ސްޓެލްކޯގެ އިޖުތިމާއީ ޒިންމާގެ ދަށުން ޑައެބެޓީސް ސޮސައިޓީ އޮފް މޯލްޑިވްސްއާއެކު އެ ސޮސައިޓީގެ “ސޭވް އަ ޑައިބެޓިކް ޗައިލްޑް” ޕްރޮޖެކްޓް ސޮޕޮންސަރެއްގެ ގޮތުގައި ސޮއިކޮށްފިއެވެ.
އިއްޔެ ސްޓެލްކޯގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ސްޓެލްކޯގެ ފަރާތުން ސޮއި ކުރެއްވީ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަރީފްއެވެ. އަދި ޑައިބެޓީސް ސޮސައިޓީ އޮފް މޯލްޑިވްސްގެ ފަރާތުން ސޮއި ކުރެއްވީ، އެ ސޮސައިޓިގެ ޗެއަރ ޕާސަން އައިޝަތު ޝިރުހާނާއެވެ.
މި އެއްބަސްވުމުގެ ދަށުން މި އަހަރުގެ ބާކީ މިއޮތް ދުވަސްތަކުގައި އެ ޕްރޮގްރާމަށް ބޭނުންވާ އެހީތެރިކަން ސްޓެލްކޯއިން ފޯރުކޮށްދިނުމަށްވަނީ ހަމަޖެހިފައެވެ.
ޝިރުހާނާ ވިދާޅުވީ، މިއަދަކީ އެ ސޮސައިޓީއަށް ވަރަށްވެސް އުފާވެރި ދުވަހެއް ކަމަށާއި، 2000 ވަނަ އަހަރުއްސުރެ ހިލޭ ސާބަހަށް މަސައްކަތްކޮށް ހަކުރުބައްޔާއިމެދު މީހުން ހޭލުންތެރި ކުރުވާ، ހަކުރު ބަލި ތަހައްމަލް ކުރަމުންދާ ފަރާތްތަކަށް ދުޅަހެޔޮ ދިރިއުޅުމެއް އުޅުމަށް އެހީތެރިވެދެމުން އަންނަ ކަމަށެވެ. އަދި މިދިޔަ 22 އަހަރު ވަރަށް ގިނަ ޕްރޮގްރާމްތަކެއް ހިންގާފައިވާކަމަށާއި، އޭގެ ތެރެއިންވެސް ކުޑަކުދިން އަދި ޒުވާނުންނަށް ހާއްސަކޮށްގެން ހިންގާ “ސޭވް އަ ޑައިބެޓިކް ޗައިލްޑް” ޕްރޮޖެކްޓް ފާހަގަ ކޮށްލެވޭ ކަމަށްވެސް ޝިރުހާނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މި ޕްރޮޖެކްޓްގެ ދަށުން، ހިލޭ ކްލިނިކަކާއި، ހަކުރު ބައްޔާއެކު، ދުޅަހެޔޮ ދިރިއުޅުމެއް އުޅުމަށް ބޭނުންވާ ކަންތައްތަކެއް މަގުފަހިކޮށްދިނުމަށް، މަސައްކަތްތަކެއް ކުރަމުން ގެންދިޔަ ކަމަށެވެ. އެގޮތުން އިންސުލިން ޖަހަން ބޭނުންވާ ޕެން އާއި، ޓެސްޓު ކުރުމަށް ބޭނުންވާ ސާމާނު ފޯރުކޮށްދެމުން ގެންދިޔަ ކަމަށާއި، އެހެން ނަމަވެސް، 2020 ގައި ދިމާވި، މާލީ ދަތިތަކާއެކު ޕްރޮޖެކްޓް ކުރިއަށް ގެންދިއުމަށް ގިނަ ދަތިތަކެއް ކުރިމަތިވިކަމަށް އޭނާ ވިދާޅުވިއެވެ.
“އަޅުގަނޑުމެން އެކި ފަރާތްތަކަށް ދަންނަވަމުން ގެންދިޔައިން އަޅުގަނޑުމެންނަށް މިކަމުގައި އެހީތެރިކަން ވެދެއްވުމަށް. އަދި މިކުދިންނަށް ހަމަ އެކުދިންގެ ދިރިއުޅުން ރަނގަޅުގޮތުގައި ކުރިއަށްގެންދިއުމަށް އަޅުގަނޑު ދަންނަވަން ބޭނުންވަނީ ދިރި ތިބުމަށޭ. އެހީތެރިވުމަށް އަޅުގަނޑުމެން އެދެމުންދިޔައީ. އަޅުގަނޑު ވަރަށް އުފާވެއްޖެ ސްޓެލްކޯއިން އަޅުގަނޑުމެންނަށް މިކަމުގައި އިޖާބަދީ، އަޅުގަނޑުމެންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އިސްނެންގެވީތީވެ” ޝިރުހާނާ ވިދާޅުވިއެވެ.
ސްޓެލްކޯގެ މޭނޭޖިން ޑިރެކްޓަރ އަހުމަދު ޝަރީފް ވިދާޅުވީ، “ސޭވް އަ ޑައިބެޓިކް ޗައިލްޑް” ޕްރޮޖެކްޓް ހިންގުމަށްޓަކައި ދޭންޖެހޭ ހުރިހާ ބާވަތެއްގެ އެއްބާރުލުމެއް ދެއްވާނެ ކަމަށެވެ. އަދި، ސްޓެލްކޯއަކީ ސަރުކާރުން ރައްޔިތުންނަށް ހިދުމަތް ކުރެއްވުމަށްޓަކައި އުފައްދާފައިވާ ކުންފުންޏެއް ކަމަށާއި އެހެން ކަމުން ރައްޔިތުންނަށް ދިމާވާ އުނދަގޫތަކާއި، ދިމާވެދާނެ ކަންކަމަށް ބަލައި އަބަދުވެސް ކުންފުނިން އެހީތެރިކަން ފޯރުކޮށްދެމުން ގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!