އިންސާނާގެ ދުނިޔަވީ ޙަޔާތުގައި ކިޔަމަންތެރިކަން އަދާކުރަންޖެހޭ ފަރާތްތަކުގެ ތެރޭގައި މައިންބަފައިންގެ ވާހަކަ ކީރިތި ޤުރްއާނުގައި ބަޔާންކުރައްވާފައިވެއެވެ.

ސޫރަތުލް އިސްރާއު ގައި މާތްﷲ ވަޙީކުރައްވާފައިވެއެވެ. ((وَقَضَى رَبُّكَ أَلاَّ تَعْبُدُواْ إِلاَّ إِيَّاهُ وَبِالْوَالِدَيْنِ إِحْسَانًا إِمَّا يَبْلُغَنَّ عِندَكَ الْكِبَرَ أَحَدُهُمَا أَوْ كِلاَهُمَا فَلاَ تَقُل لَّهُمَآ أُفٍّ وَلاَ تَنْهَرْهُمَا وَقُل لَّهُمَا قَوْلاً كَرِيمًا – 23 ))

Ad
rt

މާނަ: "އެކަލާނގެއަށް މެނުވީ ތިޔަބައިމީހުން އަޅުކަން ނުކުޅައުމަށާއި، މައިންބަފައިންނަށް ހެޔޮކޮށްހިތުމަށް ކަލޭގެފާނުގެ ވެރި ރަސްކަލާނގެ ކަނޑައަޅުއަވައި އެންގެވިއެވެ. އެދެމީހުންކުރެ އެކަކު ނުވަތަ އެދެމީހުން ތިބާގެ ގާތުގައިތިބެ، މުސްކުޅިކަމާއި ހަމައަށް ފޯރައްޖެނަމަ އެދެމީހުންނަށް "އުފް" ވެސް ނުބުނާށެވެ! (އެބަހީ: ނުރުހުންތެރިކަމާއިކު ކިތަންމެކުޑަ ބަހެއްވެސް ނުބުނާށެވެ!) އަދި އެދެމީހުންނަށް އަޑުލައި ނުހަދާށެވެ! އަދި މާތްބަހުން އެދެމީހުންނަށް ބަސްބުނާށެވެ!"

މި އާޔަތަށް ނަޒަރުހިންގާލާއިރު ދަރިން، އެ ދަރިންގެ މައިންބަފައިންނަށް ކިޔަމަންތެރިކަން އަދާކުރަންޖެހޭކަން ތިންގޮތަކުން ބަޔާންކޮށްދެއްފާވައި އެބަވެއެވެ. ފުރަތަމަގޮތަކީ ﷲއަށް އަޅުކަންކުރުމާއި މައިންބަފައިންނަށް ހެޔޮކޮށްހިތުން، އެކުއެކީގައި ގުޅުވާލާފައި އޮތުމުން، މައިންބަފައިންނަށް ހެޔޮކޮށް ހިތުމާއި އެދެމީހުންނަށް ކިޔަމަންތެރިވުމަކީ އެއީ ﷲއަށް އަޅުކަންކުރުމުގެ ތެރެއިން ހިމެނިގެންވާ ކަމެއްކަމުގައި ޤުރްއާނުގައި ބަޔާންކުރައްވާފައިވުމެވެ. އެހެންވީމާ މައިންބަފައިންނަށް ކިޔަމަންތެރިކަން އަދާކޮށް، އެދެމީހުންނަށް ކަމޭހިތައި ހެޔޮކޮށްހިތުމަކީ ދަރިންނަށް ޘަވާބުލިބޭނެކަމެކެވެ.

ދެވަނަ ގޮތަކީ، އެދެމީހުން ނުވަތަ އެދެމީހުންގެ ތެރެއިން މީހަކު ދަރިފުޅުގެ ގާތުގައި ހުރެ މުސްކުޅިވެއްޖެނަމަ އެދެމީހުންކުރެ އެކަކާދިމާއަށްވެސް އަޑުލައިނުހެދުމެވެ. އެދެމީހުންނާދިމާލަށް ހަޅޭނުލެވުމެވެ. އަދި އެދެމީހުންނަށް ނަފްރަތުނުކުރުމާއި، ނުރުހުންތެރިކަން ފާޅުނުކުރުމެވެ. މި އާޔަތުގައި "މުސްކުޅިކަމާ ހަމައަށް ފޯރައްޖެނަމަ" އޭ އޮތުމުން އަހަރުމެންނަށް އެނގި ދޭހަވެގެންދަނީ މުސްކުޅިވުމުގެ ކުރިންވެސް މައިންބަފައިންނަށް ހެޔޮކޮށްހިތަންޖެހޭނެކަމެވެ.

ތިންވަނަ ގޮތަކީ، އެދެމީހުންނާ ވާހަކަދައްކާއިރު އަޑުގަދަކޮށް ވާހަކަނުދެއްކުމާއި އެދެމީހުންނާ ވާހަކަދައްކާއިރު މަޑުމައިތިރިކަމާއެކު ރީތިބަހުން ވާހަދެއްކުމެވެ. އޯގާތެރިކަމާއެކު، ލޯތްބާއިއެކު، އެދެމީހުންގެ ހިތްއުފާވާނެގޮތަކަށް ވާހަކަދެއްކުމެވެ.

އަދިވެސް އެކަލާނގެ ވަޙީކުރައްވާފައިވެއެވެ. ((وَاخْفِضْ لَهُمَا جَنَاحَ الذُّلِّ مِنَ الرَّحْمَةِ وَقُل رَّبِّ ارْحَمْهُمَا كَمَا رَبَّيَانِي صَغِيرًا – ސޫރަތުލް އިސްރާގެ 24))

މާނަ: "އަދި އޯގާތެރިވުމުގެ ގޮތުން، ނިކަމެތިކަމުގެ ފިޔަ، ތިބާ އެދެމީހުންނަށްޓަކައި ތިރިކޮށްލާށެވެ! އަދި ބުނާށެވެ! އަޅުގެ ވެރިރަސްކަލާކޮ! ކުޑަކުއްޖަކު ކަމުގައި މިއަޅާވީދުވަހު، އެދެމީހުން މިއަޅާ ބަލައިބޮޑުކުޅަ ފަދައިން، އެދެމީހުންނަށް ރަޙްމަތް ލައްވާނދޭވެ!"

މިއާޔަތުގައި ދަރިން، އެދަރިންގެ މައިންބަފައިންނަށްޓަކައި ހެޔޮދުޢާ ކުރުމަށް މާތްﷲ މިވަނީ އަންގަވާފައެވެ.

އިންސާނާގެ ދުނިޔަވީ ޙަޔާތުގެ ހަމަހުރިހާ ކަމަކަށްވެސް ކީރިތި ޤުރްއާނުގައި އަލިއަޅުވާލާފައިވެއެވެ. ބައެއްކަންކަން ސާފުސީދާ ބަހުން، ވަރަށް ތަފްޞީލުކޮށް ބަޔާންކުރައްވާފައިވާއިރު، ބައެއްކަންކަން ބަޔާންކޮށްދެއްވާފައިވަނީ ތަފްޞީލުކުރެއްވުމެއް ނެތިއެވެ. ބައެއްކަންކަމަށް ހަމައެކަނި އިޝާރާތްކުރައްވައި، ނަބަވީ ސުންނަތުން ތަފްޞީލު ލިބޭނޭގޮތަށް ބަޔާންކުރައްވާފައިވެއެވެ. ކީރިތި ޤުރްއާނުގައި ބަޔާންކުއްރައްވާފައިވާ ކަންކަމުގެ ތެރެއިން ގިނައިންހުރީ ނަބަވީ ސުންނަތުގެ އަލީގައި ތަފްޞީލު ލިބޭގޮތަށް ބާވައިލައްވާފައިވާ އާޔަތްތަކެވެ. އިސްލާމީ ޝަރީޢަތުގެ ތެރެއިން ނަބަވީ ސުންނަތުގެ ބައި ފަހުންއަދި ގެނެސްދެވޭނެއެވެ. އިންޝާﷲ!

2- އިންސާނާގެ ދުނިޔަވީ ޙަޔާތުގައި ބައެއްކަންކަމާ ކައިރިނުވެ، ދުރުހެލިވާން އަންގަވާފައިވެއެވެ.

ދުނިޔަވީ ޙަޔާތުގައި އެކަންކަމުން ދުރުހެލިވާން އަމުރުކުރައްވާފައިވާ ކޮންމެކަމަކީ، އެކަމަކާ ކައިރިވެއްޖެނަމަ އެކަމަކުން އިންސާނާއަށް ނުހަނުގެއްލުމާއި މުޞީބާތްތައް ކުރިމަތިކުރުވާނެ ކަންކަމެވެ. ދުރުހެލިވުމަށް އެންގެވި ކަންތައްކުގެ ވާހަކަ ބަޔާންކުރައްވާ މާތްﷲ ވަޙީކުރައްވާފައިވެއެވެ. ((وَلاَ تَقْرَبُواْ الزِّنَى إِنَّهُ كَانَ فَاحِشَةً وَسَاء سَبِيلاً ސޫރަތުލް އިސްރާ - 32))

މާނަ: "އަދި ތިޔަބައިމީހުން ޒިނޭއާއި ގާތްނުވާށެވެ! އެއީ ހުތުރުކަން ބޮޑުވެގެންވާ ފާފައެއްކަމުގައިވިއެވެ. އަދި މަގެއްގެގޮތުން އެކަންތައް ހާދަހައި ނުބައިވެގެންވެއެވެ."

3- ވިޔަފާރީގައި މިނެކިރުމުގައި މަކަރުނުހެދުމަށް ކީރިތި ޤުރްއާނުގައި ބަޔާންކުރައްވާފައިވެއެވެ.

އަލްއިސްރާ ސޫރަތުގެ 35 ވަނަ އާޔަތުގައި މާތްﷲ ވަޙީކުރައްވާފައިވެއެވެ. ((وَأَوْفُوا الْكَيْلَ إِذا كِلْتُمْ وَزِنُواْ بِالقِسْطَاسِ الْمُسْتَقِيمِ ذَلِكَ خَيْرٌ وَأَحْسَنُ تَأْوِيلاً ))

މާނަ: "އަދި ތިޔަބައިމީހުން މިނާހިނދު، މިނުން ހަމަކޮށް، ފުރިހަމަކުރާށެވެ! އަދި ސީދާވެގެންވާ ހަމަ ތިލަފަތުން ކިރާށެވެ! އެގޮތް (ތިޔަބައިމީހުންނަށް) ހެޔޮކަންބޮޑެވެ. އަދި ނަތީޖާގެގޮތުން ރިވެތިކަން ބޮޑުމެއެވެ."

ކީރިތި ޤުރްއާނުގައި އިންސާނާގެ ދުނިޔަވީ ޙަޔާތުގެ އެންމެހާ ކަންކަމެއްގެ ޙައްލުތަކާއި، އިންސާނާގެ ދުނިޔަވީ ޙަޔާތުގައި ކަންކުރަންވީގޮތް މިހާސާފުކޮށް ބަޔާންކޮށްދެއްވާފައިވާއިރުވެސް އަޅުގަނޑުމެން މުސްލިމުންގެ ޢަމަލުތައް ޤުރްއާނާއި އެއްގޮތަށް ބެހެއްޓޭތޯ މަސައްކަތް ކުރަމުންދަނީ ކިތައްކިތައް މުސްލިމުންތޯއެވެ. ނުވަތަ ކަމެއް ކުރަންފެށުމުގެ ކުރިން، ކުރަންމިއުޅޭކަންތައް ކުރުމުގައި ރަނގަޅުގޮތަކީ ކޮބައިތޯ ދީނީ މަޞްދަރުތަކުގެ އެހީގައި ހޯދާ އޮޅުންފިލުވަނީ ކިތައްކިތައް ދިވެހިންބާއެވެ؟

އެންމެހާ ލޮބުވެތި ދިވެހި މުސްލިމުންނޭވެ! ކަމެއްކުރާއިރު އެކަމަކާއިބެހޭގޮތުން ޤުރްއާނުގައި ނުވަތަ ނަބަވީ ސުންނަތުގައި އެކަމެއް ކުރަންއޮންނަގޮތް ހޯދައިގެން އެކަމެއް ކުރާބަޔަކަށް އަޅުގަނޑުމެންވަމާތޯއެވެ! ދުނިޔަވީ އަދި އުޚްރަވީ ހަޔާތުގެ ކޮންމެ ކަމެއް ކުރުމުގައިވެސް ޤުރްއާނުންނާއި ސުންނަތުންއެހީތެރިކަން ހޯދަމާތޯއެވެ!

-ނުނިމޭ-