ބަންދުގައި ތިބޭ ކުޑަކުދިންނަށް ތަޢުލީމު ދިނުމަށް އެޑިޔުކޭޝަނާއި ކަރެކްޝަންސްއިން އެއްބަސްވެއްޖެއެވެ.
މި އެއްބަސްވުމަކީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ބަންދުގައި ތިބޭ ކުޑަކުދިންނަށް ތަޢުލީމު ފޯރު ކޮށްދިނުމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަނާއި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސަސްއާ ދެމެދު ވެވުނު އެއްބަސްވުމެކެވެ.
މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން މި އެއްބަސް ވުމުގައި ޕަރމަނެންޓް ސެކްރެޓަރީ އަޙުމަދު ޢަލީ ސޮއި ކުރެއްވި އިރު މޯލްޑިވްސް ކަރެންޝަނަލް ސަރވިސަސްގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނަރ އޮފް ޕްރިޒަންސް، އަޙުމަދު މުޙައްމަދުފުޅެވެ.
މިއަދު ސޮއިކުރައްވާފައި އެމްއޯޔޫއަކީ ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރި ކުރުމުގެ ޤާނޫނުގެ 21 ވަނަ މާއްދާ އާއި
ތަޢުލީމުގެ ޤާނޫނު ގެ 6 ވަނަ މާއްދާ އާއި ކުޑަކުދިންގެ ޢަދުލުގެ ޤާނޫނުގެ 16 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ކުއްޖަކު ބަންދުގައި ބަހައްޓަންޖެހޭ ޙާލަތުގައިވެސް އެއްވެސް ތަފާތު ކުރުމެއްނެތި ކުއްޖާގެ އުމުރާ ގުޅޭގޮތުން ކުއްޖާއަށް ތަޢުލީމު ލިބިދިނުމުގެ ފުރުޞަތު ފަހިކޮށްދިނުމެވެ.
މި އެއްބަސްވުމުގެ ދަށުން ދަރިވަރުންގެ ކިޔެވުުގެ ކަންކަން ރާވާ ކުރިއަށް ގެންދާނީ މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން، އެ ދަރިވަރަކު ބަންދުގައި ހުރި ކަސްޓޯޑިއަލް ހުންނަ ރަށެއްގެ ސްކޫލެއް މެދުވެރިކޮށެވެ. މިކަން ކުރުމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސަސްއިން އެހީތެރިވާނެއެވެ.
މި އެމްއޯޔޫގެ ދަށުން މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ މައްޗަށް ކަނޑައަޅާފައިވާ މަސްއޫލިއްޔަތު ތަކުގެ ތެރޭގައި ކުޑަކުދިން ބަހައްޓާ މަރުކަޒަށް ގެނެވޭތާ އެއް މަސް ދުވަސް ތެރޭގައި އެމްސީއެސްގެ އެހީގައި އެ މަރުކަޒު ހުރި ރަށުގެ ސްކޫލްގެ މުދައްރިސުން މެދުވެރިކޮށް އެ ކުއްޖާގެ ތަޢުލީމީ ފެންވަރު ބެލުމަށް އެކަޑެމިކް އެސެސްމަންޓް ހަދައި ރިޕޯޓް ތައްޔާރުކުރަން ޖެހޭނެއެވެ.
މީގެއިތުރުން އެ ކުއްޖާގެ ފެންވަރަށް ބަލައި އިންޑިވިޖުއަލް ލަރނިންގ ޕްލޭން ތައްޔާރުކުރުމާއި އެ ކުއްޖާ ބަންދުގައި ހުންނަ މުއްދަތުގައި ކިޔެވުން ކުރިއަށް ގެންދާނެ ޕްލޭނެއް ތައްޔާރުކުރަން ޖެހެއެވެ.
މިއަދު ސޮއިކޮށްފައިވާ އެމްއޯޔޫގެ ދަށުން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ މައްޗަށް ލާޒިމްކޮށްފައިވާ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ކުދިންނަށް ކިޔަވައިދޭ މުދައްރިސުންނަށް ޢިނާޔަތްދިނުމާއި ކުދިން ކްލާސްތަކަށް ހާޒިރުކޮށްދިނުމާއި ކިޔެވުމަށް ބޭނުންވާ ތަކެތި ހޯދައި ދިނުމާއި މުދައްރިސުންގެ ސަލާމަތީ ކަންކަން ބެލެހެއްޓުން ފަދަ ކަންތައްތައް ހިމެނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!