ބޮޑުތަކުރުފާނު މަގު އެކުވެނި ޓްރެކު ސަރަހައްދުން ދުއްވާފައި ދިޔަ ކާރަކާއި ބަހެއް ޖެހި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި އަންހެނަކު ނިޔާވެއްޖެ އެވެ.

ފުލުހުން ވަނީ މިކަން ކަށަވަރުކޮށްދެއްވާފަ އެވެ.

Ad
rt

މި ހާދިސާގެ މަޢުލޫމާތު ދެމުން ފުލުހުން ބުނީ މި އެކްސިޑެންޓުގައި 6 މީހަކަށް އަނިޔާވެ ފަރުވާ ދެމުން އަންނަ ކަމަށެވެ. އެ މީހުންގެ ހާލާ ގުޅޭ އިތުރު މައުލޫމާތެއް ފުލުހުން ހާމަކޮށްފައި ނުވެ އެވެ.

މަޢުލޫމާތު ލިބޭގޮތުގައި އަނިޔާ ލިބިފައިވާ މީހުންނަށް ފަރުވާދެމުން ދަނީ އައިޖީއެމްއެޗް ހޮސްޕިޓަލުގެ އިމަޖެންސީ ރޫމުގަ އެވެ. އަނިޔާވި ހަތަރު މީހުންނަކީވެސް އެއް އާއިލާއަކަށް ނިސްބަތްވާ ބަޔެކެވެ.

އެކްސިޑެންޓްގައިި ގެއްލުން ލިބިފައިވަނީ ބަސް ޓާމިނަލްއަށް ދަތުރުކުރަމުން ދިޔަ އެމްޓީސީސީގެ ޑަބަލް ޑެކް ބަހަކަށާއި ރަތް ކުލައިގެ ކާރަކަށާއި އަދި ހުދުކުލައިގެ ކާރަކަށެވެ. ބަހުގައި ޖެހުން ކާރުގައި ތިބި މީހުން ކާރުން ނެރުނީ ކާރު ކަފާލައިގެންނެވެ.

ފޮޓޯތަކުން ފެންނަ ގޮތުގައި ކާރުގެ ފަހަތަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފަ އެވެ. އަދި، ބަހުގެ ވިންޑްޝީލްޑް ވެސް ވަނީ ތަޅައިގެން ގޮސްފަ އެވެ. އެކްސިޑެންޓްގައި ޖެހުން އަނެއް ކާރަށްވެސް އެކިވަރުގެ ގެއްލުން ލިބިފައިވެއެވެ. މި ކާރުގައި ތިބި އެއްވެސް މީހަކަށް އަނިޔާވެފައެއް ނުވެ އެވެ.

އެމްއެންޑީއެފުން ބުނިގޮތުގައި، އެކްސިޑެންޓްވި ކާރުގައި ތާށިވި މީހުން އެ ކާރުން ނެރެ، ސަލާމަތްކުރީ ފަޔާ ސާވިސްގެ ސިފައިންގެ އެހީތެރިކަމާއެކުގަ އެވެ.

މިކަން ފުލުހުން ދަނީ ތަޙްޤީގު ކުރަމުންނެވެ.