދީ އަދި ސިޔާސީ ގުޅުންތައް ބަދަހިވެގެން ދިޔަކަމުގައިވެސް ރައީސްގެ މެސެޖުގައި ވިދާޅުވިއެވެ.
މި މެސެޖުގައި ، ހިތާމައިގެ މިދަނޑިވަޅުގައި ޝިންޒޯ އަބޭގެ ޢާއިލާއަށާއި، ޖަޕާނުގެ ސަރުކާރަށާއި، އެކުވެރި ރައްޔިތުންނަށް، ދިވެހި އެންމެހައި ރައްޔިތުންގެ ނަމުގައި ވަރަށް އިޚްލާޞްތެރިކަމާއެކު ތަޢުޒިޔާ ފޮނުއްވާ ކަމަށް ރައީސް ވިދާޅުވެފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!