މީގެ 11 އަހަރު ކުރިން ވިލިމާލޭގައި މަރާލި ނ. މާޅެންދޫ ވައިޓްހައުސް، އަހުމަދު މިރުޒާގެ އެއް ގާތިލަށް އޭނާގެ ބައްޕަ މައާފް ދިނުމުން އޭނާ މަރުގެ އަދަބުން މިއަދު ސަލާމަތްވެ، 17 އަހަރުގެ ޖަލު ހުކުމަކަށް ހައި ކޯޓުން އަދަބު ކުޑަކޮށްފި އެވެ.
ވިލިމާލޭގައި ގްރޫޕަކުން ގޮސް ލަކުޑިބުރިން ހަމަލާދީ 2011 ވަނަ އަހަރު މިރުޒާ މަރާލި މައްސަލާގައި ދެ މީހަކު މަރަން ކްރިމިނަލް ކޯޓުން ހުކުމްކުރި އެވެ. އޭގެ ތެރެއިން މަރުގެ އަދަބުން ސަލާމަތްވީ ވ. ފަޒީލާ މަންޒިލް މުހައްމަދު ޝިފާއު އެވެ.
މިރުޒާގެ ބައްޕަ ޝިފާއުއަށް މައާފް ދޭން ބޭނުންވާ ކަމަށް ކޯޓުގައި ބުނެފައިވާތީ ހައި ކޯޓުން ނިންމީ އިސްލާމީ ޝަރީއަތުގެ ދަށުން ޝިފާއުގެ ކިބައިން މިހާރު މަރަށް ނުހިފޭނެ ކަމަށެވެ. އެހެންވެ، މަރުގެ އަދަބު ބާތިލްކޮށް އެކަމަކު ތައުޒީރީ އަދަބެއްގެ ގޮތުން އޭނާ 17 އަހަރާއި ހަ މަހަށް ޖަލަށްލާން ހައި ކޯޓުން ހުކުމްކުރި އެވެ.
ކައްފާރާގެ ގޮތުން ދެ މަސް ދުވަހު ރޯދަ ހިފުމަށް ޝިފާއުގެ މައްޗަށް އެންގުމުގެ އިތުރުން މިރުޒާގެ ދެން ތިބި ވާރިސުން މަރުގެ ދިޔަ ބޭނުންވާ ނަމަ އެކަމަށް ވަކިން ދައުވާ ކުރެވިދާނެ ކަމަށް ވެސް ހުކުމުގައިވެ އެވެ.
ޝިފާއުގެ އިތުރުން މަރުގެ ހުކުމެއް ދެން އައީ ޏ. ފުވައްމުލަކު ޒާވިއާ، އަބްދުﷲ ނަޒީފަށެވެ. އޭނާގެ މައްސަލަ މިހާރު އޮތީ ސުޕްރީމް ކޯޓުގަ އެވެ. އޭނާއަށް ވެސް މިރުޒާގެ ބައްޕަ މައާފް ދީފައިވާތީ އޭނާގެ އަދަބު ވެސް ލުއިވާނެ ކަމަށް ބެލެވެ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!