މިހާތަނަށް ފުރަތަމަ ޑިގްރީއަށް ހިލޭ ކިޔެވުމުގެ ފުރުޞަތު 5600 އަށްވުރެ ގިނަ ދަރިވަރުންނަށްވަނީ ދީފައެވެ.

ހިލޭ ޑިގްރީ އަށް ކިޔެވުމުގެ ޕްރިގްރާމަށް މިހާތަނަށް 24 މިލިޔަނަށްވުރެ ގިނަ ރުފިޔާ ސަރުކާރުން ޚަރަދު ކޮށްފައިވާއިރު ހަޔަރަ އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ 3800 ދަރިވަރުންނަށް އިންވޮއިސްއާއި 1800 ކުދިންގެ ރިފަންޑް ހަމަޖައްސައި ދީފައިވާނެ ކަމަށެވެ. ހިލޭ ޑިގްރީއަށް ކިޔެވުމުގެ ފުރުޞަތަކީ ސަރުކާރުން އެކަމަކަށް ބޮޑު ހޭދައެއް ކުރުމަށް ނިންމާފައިވާ ކަމަކަށްވީއިރު މިކަމަށް 156 މިލިއަނެއްހާ ރުފިޔާ ޚަރަދުވާނެކަމަށް ސަރުކާރުން ލަފާކުރެއެވެ.

Ad
rt

މި ޕްރޮގްރާމްގެ ދަށުން ޤައުމީ ޔުނިވަރސިޓީއާއި އިސްލާމީ ޔުނިވަރސިޓީގައި ޑިގްރީއަށް ކިޔަވާ ދަރިވަރުންނަށް ހިލޭ ކިޔެވޭއިރު އަމިއްލަ ކޮލެޖުތަކުން ޑީގްރީއަށް ކިޔަވާ ދަރިވަރުންގެ ކޯސް ފީ ގެ %40 އާއި %60 އާ ދެމެދުގެ ޢަދަދެއް ސަރުކާރުން ދައްކައި ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ހިލޭ ޑިގްރީއަށް ކިޔަވާ ދަރިވަރުންގެ ފީ ދަރިވަރުންގެ އަތަށް ދޫކުރާގޮތަށް ހަމަޖެއްސުމަށް މަސައްކަތް ކުރަމަމުންދާކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ އިބްރާޙިމް ޙަސަން ވަނީ ވިދާޅުވެފައެވެ. މިގޮތަށް ހަދަން ނިންމީ ކޮލެޖުތަކާއި ޔުނިވަރސިޓީތަކުން ލިބެންޖެހޭ އިންވޮއިސްތައް ލިބުން ލަސްވެ ދަތިތައް ކުރިމަތިވާތީ ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ. ކޮލެޖް ތަކަށާއި ޔުނިވަރސިޓީތަކަށް ކޯސް ފީ ދިނުމުގެ ބަދަލުގައި ދަރިވަރުންގެ އަތަށް ފައިސާ ދޫކުރެވޭނެ އިންތިޒާމެއް ހަމަޖެހުމަކީ ދަރިވަރުންނަށްވެސް ފަސޭހަވެގެންދާނެ ކަމެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ރައީސް ސޯލިހް ގެ ރިޔާސީ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ ހިލޭ ޑިގްރީއަށް ކިޔެވޭ ޕްރޮގްރާމް މިއަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ތަޢާރަފް ކޮށްފައިވާއިރު މިޕްރޮގްރާމްގައި ބައިވެރިވުމަށް އެދި ހުށައަޅާ ފަރާތްތައް އަންނަނީ އިތުރުވަމުންނެވެ.